ގއ. ގެމަނަފުއްޓާއި، ހއ. މާރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލު ކޮށްފިއެވެ.
މި މަޝްރޫއުތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ އަދި ހައުސިން މިނިސްޓްރީގެ ފަރާތުން، ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ.
އާބާދީގައި 1100 އަށްވުރެ ގިނަ މީހުން ތިބޭ މި ދެ ރަށަކީވެސް މަސްވެރި ދެރަށެވެ. ގއ. ގެމަނަފުއްޓަކީ މަސްވެރި ރަށަކަށް ވާއިރު ރާއްޖޭގައި އެންމެ ބޮޑެތި މަސްދޯނިފަހަރު ގެންގުޅެނީވެސް އެ ރަށުގައެވެ. ހަމަ އެގޮތަށް މާރަންދޫއަކީ މަސްވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ރަށެކެވެ. އެހެންކަމުން ތަރައްގީ ކުރެވިގެން މިދާ ދެ ބަނދަރުގެ ސަބަބުން އެ ދެ ރަށަށް ވެސް މަސް ވެރިކަން ކުރާ އޮޑި ދޯނިތަށް އަޅަން ފަސޭހަވެ ލަފާ ފުރުމުގެ ކަން ކަން ވެސް ފަސޭހަވެ، މަސްވެރިކަމުގެ ސިނާއަތާއި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަށް ދާނެ ކަމަށްވެސް އެމްޓީސީސިން ބުނެފައި ވެއެވެ.
މާރަންދޫގައި ހިންގާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން، ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއ،ި އާ ހާބަރ ބޭސިން ފުންކުރުމާއ،ި ނެރު ފުންކުރުމާއ،ި ރިވެޓްމެންޓް ޖެހުމާއ،ި ބޭރުތޮށި ލުމާއ،ި ގްރޮއިން ޖެހުމާއ،ި އެއްގަމުތޮށި ލައި މަރާމާތު ކޮށް، ފުޅާ ރޭމްޕެއް ހެދުމާއ،ި ޖެޓީއެއް ހެދުން އަދި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އަދި ގެމަނަފުށީގައި ހިންގާ މަޝްރޫޢުގެ ދަށުން، ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއ،ި ބޭސިން ފުންކުރުމާއ،ި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއ،ި ބޭރުތޮށި ލުމާއ،ި ބޭރުތޮށީ ރިވެޓްމެންޓް ޖެހުމާއ،ި އެއްގަމުތޮށި ލުމާއ،ި ޕޭވްމަންޓް ހެދުން އަދި ބްރިޖެއް ހެދުމުގެ އިތުރުން ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.
މާރަންދޫގެ ޕްރޮޖެކްޓަށް 480 މިލިއަން ރުފިޔާ ހަރަދުވާއިރު ގެމަނަފުށީގެ ޕްރޮޖެކްޓަށް ހަރަދުވާނީ 70.16 މިލިއަން ރުފިޔާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި މާރެންދޫ ޕްރޮޖެކްޓް 480 ދުވަހުގެ ތެރޭގައި ނިމޭނެކަމަށް އެ ކުންފުނިން ބުނެފައިވާއިރު ގެމަަނަފުށީގެ މަޝްރޫއު ނިމޭނެކަމަށް އެ ކުންފުނިން ބުނެފައިވަނީ 570 ދުވަހުގެ ތެރޭގައެވެ.
މީގެ އިތުރުން ވެސް އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރު ހެދުމުގެ އެކި އެކި މަޝްރޫތައް ކުރިއަށް ގެންގޮސްފައެވެ. އަދި ވޭތުވެދިޔަ 42 އަހަރުތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާ
ކާމިޔާބުކަމާއިއެކު ނިންމާފައެވެ.