ރުއްތިބިރަށް ވެސް ރިސޯޓު ހެދުމަށް ބިޑަށް ލައިފި

ތ. ރުއްތިބިރަށް

ރިސޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ބިޑަށް ހުޅުވާލާފައިވާ ރަށްތަކުގެ ތެރެއަށް ތ. ރުއްތިބިރަށް އިތުރުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ށ. ނަލަންދުއާއި، ހއ. މެދަފުށި ބީލަމަށް ލުމަށް މިދިޔަ އޮގަސްޓު މަހު ކުރި އިއުލާނަށް ރުއްތިބިރަށް އިތުރުކުރުމަށްފަހު، އަލުން އިއުލާނުކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ރުއްތިބިރަށަކީ ތިމަރަފުށީ އެއާޕޯޓުގެ ހިންގުން އައިލެންޑު އޭވިއޭޝަނާ ހަވާލުކުރިއިރު، އެ ކުންފުންޏަށް ދިން ފަޅުރަށެކެވެ. އެރަށުގައި ރިސޯޓެއް ހެދުމަށް އެ ކުންފުނިން ބަޔަކާ ހަވާލުކުރި ނަމަވެސް، އެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔައެވެ. ފަހުން، އައިލެންޑު އޭވިއޭޝަނުން ވަނީ އެ ރަށް އަނބުރާ ސަރުކާރާ ހަވާލުކޮށްފައެވެ.

ބޮޑުމިނުގައި އަށް ހެކްޓަރު ހުންނަ އެރަށުގައި ސަރުކާރުން އެޅުމަށް ނިންމާފައިވަނީ މަދުވެގެން 100 އެނދުގެ ރިސޯޓެކެވެ. ބިޑަށް ކުރިމަތިލުމަށް މަދުވެގެން 875،000 ޑޮލަރުގެ އެކުއިޒިޝަން ކޯސްޓެއް ހުށަހަޅަން ޖެހެއެވެ. މި ތިންރަށަށް ބިޑު ކުރުމުގެ ސުންގަޑިއަކީ މިމަހުގެ 21 ވަނަ ދުވަހެވެ.

ރުއްތިބިރަށް ރިސޯޓު ހެދުމަށް ހުޅުވާލި އިރު، އެންމެ ފަހުން ސަރުކާރުން ބިޑުކުރި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ އެ އަތޮޅު އޮޅުފުއްޓަށެވެ.

comment ކޮމެންޓް