ކޮލިފައިނުން ރާއްޖެ ވަކިވާން ޖެހުމުގެ ޒިންމާ ނަގާކަށް ނުޖެހޭނެ: މިނިސްޓްރީ

މޯލްޑިވްސް އޯޕަން 2023 ފެށުމުގެ ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްޕީބީއޭ

އޭއެފްސީ އޭޝިއަން ކަޕްގެ 23 އަހަރުން ދަށުގެ ކޮލިފައިނުން ވަކިވުމުގެ ޒިންމާ ޔޫތު މިނިސްޓްރީން ނަގަން ނުޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ 23 އަހަރުން ދަށުގެ ޓީމު ޗައިނާއަށް ދިއުމަށް ބޭނުންވާ ފައިސާ ހަމަނުޖެހިގެން ވަނީ މުބާރާތުން ވަކިވާން ޖެހިފައެވެ. އެކަމާ ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި ޔޫތު މިނިސްޓްރީއަށް ގިނަ ބައެއް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އެކަމާ ގުޅިގެން ޔޫތު މިނިސްޓްރީން މިއަދު ބުނީ މިއަހަރު ބައިވެރިވާން ޖެހޭ ބައިނަލްއަގުވާމީ މުބާރާތްތައް އެންގުމަށް ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް މިދިޔަ އަހަރު އަންގާފައިވާނެ ކަމަށާއި 23 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ ޓީމު ފުރާކަން އެފްއޭއެމުން އަންގާފައިވަނީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ. އަދި ކޮލިފިކޭޝަން މެޗުތަކުގެ ހަރަދަކީ ފީފާ އިން އެފްއޭ ތަކަށް ހަމަޖައްސާ ހަރަދެއްކަމުން އެކަމުގެ ޒިންމާ ޔޫތު މިނިސްޓްރީން އުފުލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް ބުންޏެވެ.

ރާއްޖޭގެ ޓީމު މުބާރާތުން ވަކިވާން ޖެހުނު މައްސަލައިގައި އެފްއޭމުން ބުނެފައިވަނީ އެ ދަތުރަށް މިލިއަނެއްހާ ރުފިޔާ ހަރަދުވާ ކަމަށާއި އެ ފައިސާ ހަމަޖެއްސުމަށް ޔޫތު މިނިސްޓްރީ ހިމެނޭގޮތަށް އެކި ފަރާތްތަކާއެކު މަސައްކަތްކުރެވުނު ނަމަވެސް ފަހު ވަގުތާ ހަމައަށް އެ ފައިސާގެ އިންތިޒާމު ހަމަޖެއްސޭ ގޮތް ނުވެފައިވާ ކަމަށެވެ. އަދި މުބާރާތުން ވަކިވާން ޖެހުނީ މެޗުތައް ފަސްކޮށްދޭން އެދުމުން، އެކަން ހަމަޖައްސައިދީފައި ނުވާތީ ކަމަށް އެފްއޭމުން ބުނެފައިވެއެވެ.

ކޮލިފައިންގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ހިމެނުނީ އިންޑިއާ އާއި ޗައިނާ އަދި ޔޫއޭއީ އާއެކު "ގްރޫޕު ޖީ"ގައެވެ. މިއަދުގެ މެޗުގައި ރާއްޖެ ނުކުންނަން އޮތީ އިންޑިއާއާ ދެކޮޅަށެވެ.

comment ކޮމެންޓް