މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ފިރިހެނުންގެ ޓޭބަލް ޓެނިސް ސިންގަލްސް އިވެންޓުން ރާއްޖޭގެ މުހައްމަދު ޝައްފާން އިސްމާއީލް ރިހި މެޑަލްއެއް ހޯދައިފިއެވެ.
އައިއޯއައިޖީގައި ޝައްފާން ހޯދި އެ މެޑަލް ވެފައިވަނީ ތާރީހީ މެޑަލްއަކަށެވެ. އެއީ ބައިނަލްއަގުވާމީ މުބާރާތެއްގެ ސިންގަލްސް އިވެންޓަކުން މިހާތަނަށް ރާއްޖޭގެ ފިރިހެން ޓީޓީ ކުޅުންތެރިޔަކު ހޯދި ފުރަތަމަ މެޑަލްއެވެ.
އިއްޔެ ކުޅުނު ސިންގަލްސްގެ ފައިނަލުގައި ޝައްފާން ނުކުތީ މަޑަކަސްކަރައިގެ ނަޓީވެލް ޖޮނަތަންއާ ދެކޮޅަށެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ޝައްފާން ބަލިވީ 4-2 ސެޓުންނެވެ. އެ މެޗުން ބަލިވި ނަމަވެސް، ފައިނަލަށް ދިއުމުން ޝައްފާނަށް ވަނީ ރިހި މެޑަލް ކަށަވަރުވެފައެވެ.
އިއްޔެ ކުޅުނު އެ މެޗުގެ ފުރަތަމަ ތިން ސެޓު މަޑަގަސްކަރައިގެ ކުޅުންތެރިޔާ ގެންދިޔައީ 11-6، 11-8 އަދި 11-5 އިންނެވެ. އެއަށްފަހު ޖެހިގެން އައި ދެ ސެޓު 11-13 އަދި 9-11 އިން ޝައްފާން ގެންދިޔައެވެ. އަދި މަޑަކަސްކަރައިގެ ކުޅުންތެރިޔާ ރަން މެޑަލް ހޯދީ، މެޗުގެ ފަހު ސެޓު 11-6 އިން ގެންގޮސްގެންނެވެ.
އެންމެ ފަހުން ބޭއްވި 2019ގެ އައިއޯއައިޖީއެކޭ އެއްގޮތަށް މިފަހަރުގެ ގޭމްސްގައި ވެސް ޓީޓީން ވަނީ ގިނަ މެޑަލްތަކެއް ހޯދައިފައެވެ. އެގޮތުން މިކްސް ޑަބަލްސް އިވެންޓުން އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް ރަން މެޑަލް ހޯދައިދިން އިރު، އެ އިވެންޓުން ފާތިމަތު ދީމާ އަލީ އާއި ޝައްފާން ވަނީ ލޯ މެޑަލް ހޯދައިފައެވެ. ރަފާ އާއި ދީމާ ވަނީ ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދައިފައެވެ.
އޭގެ އިތުރުން އަންހެން ސިންގަލްސް އިވެންޓުން ދީމާ ރަން މެޑަލް ހޯދި އިރު، އެ އިވެންޓުން ރަފާ ރިހި މެޑަލް ހޯދިއެވެ. އަދި ޓީޓީގެ ޓީމު އިވެންޓުތަކުން ވެސް ރާއްޖެއިން މެޑަލް ހޯދިއެވެ. އެގޮތުން ރާއްޖޭގެ އަންހެން ޓީމުން ރަން މެޑަލް ހޯދި އިރު، ފިރިހެން ޓީމުން ރިހި މެޑަލް ހޯދިއެވެ.