ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއިން ދޫކޮށްލުމާ ގުޅޭ ގޮތުން މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ފޮނުއްވި ސިޓީފުޅާ ގުޅިގެން، އޭގައި ކަނޑުގެ ބައެއް ގެއްލޭ އެއްވެސް ވާހަކައެއް ނެތްކަމަށް ބާ ކައުންސިލުން މިއަދު އެ ބުނަނީ ނުފޫޒު ފޯރުވައިގެން ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވީ، މޮރިޝަސް ސަރުކާރަށް ރައީސް ޞާލިޙު ފޮނުއްވި ކަމަށް ބުނާ ސިޓީއެއް ލިބިފަ ވާކަމަށެވެ. އަދި އެ ސިޓީގައި މީގެ ކުރީގެ ސަރުކާރުތަކުން ގެންގުޅޭ ސްޓޭންޑް ބަދަލުކުރައްވާފަ އޮތްކަން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަރުކާރުން ޒަމާނުއްސުރެ ގެންގުޅުއްވާ ސްޓޭންޑް އޮތީ ބަދަލުކުރައްވާފަ. އަޅުގަނޑުމެންގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދުތެރެއިން ބައެއް ދޫކޮށްލައްވާފަ އޮތީ ހަމަ ޔަގީނުންވެސް،" ތޮލާލް ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ، ޓްރައިބިއުނަލްގެ ހުކުމާއެކު ސަރުކާރުގެ އިސް ބޭފުޅުން "މިއީ ވަރަށް ބޮޑު ކާމިޔާބީއެކޭ" ވިދާޅުވަމުން އައި ކަމަށެވެ. އެގޮތުން ކަނޑުގެ ބޮޑު ބައި ލިބުނީ ރާއްޖެއަށް ކަމަށާއި މޮރިޝަސްއަށް ލިބުނީ ކުޑަ ބައެއް ކަމަށް ސަރުކާރުން ބުނަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުޑަބައި ކީއްކުރަންތޯ އަޅުގަނޑުމެންގެ ކަނޑުން އެއްވެސް ބައެއް ދޭކަށް ބޭނުމެއް ނޫން. އަޅުގަނޑުމެންގެ މަސްވެރިން މަސްބާނަމުން ދިޔަ ސަރަހައްދެއް މިހާރު އެ އޮތީ އަޅުގަނޑުމެންގެ ބާރު ހިނގާ ހިސާބަކު ނޫން. ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ވާހަކަދެއްކި ކަމުގައިވީ ނަމަވެސް މި ސަރުކާރުން އެ އޮތީ އަޅުގަނޑުމެންގެ ކަނޑުން ބައެއް ދޫކޮށްލައްވާފަ،" ތޮލާލް ވިދާޅުވިއެވެ.
ބާ ކައުންސިލުން އެފަދަ ބަހެއް ބުނުމުގެ ފަހަތުގައި ކޮންމެވެސް ކަހަލަ ނުފޫޒެއް އޮންނާނެ ކަމަށް ތޮލާލް ތުހުމަތުކުރެެއްވިއެވެ.
މިކަމާ ގުޅިގެން މުއިއްޒުގެ އެސިސްޓެންޓް ކެމްޕޭން ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ، ބާ ކައުންސިލުން އެފަދަ ބަހެއް ބުނެފައި ވަނީ އެޓާނީ ޖެނެރަލްގެ ނުފޫޒުން ކަމަށް ގިނަ ގާނޫނީ ވަކީލުން ބުނަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. ރާއްޖޭގެ ކަނޑުން ބައެއް ގެއްލެން މެދުވެރިވި އެއް ސަބަބަކީ ރައީސްގެ ސިޓީފުޅު. އެހެންނޫންނަމަ މީގެ ކުރިން ކީއްވެތޯ އޭ އެ ސިޓީފުޅު ސިއްރުކުރަންވީ؟" މުއާޒު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ބާ ކައުންސިލްގެ ބައެއް އެކްސްކޯ މެންބަރުން ކުރެއްވި ޓްވީޓެއްގައި ވަނީ އެއީ އެ ކައުންސިލުން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ބުނެފައެވެ.
ރާއްޖެ އާއި މޮރީޝަސް އާ ދެމެދު ފުށުއަރާފައިވާ ކަނޑުގެ ސަރަަހައްދުގެ މައްސަަލައިގައި ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް، އިޓްލޮސްގައި އެދުނު ގޮތަށް މައްސަލަ ނިމިގެން ދިޔުމާ ގުޅިގެން ރައީސް ޞާލިޙުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް މީގެ ކުރިން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އެހެންނަމަވެސް ވަކި ހިސާބަކުން އެ މައްސަލަ ބެލުން ވަނީ ހުއްޓާލާފައެވެ.
އޭރު ރައީސްގެ ސިޓީފުޅު ހާމަކުރުމަށް އިދިކޮޅު ޕާޓީތަކުން ގޮވާލާފައިވެއެވެ. އަދި އިދިކޮޅުން އެކަމުގައި މީގެ ކުރިން ރައީސް އޮފީހަށް ވެސް ގޮސްފައިވެއެވެ.
އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އިން ހޯދަން ރައީސް އޮފީހުގައި އެދިއްޖެނަމަ އެ ސިޓީފުޅު އެ ކޮމިޓީއަށް ހާމަކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.