ވޯޓުން ކާމިޔާބު ނުވެއްޖެނަމަ އެހެން ގޮތަކުން ވެރިކަން ދަމަހައްޓަން އެބަ މަސައްކަތްކުރޭ: އިދިކޮޅު

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްްދަލުވުމުގެ ތެރެއިން --

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ކާމިޔާބު ނުވެއްޖެނަމަ އެހެން ގޮތަކުން ވެރިކަން ދަމަހައްޓަން މަސައްކަތްކުރަމުންދާކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކޮށްފިއެވެ.

އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެކި ގޮތްގޮތަށް އިންތިހާބަށް ނުފޫޒުފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ، އިންތިހާބު ވޯޓުން ކާމިޔާބު ނުކުރެވިއްޖެނަމަ އެހެން ގޮތްތަކަކުން ވެރިކަން ދެމެހެއްޓުމުގެ މަސައްކަތްތަކެއް އެމްޑީޕީއިން ކުރަމުންދާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ ޒާތީ މައުލޫމާތު ހޯދައިގެން މަސައްކަތްތަކެއް އެމްޑީޕީން އެބަކުރާ ކަމަށާއި އިތުރު ވޯޓު ކަރުދާހެއްގެ ވާހަކަ ވެސް އަޑުއިވޭ ކަަމަށެވެ.

"މީގެ އިތުރުން ބޭރު ގައުމެއްގެ އެހީތެރިކަމާއެކީގައި މި އިންތިހާބު ހަމަ 2018ގެ އިންތިހާބު ވަގަށް ނެގި ގޮތަށް ވަގަށް ނަގަން މަސައްކަތްކުރަމުން ގެންދާކަމަށް މައުލޫމާތު ލިބެނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އިންތިހާބަށް ނުފޫޒު ފޯރުވި ނަމަވެސް، އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އިތުބާރުކުރައްވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އިތުބާރުކުރާ ސަބަބު ވެސް އޭނާ ވިދާޅުވިއެވެ.

"އިތުބާރު ކުރާ ސަބަބަކީ އަޅުގަނޑު ގަބޫލުކުރަނީ އެ ތަނުގައި އެ ތިބީ ދިވެހި ރައްޔިތުންކަމަށް. މިއަދު ގައުމު އޮތް ހާލަތު އެ ބޭފުޅުންނަށް ވަރަށް ރަނގަޅަށް އިހްސާސްކުރެވޭނެކަމަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން، އަބްދުއްރަހީމް ވިދާޅުވީ މިހާރު އެންމެ ކަންބޮޑުވަނީ ވާދަވެރި ކެންޑިޑޭޓުން އެ ބޭފުޅުންގެ ކެމްޕޭން ކުރެއްވުމުގެ ބަދަލުގައި ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ "ފަހަތުން ދުވާތަން" ފެންނާތީ ކަމަށެވެ. އަދި އޭނާގެ އަބުރު ކަތިލައި ބަދުނާމުކުރުމަށް ވާހަކަ ދައްކަވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ އަތޮޅުތެރެއަށް ކުރި ދަތުރުގައި ފެނުނީ މި ސަރުކާރަށްވުރެ މާ ބޮޑު ތާއީދެއް ޕީޕީއެމް، ޕީއެންސީއަށް އޮތްތަން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ސަރުކާރުގައި ހުރި ހުރިހާ ބާރަކާއި ނުފޫޒަކާ ވަސީލަތެއް ބޭނުންކޮށްގެން ވެސް އިރާދަކުރެއްވިއްޔާ މި ކެމްޕޭނުގައި އެ މީހުން މި ފެނުނީ ވަރަށް ބަލިކޮށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފައިސާގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވަމުންދާ ކަމަށެވެ. އަދި ނުފޫޒަށް ތަބާނުވެ މިނިވަންކަން ދެމެހެއްޓުމަށް ގޮތް ނިންމުމަށް އަބްދުއްރަހީމް ވަނީ ރައްޔިތުންނަށް ގޮވައިލައްވައިފައެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް، ޕީއެންސީއިން މި އިންތިހާބު ކާމިޔާބުކުރާނީ އެއްބުރުން ކަމަށެވެ.

comment ކޮމެންޓް