ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިމަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާ ވަގުތު ހަމަނުޖެހުން ހިނގާފާނެތީ، ރަނގަޅަށް ސަމާލުވެ، ލޯހުޅުވައިގެން ތިބުމަށް ފުލުހުންގެ ކިބައިން ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ހަމީދު، އެދިވަޑައިގެންފިއެވެ.
ސީޕީ މިކަމަށްއެދިވަޑައިގަތީ ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން ބްލޫވޭވް" ގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށާ، އޮޮރޭޝަން ބްރީފިން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މިއަދު ހަވީރު އިސްކަންދަރުކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފައްޓައިދެއްވީ ސީޕީ ހަމީދެވެ.

އޮޕަރޭޝަން ބްލޫވޭވްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފުލުހުން
މި ބްރީފިންގްއާ އެކު ފުލުހުންގެ އޮޕަރޭޝަނަލް ސްޓޭޓަސް "ލެވެލް 3'' އަށް ވަނީ ބަދަލުކޮށްފައެވެ.
އޮޕަރޭޝަން ފައްޓައިދެއްވުމަށް ފަހު ސީޕީ ވަނީ ކުރިއަށް މިއޮތް ގަޑިތަކުގައްޔާއި އިންތިޚާބުގެ ދުވަހު އަދި އިންތިޚާބުގެ ރަސްމީ ކަންކަން ނިމުމާ ހަމައަށް ވެސް ޕްރޮފެޝަނަލްކޮށް ގާނޫނީ ހަމަތަކުގެ މަތިން، ކޮންމެ ފުލުހަކާވެސް ހަވާލުކޮށްފައިވާ މަސައްކަތް ކުރަންވާގޮތް ސާފުކޮށް އެނގިތިބެ ކުރިއަށްް ގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ.
"އެއްވެސް ފަރާތަކަށް ބުރަނުވެ، ރަނގަޅު ބަހުން މުއާމަލާތުކުރުމަށާއި ވާދަވެރި އިންތިޚާބަކާ ގުޅިގެން މީހުންގެ ކިބައިން ފެންނާނެ ޢަމަލުތަކާއި ދިމާވެދާނެ ކަންކަމަށް ލޯ ހުޅުވި، ހާލަތާ އެކަށިގެންވާ ފިޔަވަޅު އެޅުމަށް އެދެން،" ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ އެކަންކަމުގެ އިތުރުން ބޮޑީ ވޯން ކެމެރާގެ ޓެކްނޮލޮޖީ އާއި އޮޕަރޭޝަންގެ މައުލޫމާތުތައް ރެކޯޑުކުރުމަށް ބޭނުންކުރަން ކަނޑައަޅާފައިވާ ޓެކްނޮލޮޖީއާއި އެހެނިހެން ވަސީލަތްތަކާއި އާލަތްތައް، ހަމަޖެހިފައިވާގޮޮތުގެ މަތިން ބޭނުންކުރަމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ހަމައެހެންމެ، މިއޮތް ވަގުތުތަކުގައިވެސް ފުލުހެއްގެ ފުށުން އެއްވެސް ނުރަނގަޅު ކަމެއް ނުފެންނާނެހެން ވީހާވެސް ރަނގަޅަށް ކަންކަން ގެންގޮސް ފުލުހުންގެ މުއައްސަސާއަށް، ރައްޔިތުންނާއި އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް ރާއްޖެއަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ އިތުބާރާއި ޔަގީންކަން ހޯދުމުގެ އަޒުމުގައި މަސައްކަތްކުރުމަށް ސީޕީ އެދިވަޑައިގަތެވެ.