ކެމްޕޭންގައި ވެސް ވާދަވެރިން ކުދި ރަށްރަށް ބާކީ ކޮށްފި: ޝާހިދު

ރޭ ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން ބޭއްވި ޖަލްސާގައި އަބްދުﷲ ޝާހިދު -- ފޮޓޯ/ އެމްޑީޕީ

މި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ވެސް ވާދަވެރިން ކުދި ރަށްރަށަށް ވަޑައިނުގަންނަވާ ކަމަށާއި އެއިން ވެސް ފެންނަނީ ކުދި ރަށްރަށަށް ތަފާތު ކުރާނެ ކަމުގެ މަލަމަތި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެމްޕޭން ކޯޑިނޭޓަރުކަން ވެސް ކުރައްވާ ޝާހިދު ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، ބޮޑުތިލަދުންމަތީގެ 40 ރަށަކާއި އެއް ސިޓީއަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަޑައިގަންނަވާފައިވާ ކަމަށެވެ.

އެކަމަކު، ވާދަވެރިން ވަޑައިގެންނެވީ އޭގެ ތެރެއިން އެންމެ 17 ރަށަށްކަން ފާހަގަކުރައްވައި އޭނާ ވަނީ އެ ކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"ސުރެންސުރެން ބަނދަރުމަތީގައި އަތުރާލާފައި އޮތް ވަރުގަދަ ސަފު. ފާޅު ކުރަމުން ގެންދިޔަ ވަރުގަދަ ރޫހު. އެއީ މި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވައިފި ކަމުގެ ސާފު ހެކި. މި ބޮޑު ތިލަދުންމަތީގެ 40 ރަށާއި ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތްކޮށް މި ނިމުނީ. އަރާ ވަޑައިގެންނެވި ކޮންމެ ރަށަކުން ފެންނަމުންދިޔައީ ސާފު ހެކި،" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކި ކަންކޮޅުތަކުން މީހުން ރައީސް ޞާލިޙްގެ ފަހަތްޕުޅަށް އަރަން ފަށާފައިވާ ކަމަށެވެ.

ރޭ ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން ބޭއްވި ޖަލްސާގައި އަބްދުﷲ ޝާހިދު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

"[ވާދަވެރިން ނުދާ ރަށްރަށުގެ] ރައްޔިތުން ބުނަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ފިޔަވާ ދެން ކާކުހޭ ވާދަކުރަނީ. ތިމަންނަމެން ކައިރިއަކަށް ނާދެއޭ މީހަކު،" އޭނާ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން ކޮންމެ ރަށަކަށް ވަޑައިގެން ރައްޔިތުންގެ ކޮންމެ މީހަކާ ހަތަރު ކަޅި ހަމަކުރައްވާ ވާހަކަފުޅު ދައްކަވާ. ހާލުބައްލަވައި ހައްދަވާފައި އެ ނުކުމެވަޑައިގެންނެވީ. އެއީ ސާފު ހެކި މި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމުގެ،"

ޝާހިދު ވިދާޅުވީ، ވާދަވެރިން ކުދިކުދި ރަށްތައް ބާކީކޮށްލައި އެކަހެރިކޮށްލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އިދިކޮޅުން ކެމްޕޭނަށް ވެސް ކުދިކުދި ރަށްރަށަށް ވަޑައިނުގަންނަވާ ކަމަށެވެ.

"ކުދިކުދި ރަށްތަކެއް ވީމާ ބާކީ ކޮށްލާފައި. ކުދިކުދި ރަށްތަކެއް ވީމާ އެކަހެރި ކޮށްލާފައި. ކުދިކުދި ރަށްތަކެއް ވީމާ ކަމެއް ނުހިންގާފައި. ކުދިކުދި ރަށްތަކެއް ވީމާ އެ ރަށްރަށަށް ނާރާފައި ރައްޔިތުންގެ ވޯޓަށް އައްސަވާނެ ކަމެއް ނެތް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުދި ރަށްރަށް ތަފާތު ނުކުރުމުގެ ނަތީޖާއަކަށް ވާނީ ރައީސް ޞާލިޙް، އެއްބުރުން މި އިންތިޚާބު ކާމިޔާބު ކުރުން ކަމަށެވެ.

comment ކޮމެންޓް