އިމްރާން ކިޔާދެއްވީ ޑރ. މުއިއްޒު މަގާމަށްޓަކާ ކުރައްވާ ''ހީލަތްތެރި'' މަސައްކަތް

މާލޭ މެނިފެސްޓޯ ލޯންޗުކުރަން ބާއްވާ އެމްޑީޕީގެ ''އުފާވެރި މާލެ'' ޖަލްސާގައި މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ/ ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވޭތުވެދިޔަ ސަރުކާރު ތަކުގައި މަގާމަށްޓަކާ ކުރެއްވި މަސައްކަތް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ކިޔަދެއްވައިފިއެވެ.

މާލޭ މެނިފެސްޓޯ ލޯންޗުކުރަން މިހާރު ކުރިއަށްދާ އެމްޑީޕީގެ ''އުފާވެރި މާލެ'' ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ޑރ. މުއިއްޒުގެ ސިޔާސީ ވަރަ ފެޅީ އަދާލަތު ޕާޓީގެ ހިޔަލުގައި ކައިބޮއެގެން އުޅެނިކޮށް ކަމަށެވެ.

އެގޮތުން އެދުވަސްވަރު ސިޔާސީ ގޮތުން ކުރަން ޖެހުނު ހުރިހާ މަސައްކަތެއް އަދާލަތު ޕާޓީން ކުރިކަމަށާއި ޑރ. މުއިއްޒު ހުންނެވީ އެ ހުރިހާ ކަމަކާ ދެކޮޅަށް ކަމަށް އިމްރާން ވިދާޅުވިއެވެ.

"އެހެން ނަމަވެސް، ވެރިކަން ބަދަލުވެ މަގާމުތައް ބަހަން ޖެހުނު ހިސާބުން ކުޑަ ކުއްޖަކު މަންމަ ކައިރިއަށް އައިސް ރޯހެން އަޅުގަނޑު ކައިރިއަށް ވަޒީފާއަށް އައިސް ރުއީ،" 2012ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހަނދާންތައް އާކުރަމުން އިމްރާން ވިދާޅުވިއެވެ.

އެގޮތުން ޑރ. މުޙައްމަދު ވަހީދުގެ ވެރިކަމުގައި އަދާލަތު ޕާޓީގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރުގެ މަގާމު ޑރ. މުއިއްޒަށް އެރުވީ މައި ލަނގޮނޑިއަށް ކެތް ނުވާ ފަދައިން ކެތް ނުވުމުންކަމަށް އިމްރާން ވިދާޅުވިއެވެ.

"މިގޮތަށް މި މަގާމު ދީފަ ދުވަސްކޮޅެއް ނުވެ [ރައީސް އަބްދުﷲ] ޔާމީނުގެ ވެރިކަން އައީ. ކިހިނެތް ތޯ ވީ. ޔާމީނުގެ ވެރިކަން އައީމަ ހައުސިން މިނިސްޓަރުކަން ދެނީ މިއިންނެވި [އެމްޑީއޭގެ ރައީސް އަޙްމަދު] ސިޔާމްގެ ޕާޓީއަށް،" އިމްރާން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެހިސާބުން އަނެއްކާ ވެސް މަގާމުގެ ދަހިވެތިކަމުގައި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދުގެ ގާތުގައި މުއިއްޒު އާދޭސް ދެންނެވިކަމަށެވެ.

"ސިޔާމްގެ ލަގޮނޑިއަށް ކެތް ނުވެގެން އަނެއްކާ މަގާމް ދިނީ. އަޅުގަނޑުމެން ދޫކޮށްލާފަ ދިޔައިރުގަ ދޮން ކަޅު ވެސް އަންގާނުލާ. ސިޔާމް ވަރަށް ގިނަ ކަންތައް ކޮށްދެއްވި. ވަރަށް ހެޔޮކޮށް ހިއްތެވި،" އިމްރާން ވިދާޅުވިއެވެ.

ނަމަވެސް އެމްޑީއޭއިން ވެސް މުއިއްޒު ކެނޑިގެން ދިޔައީ ސިޔާމަށް އަންގާލުމެއް ވެސް ނެތިކަމަށް އިމްރާން ވިދާޅުވިއެވެ.

"ސިޔާމަށް ރޭގަނޑު ހޭލިއިރު ނޫހުން މި ފެންނަނީ މުއިއްޒު ޕީޕީއެމްއަށް ބަދަލު ވެއްޖެއޭ،" އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްއަށް ޑރ. މުއިއްޒު ބަދަލުވީ މަގާމުގެ ދަހިވެތިކަމުގައި ކަމަށާއި އެމްޑީއޭއަށް ވުރެ ބޮޑު ޕާޓީއަކުން މަގާމު ހޯދުމުގެ ބޭނުމުގައި ކަމަށް އިމްރާން ވިދާޅުވިއެވެ. އެގޮތުން ޕީޕީއެމް ޕީއެންސީގެ ރިޔާސީ ޓިކެޓު ވެސް މުއިއްޒު ނެންގެވީ ވަގަށް ކަމަށް އިމްރާން ތުހުމަތު ކުރެއްވިއެވެ.

ޑރ. މުއިއްޒަށް ފާޑު ވިދާޅުވެ އިމްރާން ވިދާޅުވީ، އޭނާގެ ކެމްޕެއިނުގައި ޕީޕީއެމް މެމްބަރުންގެ މޫނުމަތިން ހިނިތުންވުން ވެސް ނުފެންނަ ކަމަށެވެ. އެކަމުން ވެސް ހާމަވަނީ ޕީޕީއެމްގެ ލީޑަރުން ޑރ. މުއިއްޒާ ދެކޮޅުކަން ކަމަށް އިމްރާން ވިދާޅުވިއެވެ.

"ލޮބުވެތި ރައްޔިތުން، ޕީޕީއެމްގެ ރައްޔިތުން. މުއިއްޒު ވެރިކަމަށް ހޮވިއްޖެއްޔާ ޔާމީން އޮންނާނީ ޖަލުގަ. އަޅުގަނޑަށް އިނގޭ،" އިމްރާން ވިދާޅުވިއެވެ.

comment ކޮމެންޓް