މި ސަރުކާރުން ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރުމަށް އޮނިގަނޑެއް ހެދި ނަމަވެސް، މުޅި ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުނުވާކަމަށާއި އެ ކަން އޭނާގެ ވެރިކަމެއްގައި ހައްލުކޮށްދެއްވާނެކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ލ. ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ސިއްހީ ދާއިރާގެ މުސާރަތަކާމެދު ބޮޑެތި ކަންބޮޑުވުންތަކެއް އައިސްފައިވާ ކަމަށެވެ.
"ސިއްހީ ދާއިރާއަށް މި ސަރުކާރުން މޮޅުކަމެއް ކޮށްލަން ކަމަށް މުސާރަ އޮނިގަނޑެއް ގެނެއްސި. މުސާރަ ބޮޑުކުރުމަކީ ރަނގަޅުކަމެއް. އެހެން ނަމަވެސް، މުޅި ހެލްތު ސެކްޓާގައި އުޅޭ މީހުންނަށް އޭގެ ފައިދާއެއް ނުވި،" މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ހާއްސަކޮށް ހޮސްޕިޓަަލުތަކުގައި އުޅޭ މީހުންގެ ފަރާތުން ބޮޑެތި ކަންބޮޑުވުންތަކެއް އައިސްފައިވާކަމަށާއި އެންމެ ދާއިރާގެ މަތީ ލެވެލްއަށް މުސާރަ ބޮޑުވި ނަމަވެސް އެހެންލެވެލްތަކަށް މުސާރަ ބޮޑު ނުވާ ކަމަށެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރުމުގައި ވެސް ލިމިޓްތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ދޭ ޔަގީންކަމަކީ މިފަދަ ކަންކަން އަޅުގަނޑުގެ ސަރުކާރެއްގައި ސީރިއަސްކޮށް ބަލައިދޭނަމޭ. ބަލައި ހެލްތު ސެކްޓާގެ ހުރިހާ މުވައްޒަފުންނަށް އޭގެ އެންމެ އަދުލުވެރި ގޮތުގައި މި ހުރިހާ މައްސަލައެއް ހައްލުކޮށްދޭނަމޭ،" މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާރު އާސަންދަ ހިނގާ ގޮތަށް ވެސް އޭނާ ވަނީ ފާޑުކިޔުން އަމާޒުކުރައްވައިފައެވެ. މުއިއްޒު ވިދާޅުވީ އާސަންދަ ބޭނުންކުރަނީ މި ސަރުކާރުން ސިޔާސީ ބޭނުމުގައި ކަމަށެވެ.
"ހަގީގަތުގައި ވެސް ބޭނުންކުރަމުން އެބަދޭ. އިންތިހާބު ގާތްވީމަ ބޭނުންވާ ބަޔަކަށް ފޭކް ލިޔެކިޔުންތައް ހަދައިފައި ފައިސާ ދޫކުރަނީ،" މުއިއްޒު ވިދާޅުވިއެވެ.
އޭނާގެ ވެރިކަމެއްގައި އެ ކޮރަޕްޝަން އެ ގޮތަށް ނުހިންގޭނެކަމަށައި އެ ކަން ހުއްޓުވާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
އާސަންދައިން އަހަރަކު ދެ ފަހަރު ހެލްތު ޗެކަޕްއެއް ކޮންމެ މީހަކަށް ވެސް ހެދޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕްރިވެންޓިވް ހެލްތު ކެއާއަށް އޭނާގެ ވެރިކަމުގައި އިސްކަންދެއްވާނެކަން ފާހަގަކުރައްވަމުން މުއިއްޒު ވަނީ ކާބޯތަކެތީގެ ހާއްސަ ގާނޫނެއް ތައާރަފްކުރައްވާނެ ކަމަށެވެ. އޭގެ ސަބަބުން ގިނަ ބަލިތަކަކުން ރައްކާތެރިވުމަށް މުހިންމު ފިޔަވަޅަކަށް ވާނެކަމަށް ވެސް ވިދާޅުވިއެވެ.