މަނީލޯންޑާ ކުރަން ބޭނުންވާ މީހަކު ރާއްޖޭގެ ބޭންކެއް ބޭނުމެއް ނުކުރާނެ: ޔާމީން

ހައިކޯޓުގައި މުއަދު އޮތް އަޑުއެހުމުގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ: މަނީލޯންޑާ ކުރަން ބޭނުންވާ މީހަކު ރާއްޖޭގެ ބޭންކެއް ބޭނުމެއް ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ---

މާނީލޯންޑާ ކުރަމުންދަނީ ސަރުކާރަށް ބޭންކުތަކުން މައުލޫމާތު ނުދޭ ނުވަތަ ހޯދަން އުނދަގޫ ތަންތަނުގައި ކަމަށާއި ރާއްޖެއަކީ އެފަދަ ގައުމެއް ނޫން ކަމަށް މަނީލޯންޑާކުރި ކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ޔާމީން ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުމުގައި މިއަދު ހައި ކޯޓުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ މަނީލޯންޑާ ކުރުމަށް ފައިސާ ޖަމާކުރަމުންދަނީ ސަރުކާރަށް އެކްސަސް ވުމަށް އުނދަގޫ ބޭންކުތައް ހުންނަ ގައުމުތަކުގައި ކަމަށެވެ. ނަމަވެސް ރާއްޖެއަކީ އެފަދަ ގައުމެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގައި ކޮންމެ ރައްޔިތެއްގެ ބޭންކް ސްޓޭޓްމެންޓް ފުލުހުންނަށް ހޯދުމުގެ ބާރުއޮތްކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ, އެކަން ފުލުހުން ކުރަމުން ދަނީ ކޯޓު އަމުރެއްގެ ދަށުންނާއި ކޯޓު އަމުރެއް ނެތި ކަމަށެވެ.

"އެހެންވީމަ ދިވެހިރާއްޖޭގަ މަނީލޯންޑާ ކުރަން ބޭނުންވާ މީހަކު ހަގީގަތުގައި ދިވެހިރާއްޖޭގެ އެކައުންޓަކަށް ފައިސާއެއް ނުލާނެ. ބޭންކަކަށް ފައިސާއެއް ނުލާނެ," ޔާމީން ވިދާޅުވިއެވެ.

ޔޫސުފް ނައީމްގެ އަތުގައި ހުރި ފައިސާއަކީ ކުށް ކޮށްގެން ހޯދާފައި ހުރި ފައިސާއެއް ކަމެއް އެއްވެސް ކޯޓަކުން ސާބިތުވެފައިނުވާކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ޔޫސުފް ނައީމް ފައިސާ ހޯދި ގޮތެއް އެމަނިކުފާނަށް އެނގިވަޑައިގަންނަވަން ޖެހޭނީ ކީއްވެގެން ކަމެއް ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ.

"ޔޫސުފް ނައީމަށް ރަށް ލިބުމާއެކު އޭނާގެ ހިއްސާ [90 ޕަސެންޓް] އެއް މިލިއަން ޑޮލަރަށް ވިއްކާލި ކަމަށް ދައުލަތުން ހުށަހެޅި ލިޔުންތަކުން އެނގެން އޮވޭ," ޔާމީން ވިދާޅުވިއެވެ.

ޔޫސުފް ނައީމްގެ އަތުގައި ހުރި ފައިސާ އަކީ ކުށެއް ކޮށްގެން ހޯދާފައިހުރި ފައިސާއެއްކަން އެމަނިކުފާނަށް އެނގޭ ނަމަ މަނީލޯންޑަރިންގެ ކުށް ސާބިތުވެދާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އެ ފަދަ އެއްވެސް އިލްމެއް އެމަނިކުފާނުގެ ހުންނަން ޖެހޭ އެއްވެސް ސަބަބެއް ދައުލަތަށް ދަށު ކޯޓުގައި ބުނެދެވިފައި ނުވާ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ އެންމެ ބޮޑު އަސާސަކީ ކުށުގެ އަމަލަކުން ހޯދާ ފައިސާ ދެވަނަ ނުވަތަ ތިން ވަނަ ފަރާތަކަށް ލިބިގެން އެ ފައިސާ ސާފުކުރުމަށް ކުރާ މަަސައްކަތެވެ.

"މާނީލޯންޑަރިންގެ ކުށް ހުއްޓުވުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތް ފަރާތަކީ އެމްއެމްއޭ. ފުލުހުންނެއް ވެސް ނޫން," ޔާމީން ވިދާޅުވިއެވެ.

އެގޮތުން ސިޔާސީ ގޮތުން އިސް މީހެއްގެ އެކައުންޓަށް ދެ ލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ޖަމާވެއްޖެ ނަމަ ބޭންކުން އެމްއެމްއޭއަށް އެކަން އަންގަން ޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އެ ފައިސާ އަކީ ކިހިނެތް ލިބުނު ފައިސާއެއްތޯ ބަލައި އެއީ ނުރަނގަޅު ގޮތެއްގައި ލިބޭ ފައިސާއެއް ނަމަ އެކަން ހުއްޓުވުމުގެ ބާރު އެމްއެމްއަށް ލިބޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް