އެކި ޚިޔާލުތަކުގެ މީހުންނާއެކު މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި ހަމައެކަނި ވެރިޔަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ދާދި ފަހުން، އެމްޑީޕީން ވަކިވެ ވަޑައިގެން ދުވަސްކޮޅަކު ހުންނެވުމަށް ފަހު، އަލުން ޕާޓީއާ ގުޅިވަޑައިގަތް ޔާސިރު މިރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވިދާޅުވީ ވެރިޔެއްގެ ކިބައިގައި ހުންނަން ޖެހޭ އެންމެ މުހިއްމު ސިފަޔަކީ ތަފާތު ޚިޔާލުތަކުގެ މީހުންނާއެކު، މަސައްކަތް ކުރެވުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ޚިޔާލު ތަފާތުވާ ބޭފުޅުންނާއެކު މަސައްކަތް ކުރުމަކީ އަޅުގަނޑު ވެރިންގެ ގައިގައި ހުންނަން ބޭނުންވާ އެންމެ އިސް، އެންމެ މުހިއްމު އެއް ސިފަ،"
"މިއަދު ތިޔަ ބޭފުޅުން ކުރިމައްޗަށް ނުކުމެ އަޅުގަނޑު މިދަންނަވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ފިޔަވާ އިތުރު ވެރިޔެއް، އިތުރު ބޭފުޅެއް ނެތް ޚިޔާލު ތަފާތު މީހުންނާއެކީ މަސައްކަތް ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
ޔާސިރު އިތުރަށް ވިދާޅުވީ އޭނާ ރައީސްގެ ކެންޕޭނަށް ނުކުންނަން ޖެހުނު ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން، ރާއްޖޭގެ ނިސްބަތުން ބޮޑު އާބާދީއެއް އޮތް ތިލަދުންމަތީގައި ކުޅުދުއްފުށި ފިޔަވާ އިތުުރު ރަށެއްގައި ނަރުދަމާ ގާއިމުވެފައި ނެތްކަމަށެވެ.
ނަމަވެސް، މި އިންތިޚާބާ ކުރިމަތިލަނީ އެ މަސައްކަތް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ހަނިމާދޫ އެއާޕޯޓު މީގެ ކުރިން އިންޓަނޭޝަނަލް ކޮށްފައިވަނީ ހަމައެކަނި ނަމަކަށް ކަމަށެވެ.
"ނަމަވެސް މިއަދު ތިޔަ ބޭފުޅުންނަށް ފެނިގެންދާނެ 1.5 މިލިއަން ފަސިންޖަރުންގެ ޚިދުމަތަށް އެ މަރުކަޒު ހުޅުވިގެންދާތަން. ތައްޔާރު ވެގެންދާތަން" ޔާސިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރީ ސަރުކާރެއްގެ މަޝްރޫއުތައް ހުއްޓުވާނެ ސަރުކާރެއް ގެންނަން ބޭނުން ނުވާ ކަމަށެވެ. ޕީޕީއެމްގެ ސަރުކާރުގައި މިހާތަނަށް ފެނުނު މަންޒަރަކީ އެއީ ކަމަށާއި، ނަމަވެސް އެމްޑީޕީގެ ސަރުކާރުގައި މަޝްރޫއުތައް ހިނގާތަން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.