''ހަސަން ކުރުސީ'' އެކައުންޓު ސަސްޕެންޑު ކޮށްފި

ކުރީގެ ޓުވިޓާ [އެކްސް]ގައި ކާކުކަން ނޭނގޭ ގޮތަށް މީހުންގެ މެދުގައި ނަފުރަތުވާ ގޮތަށް ހިންގާ "ހަސަން ކުރުސީ" އެކައުންޓު އެކްސްއިން ސަސްޕެންޑުކޮށްފިއެވެ.

ކުރުސީގެ ނަމުގައި ހިންގާ އެކައުންޓު ސަސްޕެންޑު ކޮށްފައިވަނީ މިއަދު ހެނދުނެވެ.

އެ އެކައުންޓު މިއަދު ސަސްޕެންޑު ކޮށްފައިވާއިރު އެ އެކައުންޓް ހިންގުމުގެ ފަހަތުގައިވާ މީހަކު ހޯދަން ފުލުހުން މީގެ ކުރިން ވަނީ ކޯޓު އަމުރެއް ވެސް ހޯދައިފައެވެ.

ކުރުސީ އެކައުންޓުން ގެންދަނީ ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އެ ނޫން ވެސް ސިޔާސީ ބޭބޭފުޅުންނާ ޒާތީ ގޮތުން ދިމާ ކުރަމުންނެވެ. އަދި، ބޮޑެތި ތުހުމަތުތައް ކުރަމުންނެވެ.

https://www.sun.mv/170328

އެ އެކައުންޓު އެންމެ ފުރަތަމަ ބޭނުން ކުރަން ފެށިއިރު ގިނަ ބަޔަކު ތުހުމަތު ކުރީ އެއީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން ހިންގަވާ އެކައުންޓެއް ކަމުގައެވެ. އެކަމަކު، އެ މަނިކުފާނު ވަނީ ތަކުރާރުކޮށް އެ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ. އަދި، އެ އެކައުންޓުގެ ހަގީގަތް ހޯދަން އެ މަނިކުފާނުގެ ފަރާތްޕުޅުން ވަނީ މިދިޔަ އޭޕްރީލް މަހު ފުލުހަށް ވެސް ހުށަހަޅައިފައެވެ.

"ހަސަން ކުރުސީ" އަކީ ކާކުތޯ ދެނެގަތުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

ބާރަ ހާހަށް ވުރެ ގިނަ ފޮލޮވަރުން ތިބި އެ އެކައުންޓުން އަންނަނީ ހުއްޓުމެއް ނެތި ސަރުކާރާ ދެކޮޅު އެކިއެކި ވާހަކަތައް ފަތުރަމުންނެވެ. އަދި ރައީސް ނަޝީދަށް ސަޕޯޓްކޮށް މަސައްކަތް ކުރެއެވެ.

comment ކޮމެންޓް