ގިނަ ދީނީ ޢިލްމްވެރިންތަކެއްގެ ތާއީދު ރައީސް ޞާލިޙަށް

ދީނީ ޢިލްމުވެރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އަދާލަތު ޕާޓީ

ގިނަ ދީނީ ޢިލްމުވެރިންތަކެއް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވައިފިއެވެ.

މިއަދު ދީނީ އިލްމްވެރިންތަކެއް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައްޝެއިޚް އިލްޔާސް ހުސައިން ވިދާޅުވީ، ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދު ކުރައްވަން ނިންމި އެންމެ ބޮޑު ސަބަބަކީ ފާއިތުވީ މާޒީގައި ޢިލްމުވެރިނަންނަށް ތަޖުރިބާ ކުރެވުނު ކަންކަމުގެ މައްޗަށް ބުރަވެ، ޢިލްމީ ހަމަތަކާ އުސޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށް ކަމަށެވެ.

"ރައީސް ޞާލިޙަކީ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ކެތްތެރިކަން ހުރި ބޭފުޅެއް. މީގެ ކުރިން ވެރިކަން ކުރި ބޭފުޅުން ގޮތަށް ރުޅި އިސްކުރައްވާ ރުންކުރު ނިންމެވުންތައް ނިންމަވާފައެއް ނުވޭ،" ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ވެރިކަމުގައި މީހުން ހިފާ ހައްޔަރުކުރުމުގެ ބަދަލުގައި ތަފާތު ފިކުރުތަކުގެ މީހުންނާ އެކު ވެސް ގުޅިގެން މަސައްކަތްކުރެއްވި ކަމަށެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ މިއަދާ ހަމައަށް އައިއިރު ވެސް ރައީސް ޞާލިޙުގެ ކޯލިޝަން ދެމެހެއްޓިފައިވާ ކަމެވެ. އަދި، މިއީ ރާއްޖޭގެ ސިޔާސީ ހަލަބޮލި މާހައުލުގައި މީގެ ކުރިން ތަޖުރިބާކޮށްފައިނުވާ ކަމެއް ކަމަށް ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުގައި ދީނީ އެކިއެކި ރޮނގުން ޕްރޮގްރާމްތައް ހިންގާފައިނުވާ ވަރަށް މި ސަރުކާރުން ދީނީ ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 10،696 ދީނީ ޕްރޮގްރާމެއް މި ފަސް އަހަރު ތެރޭ ހިންގާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ރައީސް ޞާލިޙުގެ ލަފާފުޅުގެ މަތިން ޒަކާތުގެ ބިލަކާއި ހައްޖުގެ ބިލެއް ތައްޔާރުކޮށްފައިވާނި. މިހާރު އޭޖީގެ ލަފާފުޅަކަށް މިހާރު އެ ބިލު ފޮނުވާފަ ވާނި. އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ މި ބިލުތައް ފާސްވެގެން އަންނާނެ ކަމަށް އުންމީދުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކޮވިޑްގެ ދަތި ހާލަތުގައި ދީނީ ކަންކަމަށް ދިމާވަމުންދިޔަ ގޮންޖެހުންތައް ވެސް ރައީސް ޞާލިޙު ހައްލުކުރައްވަމުން ގެންދެވީ ޢިލްމްވެރިންގެ އަޑު އައްސަވައިގެން އެބޭފުޅުންގެ ލަފާގެ މަތިން ކަމަށެވެ.

"ރައީސް ޞާލިޙު ވަނީ ޢިލްމުވެރިންނަށް ދައުލަތުގެ މައިދާނުގައި މަސައްކަތްކުރެއްވުމަށް ލުއިފަސޭހަތަކާ މިނިވަންކަން ދެެއްވާފައިކަން މި ފުރުސަތުގަ ފާހަގަކޮށްލާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދީނީ ޢިލްމުވެރިން ވަނީ ރާއްޖޭގެ އަމަންއަމާންކަން މިއަދު އޮތް ގޮތަށް ދެމަހެއްޓުމައްޓަކައި ރައީސް ޞާލިޙަށް ވޯޓު ދެއްވުމައް ގޮވައިލާފައެވެ.

ގިނަ ދީނީ ޢިލްމުވެރިންތަކެއް ބައިވެރިވި މި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބޭފުޅުންގެ ތާއީދު ރައީސް ޞާލިޙަށް އޮތްކަން ފާހަގަކުރައްވާފައި ވާއިރު އޭގެ ތެރޭގައި އެމްޑީޕީ ކޯލިޝަންތެރޭ ހިމެނޭ އަދާލަތު ޕާޓީއަށް ނިސްބަތްވާ ޢިލްމްވެރިންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ ޢިލްމްވެރިން ވެސް ހިމެނެއެވެ.

comment ކޮމެންޓް