އައްޑޫ ސިޓީގެ ރައްޔިތުންނަށް ޓަކައި މި ސިޓީގައި ތަރައްގީކުރާ ރިސޯޓްތަކަށް އިންވެސްޓްކުރައްވަން ތައްޔާރުކަމަށް އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިރޭ އައްޑޫގައި އޮތް ބޮޑު ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އަލުން އެމްޑީޕީން ދެވަނަ ދައުރަކަށް ކޯލިޝަނުގައި ކުރިމަތިލަނީ އައްޑޫ ތަރައްގީކުރުމަށްކަމަށެވެ. އައްޑޫގައި އަލަށް ހަދާ ރިސޯޓުތައް ތަރައްގީކުރާނީ ދެވަަނަ ދައުރުގައިކަމަށް ސިޔާމް ވިދާޅުވިއެވެ.
"އިންވެސްޓްމަންޓެއް ނައިސްފިކަަމަށް ވަންޏާ ސީދާ ޚުދު އަޅުގަނޑު ވެސް އައްޑޫގެ ރައްޔިތުންނަށް މި ރިސޯޓުތައް ހަދައިދޭނަން،" ސިޔާމް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މި ސިޓީގައި އެންމެ ފުރަތަމަ ހެރެތެރެ ރިސޯޓް ހުޅުވިއިރު އެ ތަން ތަރައްގީކުރުމުގެ މަސައްކަތަށް އިންވެސްޓްކުރެއްވި އެއް ބޭފުޅަކީ އެ މަނިކުފާނު ކަމަށެވެ.
"ސީދާ އަޅުގަނޑާއި އިތުރު ބޯޑް މެމްބަރުންތަކަކާއެކު އެ ކަން ކުރީ. އަޅުގަނޑުމެން އެ ތަން ހެެދީ. އެ ތަން ހަަދައި އެއް އަހަރު ދުވަހު ހިންގީމު،"ސިޔާމް ވިދާޅުވިއެވެ.
އެއާއެކު ފަހުން އެތަނުގެ ހިއްސާ އެއްކޮށް އެ ފަރާތަށް ވިއްކައި ކުރި އިންވެސްޓްމަންޓުގެ ފައިދާ ފަހުން ހޯދީކަމަށް ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ރާއްޖޭގެ އުތުރުން ދެކުނަށް، އައްޑުއަށް އަންނަ ބަދަލާއި ތަރައްގީއަކީ މި ސިޓީގެ ރައްޔިތުން ފެށުނީއްސުރެ އިންތިޒާރުކުރަމުން އަންނަ ކަންތައްތަކެއްކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އައްޑޫގައި ފަތުރުވެރިކަން އިތުރަށް ފުޅާވާނެކަމަށާއި މިއީ ހަގީގީ މަންޒަރަކަށް ވާނެކަމަށް ސިޔާމް ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ ވަކި ސަރަހައްދެއް ތަރައްގީވެ، ދެން އޮތް ސަރަަހައްދު ބާކީވުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ބޭނުންފުޅުވެވަޑައިގަންނަވާ ގޮތެއް ނޫންކަމަށެވެ.
އެއް ބަޔަކު ފަގީރުވެ ދެން ތިބި ބަޔަކު މުއްސަނދިވެ މާ ދުރަށް ދިއުމަކީ ކަން އޮންނަންވާނެ ގޮތެއް ނޫންކަމަށް ރައީސް ގަބޫލުފުޅުކުރައްވާކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.
އިގްތިޞާދީ ބޮޑު ބަދަލެއް ދެން އަންނަ ދައުރުގައި އަންނައިރު އައްޑުއަކީ ޓޫރިޒަމްގެ ބޮޑު ޑެސްޓިނޭޝަނަކަށްވާނެ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.
"އައްޑޫގެ ރައްޔިތުންނަށް ބޭނުންވާ ވަޒީފާގެ ފުރުސަތަތައް އިރާދަކުރެއްވިއްޔާ އިތުރުވެގެންދާނެ،" ސިޔާމް ވިދާޅުވިއެވެ.