އއ. ރަސްދޫގައި 50 ހައުސިން ޔުނިޓު އެޅުމަށް ޕްލޭނިން މިނިސްޓްރީން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.
އެކަމަށްޓަކައި ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހީމެވެ.
ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ، 84.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އއ. ރަސްދޫގައި 50 ހައުސިން ޔުނިޓު އެޅުމަށް ޕްލޭނިން މިނިސްޓްރީން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން-- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ
އެސްޖޭ ކޮންސްޓްރަކްޝަނާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 270 ދުވަސްތެރޭ ނިންމާގޮތަށެވެ.
މި މަޝްރޫއުގެ ދަށުން އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 1000 އަކަފޫޓު ހުންނާނެއެވެ. އަދި ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރިއާއި ތިން ފާޚަނާ، ސިޓިން ރޫމް، ބަދިގެ، ކާގެއެއްގެ އިތުރުން ސްޓޯ ރޫމަކާއި ލޯންޑްރީ ރޫމެއް ހުންނާނެއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މި ހައުސިން ޔުނިޓުތައް އެޅުމަށް ފަހު އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމް ކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލިކުރެވިގެން ދާނެ ކަމަށެވެ. އަދި އެ ސަރަޙައްދުގައި ޕާކަކާއި ވެހިކަލް ޕާކު ކުރާނެ ސަރަޙައްދެއް ވެސް ގާއިމްކުރެވޭނެ ކަމަށެވެ.