މައުމޫން ސަރުކާރުގެ އަނިޔާތަކަށް ފާރިސް މައާފަށް އެދިވަޑައިގެންފި

އަމިއްލަ ކެންޑިޑޭޓް ފާރިސް މައުމޫން (ވ) އަދި އޭނާގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް (ކ) ---

ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ބަޔަކަށް އަނިޔަތަކެއް ލިބުނުކަން ގަބޫލުކުރައްވާ ކަމަށާއި، އެކަމަށް މައާފަށް އެދިވަޑައިގަންނަވާކަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ޓުވިޓާ މެދުވެރިކޮށް މިރޭ އާންމު ކުރެއްވި ވީޑިއޯއެއްގައި ފާރިސް ވިދާޅުވީ އޭރު ލިބުނު ހިތާމަތަކުގައި އަދިވެސް ބަޔަކު ދެމިތިބިކަން ގަބޫލުކުރައްވާ ކަމަށެވެ.

"ރައީސް މައުމޫން ވެރިކަން ކުރެއްވި ދުވަސްވަރު ރައްޔިތުންގެ ތެރެއިން ބަޔަކަށް އަނިޔާތަކެއް ލިބި އަދި ހިތާމަތަކެއް މެދުވެރިވި ކަމަކީ ހަގީގަތެއް، އަޅުގަނޑު ގަބޫލުކުރާ ކަމެއް،"

"އަދި މި ހިތާމައިގައި އަދިވެސް ބަޔަކު ދެމިތިބި ކަމީ އަޅުގަނޑު ގަބޫލުކުރާ ކަމެއް. އެއީ އަޅުގަނޑު ދޮގުކުރާ ކަމެއް ނޫން. އަޅުގަނޑު މިކަމަށްޓަކައި ތިޔަބޭފުޅުން އަރިހުން ނިހާޔަތަށް މައާފަށް އެދެން،" ފާރިސް ވިދާޅުވިއެވެ.

ފާރިސް ވަރަށް ފަހުން ދެއްވި އިންޓަވިއުއެއްގައި ވަނީ ރައީސް މައުމޫން ކުރެއްވީ އަނިޔާވެރި ވެރިކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އެއާއެކު، އޭނާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

އެކަމާ ގުޅިގެން ފާރިސް ވިދާޅުވީ، އޭނާ ވަރަށް ފަހުން ދެއްކި ވާހަކައެއްގެ ސަބަބުން ހިތާމަތައް އިތުރުވި ކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުގެ އަޒުމަކީ އަޅުގަނޑުގެ ވެރިކަމެއްގައި މި ހުރިހާ ފަރާތްތަކަށް ފުރިހަމަ ތަސައްލީއެއް ހޯދައިދިނުން." އޭނާ ވިދާޅުވިއެވެ.

އޭނާގެ ބެލުމުގެ ދަށުން ހިނގާ ސަރުކާރެއްގައި އެފަދަ ކަމެއް ނުހިނގާކަން ކަށަވަރު ކުރުމަކީ އަމިއްލަ ޒިންމާއަކަށް ހަދާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ސަރުކާރުގައި އެއްވެސް މީހަކަށް ނުހައްގުން އަނިޔާއެއް ލިބިފައިވާނަމަ، އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ރައީސްކަމުގައި ދެއްވި ވަދާއީ ޚިތާބުގައި ވެސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް