މި ނޫހަށް އިންޓަވިއު ދޭން އައި ދުވަހު ނުކުމެގެން ދަމުން، އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވި ވާހަކައެކެވެ. މި ރިޕޯޓު ލިޔަން ހިތަށް ވަތް ހިސާބަކީ އެއީއެވެ.
"އަޅުގަނޑާ އެކު ކާރުގައި ދާން ކެރިދާނެތޯ؟ ބޭންކު ފަޅައިލަން. ކެރޭނެތޯ،" ނުކުމެގެން ދަމުން އުމަރު ސުވާލު ކުރެއްވިއެވެ.
"އާނ.. އެހެންވީމާ ކޯލިޝަން ހަދާފާނެތޯ ތިޔަ ކުރައްވާ ސުވާލުގެ ޖަވާބަކީ ވެސް އެއީ. ދައުލަތުގެ ބޭންކު ފަޅާލަން ދާ ކާރެއްގެ ފަހަތަކަށް އަޅުގަނޑެއް ނާރާނަން. އެއީ ނޫންތޯ ކޯލިޝަން ހަދައިގެން މި ކުރާ ކަމަކީ؟،"
އުމަރު ވިދާޅުވީ، ކޯލިޝަންތައް ހަދަނީ އެކި ކަހަލަ އެއްބަސްވުންތައް ވެގެން ކަމަށެވެ. އެކަމަކު، ލަފާ ކުރެވޭ ގޮތުގައި އުމަރު ބޭންކެއް ފަޅައިލުމާ ކޯލިޝަން އެ ގުޅުވައިލީ، ކޮންމެ ވެރިކަމެއްގައި އެކިއެކި ނަންނަމުގައި ރައްޔިތުންގެ ފައިސާއިން ކޯލިޝަން "ޕާޓްނަރުންނަށް" ލިބޭ މަންފާތަކަށެވެ. އެއީ، ހަގީގަތުގައި ވެސް ދައުލަތުގެ ބޭންކު ފަޅާލަން ދާ ކާރެކެވެ.
ގާނޫނުގައި ބުނާ ފަންސާސް އިންސައްތައިގެ ރޮނގު މިހާތަނަށް އެކަކަށް ވެސް ހުރަހެއް ނުކުރެވެއެވެ. ފާއިތުވި ތިން ރިޔާސީ އިންތިޚާބުގައި ވެސް އެ ކަން ކުރީ، މަޖުބޫރު ކޯލިޝަނެއްގެ ނަހަމަ ގުޅުމަކުންނެވެ.
ގުޅުމެއް ނުދެމެހެއްޓޭ
ރުހުމުގައި، ކޯލިޝަން ހަދާކަށް އެއްވެސް ކެންޑިޑޭޓަކު ނޭދެއެވެ. އެކަމަކު، ވެރިކަމުގެ ބާރުވެރިކަމާއި އިއްޒަތަށް ކުރާ ދަތުރު ކާމިޔާބުކޮށް، ގާނޫނުގައި އެ ބުނާ ފަންސާސް އިންސައްތަ އަދި އެއް ވޯޓުގެ ރޮނގު ގިނިކަންޏަކާ ހުރަހެއް ނުވެއެވެ. އެކި ފަހަރު އެކި ބޭފުޅުން އެކި މިންވަރަށް އެ ކަމާ ކައިރި ކުރިޔަސް، މަދުވާ ވޯޓުކޮޅު ހޯދަން ނުއުފަން ސަރުކާރުން ބޮޑު ބައެއް ގުރުބާން ކުރަން ޖެހެއެވެ.
ކޯލިޝަނަށް ނަހަމަ ގުޅުމެކޭ މިކީ އެހެންވެއެވެ. މަޖިލީހުގެ ގޮނޑިއެއް ވެސް ނުހޯދޭ ޕާޓީތަކަށް ވެސް ބައި އަޅަން އެބަ ޖެހެއެވެ. އަޑިއަޑީގައި ސިއްރުސިއްރުން ގޭގޭގެ ޓެރަހުގަޔާއި އަނދިރި ކޮޓަރިތަކުގައި ބައި އަޅާ ނިންމާލަނީ ހަމައަކަށް ނޫނެވެ. އަދި، ނުއުފަން ސަރުކާރުގެ ކޭކު ފަތިފައްޗަށް ފޮތި ކޮށްލާއިރު، އެ ވާ އެއްބަސްވުމެއް ރައްޔިތުންނަށް ފެންނާކަށް ވެސް ނޯވެއެވެ.
އެކަމަކު، އެއީ ޑިމޮކްރަސީ އައި ފަހުން ރާއްޖޭގައި ފެންނަން އޮތް ހުތުރު ސަގާފަތެކެވެ.
2008
ޚުދުމުހުތާރު ވެރިކަމުގެ ސިފަތައް ދޫކޮށް، ޑިމޮކްރަސީގެ ދެފުށް ފެންނަ ނިޒާމަށް ދިވެހީން ދަތުރު ކުރީ 2008 ގެ އިންތިޚާބުގައެވެ.
އެކަމަކު، އެ އިންތިޚާބުގައި ވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބަލި ކުރަން، އިދިކޮޅު ހުރިހާ ފިކުރުތަކަކުން އެއް ގަލަކަށް އަރަން ޖެހުނީއެވެ. އެކި ހިޔާލުގެ، އެކި ބޭބޭފުޅުން ނިންމެވީ އެމްޑީޕީގެ އޭރުގެ ކެންޑިޑޭޓު މުހައްމަދު ނަޝީދަށް ތާއީދު ކުރާށެވެ. އެ ފަހަރު ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ގާއިމު ކުރީ ވެސް މި ކިޔާ ނަހަމަ ގުޅުން ހިންގައިގެންނެވެ.
އެއީ، ހިތްދަތި ތަޖުރިބާއެކެވެ. ވެރިކަމަށް 23 ދުވަސް ނުވަނީސް ކޯލިޝަން ރޫޅުނީއެވެ. ދެން، އެއްކަލަ "ޕާޓްނަރުން" ނުކުމެ، މަގުމަތީގައި ހިންގި ހަމަނުޖެހުންތަކާއި އިހްތިޖާޖުތަކުގެ ނަތީޖާއަކަށްވީ، ދައުރު ހަމަނުވަނީސް ހަތެއް ފެބްރުއަރީ 2012ގައި އެ ސަރުކާރު ވެއްޓުމެވެ.
ކޯލިޝަންގެ ގުޅުމަކީ "ވަރަށް އަގުބޮޑު" ގުޅުމެއް ކަމަށް ނަޝީދު ވިދާޅުވަނީ އެ ތަޖުރިބާއިންނެވެ.
2013
ޖެހިގެން އައި 2013ގެ އިންތިޚާބުގައި މައުމޫން ހުންނެވީ އިދިކޮޅުގައެވެ. ޕީޕީއެމްގެ އުފައްދަވައިގެން ރިޔާސީ ރޭހަށް ފައްކާ ކޮށްފައި ހުންނެވީ އެ މަނިކުފާނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ހަނި ފަރަގަކޮށް، ދެވަނަ ބުރަކަށް ގޮސް، ޔާމީނަށް ވެސް ޖެހިވަޑައިގަތީ ކޯލިޝަނެއް ހަދާށެވެ. އެ ފަހަރު ވެސް ވެރިކަން ހޯއްދެވީ ކޯލިޝަންގެ ނަހަމަ ގުޅުމުންނެވެ.
ވީ އެއްބަސްވުމެއް ފެންނާކަށް ނޯވެއެވެ. އެކަމަކު، ވެރިކަމަށް މާ ދުވަހެއް ނުވެ ކޯލިޝަން ރޫޅައިލެއްވީއެވެ. އެކިއެކި ކަންކަމުގައި ސަރުކާރަށް ދަތިވެގެންނެވެ. އެންމެ ފަހުން، އަމިއްލަފުޅު ބޭބޭފުޅު މައުމޫނާ ދޭތެރޭ އޮތް ގުޅުން ވެސް ގޯސްވީއެވެ. އެ އަރައިރުންވުންތަކުގައި އެކެއް ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ވެސް ހަގީގަތުގައި ހިންގަން އުޅުނު ބަޣާވާތެކެވެ. ނާކާމިޔާބުވުން އެއީ، އެ ދުވަހުގެ ނަސީބެވެ.
2018
އެ ދަތުރުގައި އެ އަހަރުގެ އިންތިޚާބަށް ދިޔައިރު ގިނަ ސިޔާސީ ލީޑަރުންތަކެއް ތިއްބެވީ ޖަލު ހުކުމެއްގައެވެ. ނޫނީ، ބޭރު ގައުމަކަށް އަރުވާލެވިގެންނެވެ.
އެ ފަހަރުގެ އިންތިޚާބަށް ފައްކާ ކުރީ "އިދިކޮޅު އިއްތިހާދެ"ކެވެ. ހުރިހާ ޕާޓީތަކުން އެއްބަސްވެ، ނިންމީ ފުރަތަމަ ބުރުގައި ކޯލިޝަނެއް ހަދާށެވެ. އެކިއެކި ގޮތްގޮތަށް ކޭކު ފޮތިކޮށްފައި ނިންމީ، އެމްޑީޕީއަށް ރައީސްކަން، ޖޭޕީއަށް ނައިބު ރައީސްކަން އަދި ސަރުކާރުގެ ބާކީ ބައި ހުރިހާ ޕާޓީތަކަށް އެކި ވަރުވަރުގައި ބަހާށެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތީ އެ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ.
މަޖިލީހުން ގޮނޑިއެއް ނުލިބޭ ޕާޓީތަކާއި 3،000 މެންބަރުން ހަމަނުވެގެން އުވާލާފައި އޮތް ޕާޓީތަކަށް ވެސް ބޮޑެތި މަގާމުތައް ދޭން ޖެހުނެވެ.
އެކަމަކު، އެ ގުޅުން ވެސް ނިމި، މިއަދު އެމްޑީޕީގެ ތެރެއިން ނަޝީދާއި އެ މަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން ވެސް ތިއްބެވީ ވަކިން އިންތިޚާބަށް ނުކުންނަވައިގެންނެވެ. ޖޭޕީން ވެސް ނިންމީ ކޯލިޝަން ނުހަދާށެވެ. މައުމޫން ވެސް ނިންމެވީ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އިންތިޚާބަށް ނެރޭށެވެ.
ކޯލިޝަންގެ ދެފުށް ފެންނަން ޖެހޭ
ކޯލިޝަނަކީ ރިޔާސީ ނިޒާމެއްގެ ސިފައެއް ނޫނެވެ. އެކަމަކު، ގާނޫނުގައި ބުނާ ފަންސާސް އިންސައްތައިގެ ރޮނގު ހުރަސް ކުރަން އިއްތިހާދެއް މަޖުބޫރު ވަނީއެވެ.
މި އިންތިޚާބުގެ ކެމްޕޭންގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ވިދާޅުވަނީ އެ ވާހަކަފުޅެވެ. ކެމްޕޭނަށް ބ. ކެންދުއަށް ވަޑައިގެން އެ މަނިކުފާނު ވިދާޅުވީ، ދެވަނަ ބުރެއްގައި ކޯލިޝަން ހަދަން ޖެހުމުން ނުކުންނަ ނަތީޖާ އެންމެ ރަނގަޅު ނޫން ކަމަށެވެ. ކުދި ޕާޓީތަކުން މަސައްކަތް ކުރަނީ ބައި ހޯދަން ކަމަށް ތަކުރާރުކޮށް ތުހުމަތު ކުރެއްވިއެވެ.
"އެ ކުޑަކުޑަ ވަގުތުކޮޅު ތެރޭގައި ނުލިބޭ ރަނގަޅު މަޝްވަރާއެއް ކޮށްލާނެ ފުރުސަތެއް. ދެން ޖެހެނީ އެއްޗެއްގައި ސޮއިކޮށްގެން ސަރުކާރެއް ފޯމްކުރަން. މާ ގިނަ ދުވަހެއް ނުވޭ. އެންމެ ފުރަތަމަ 21 ދުވަސް ނުވެ ކޯލިޝަން ރޫޅިގެން ދިޔައީ. ދެހާސް ތޭރައިގައި ވެސް ވީ އެހެން." ރައީސް ވިދާޅުވިއެވެ.
"އެ ޕާޓީތަކަށް [ކުދި ޕާޓީތަކަށް] ވެސް ފައިދާހުރި ގޮތަކީ އެއީ. ދެވަނަ ބުރަކަށް އިންތިޚާބު ގެންގޮސްގެން ބައި ނަގަން ނޫޅުއްވުން. އިރާދަކުރެއްވިއްޔާ އެގޮތަކަށް ނުވާނެ،"
އެހެންވެ، ދެ ޕާޓީއަކުން އެކުގައި މަސައްކަތް ކުރާނަމަ، ވެވޭ އެއްބަސްވުން ރައްޔިތުންނަށް ފެންނަން އޮންނަން ޖެހެއެވެ. ނުއުފަން ސަރުކާރު ބަހަން އެއްބަސްވި ގޮތާއި އެ ކޭކު ފޮތި ކުރަން އެއްބަސްވެވޭނެ ވަކި ހަމަތަކެއް ވެސް އޮންނަން ޖެހޭނެއެވެ. ރައްޔިތެއްގެ އެއްވެސް ތާއީދެއް ނެތް ޕާޓީތަކަށް، ވެރިކަމުގެ ކޭކުން ބޮޑު ފޮއްޗެއް ލިބިގެން ނުވާނެއެވެ.
މި އިންތިޚާބު ވެސް ފެންނަ ފެނުމަށް ދެވަނަ ބުރަކަށް ދާނެއެވެ. ނުއުފަން ސަރުކާރު އުފަން ކުރަން، ރަށެއް ފަޅެއް އަދި ވުޒާރާއެއް ދިނަސް އެކަން ރައްޔިތުންނަށް ފެންނަން އޮންނަން ވާނެއެވެ. ކޯލިޝަންގެ ޑީލު ގާނޫނަށް ތިރި ކުރަން ޖެހެއެވެ.