ދަރާ ވާހަކަދައްކަނީ ހަސަދަވެރިވާތީީ، އެހެން ރައީސުންނަށް ލޯނު ނުދޭތީ: ސިޔާމް

ވާދަވެރިން ގައުމު ދަރާ ވާހަކަދައްކަނީ އެ ފަރާތްތަކަށް ލޯނު ނުލިބި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ލޯނު ނަންގަވައިގެން ގައުމު ތަރައްގީކޮށްދެއްވާތީކަމަށް އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރޭ ޅ. ހިންނަވަރުގައި އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ އިތުބާރަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.

މިއަދު ރާއްޖެ ސަލާމަތުން އޮތް ގައުމެއްގެ ގޮތުގައި މި އޮތީ ވެސް ކޮވިޑުގެ އެންމެ ދަތި ދުވަސްވަރު ގައުމު ހިންގުމަށް ލޯނު ނަންގަވައި އެންމެ ފައިދާ ހުރިހެން އެ ބޭނުންކުރުމުންކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

އެއްވެސް އިދާރާއަކުން ލޯނު ދެނީ އެ ތަނެއްގެ ވެރިއާއަށް ބަލައި ކުރާ އިތުބާރަކުން ކަން ސިޔާމް ފާހަގަ ކުރެއްވިއެވެ. ރައީސަށް ލޯނު ލިބި އެހެން ރައީސުންނަށް ލޯނު ނުދެނީ އިދާރާތަކުން އިތުބާރު ނުކުރާތީކަމަށް އެ މަނިކުފާނު ތަކުރާރުކުރެއްވިއެވެ.

"އެހެން ރައީސުން ލޯނު ހޯދަން ސަލާން ޖަހަން ނާށިގަނޑު ހިފައިގެން ދޭ. އެހެންނަމަވެސް ގައުމުތަކުން ދަންނަވަނީ އިތުބާރެއް ނެތޭ ތިމަންނަ ތި ރައީސަކަށް. އެެހެންވެ ފައިސާއެއް ނުދެވޭނެއޭ. މިއަދު ދިވެހި ރައްޔިތުން ދަރާ ވާހަކަ އެ ދައްކަވަނީ ކީއްވެތޯ، ހަސަދަވެރިވަނީ،" ސިޔާމް ވިދާޅިުވިއެވެ.

އެއީ ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދަން ފައިސާ ހޯދައި، އެ ތަރައްގީ ބާރު މިނުގައި ރައީސް ގެނެސްދެއްވާތީކަމަށް ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރާއްޖެއަށް ލިބޭ ފައިސާއިން މި ހުރިހާ ކަމެއް ކުރަން ރައީސް އެ ކުރެއްވި ކަންތައްތައް ކުރަން އަދި ބޭނުންވާނެ 300 އަހަރު،" ލޯނު ނުނަގައިފި ނަމަ ތަރައްގީ ލަސްވާނެކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަނިކުފާނު ވަނީ މިހާރު ވެސް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި ދެވަނަ ބުރަކަށް ކޯލިޝަން ހަަދައި 'ބޮޑުބައި ހޯދަން' މަޑުކޮށްގެން ނުތިބެ އެކުގައި މަސައްކަތްކުރުމަށް ވާދަވެރިންނަށް ގޮވައިލައްވައިފައެވެ.

އެހެން ވިދާޅުވީ ކުރިން އެމްޑީޕީ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށާއި ދަ ޑިމޮކްރެޓްސްއަށް ނިސްބަތް ކުރައްވައެވެ.

އޭނާ ވިދާޅުވީ ފައިދާ އޮތް ގޮތަކީ އެކުގައި މިހާރުއްސުރެ މަސައްކަތް ކުރުން ކަމަށެވެ. އަދި ދެވަނަ ބުރުގައި ކޯލިޝަނާ ގުޅިގެން އެއްވެސް މޮޅެއް ނުވާނެކަމަށް ވިދާޅުވިއެވެ.

"މިހާރު މި އޮތީ ކާމިޔާބުވެފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެއްވެސް ޝައްކެތް ނެތް. އަޅުގަނޑު ގޮވައިލަން ހުރިހާ ކެންޑިޑޭޓުންނަށް، ޚާއްސަކޮށް ގާސިމް އިބްރާހިމަށް. ވަޑައިގަންނަވާށޭ މި ތަނަަށް ބޭނުންފުޅިއްޔާ. ފަހަކުން ނުލިބޭނޭ އެއްޗެއް. ބޮޑުބައި ހޯދުމަށް ޓަކައި ތިހެން މަޑުކޮށްގެން ދެވަނަ ބުރަށް ގެންދާނެ ކަމަށް ހީކޮށްގެން ނުހުންނާށޭ. އަޅުގަނޑުމެން މި ކަން ނިންމާނަން،" ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން އެހެން ޕާޓީތަކުން ވެސް ގުޅުމަށް ސިޔާމް ގޮވައިލެއްވިއެވެ.

"ދެން ތިބި ޕާޓީތައް ވެސް މިއާ ގުޅިވަޑައިގަންނަވާ، ނޫނީ ގެއަށް ވަޑައިގަންނަވާ،" އެ މަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ ރައީސްގެ އަޚްލާގާއި ވިސްނުންފުޅު ހުންނަ ގޮތް އެމްޑީޕީގެ އެހެން އިސް މެމްބަރުން އޭރު ގެންގުޅުއްވި ވިސްނުމާ މާ ބޮޑަށް ރަނގަޅު ކަމަށެވެ.

"އެ ދުވަހުން ފެށިގެން އަޅުގަނޑު އިބްރާހިމް މުޙައްމަދު ޞާލިހާއެކު ބޭރު ގައުމުތަކުގައި އެއް ތަށި މަތިން ކައި، ދަތުރުފަތުރުކޮށް އުޅުނީމު. އޭގެ ފަހުން 2008ވަނަ އަހަރު ނިމިގެން ދިޔައީ. 2013ވަނަ އަހަރު އައި،" ސިޔާމް ވިދާޅުވިއެވެ.

އެ ފަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރަން ނިންމައިގެން ކުރިއަށް ދިޔަ ނަމަވެސް ބޭނުންވި މަންޒިލަށް ވާސިލް ނުވެވުނުކަމަށް ސިޔާމް ވިދާޅުވިއެވެ.

އޭގެ ފަހުން 2018ވަނަަ އަހަރުގެ އިންތިޚާބަށް ރައީސް ޞާލިހު އެ މަނިކުފާނުގެ އަރިހުން އެހީތެރިކަމަށް އެދިވަޑައިގަތުމުން އެ ކަމަށް އެއްބަސްވެ އެކުގައި މަސައްކަތް ކުރަމުން އައިކަމަށް ސިޔާމް ވިދާޅުވިއެވެ.

"ރައީސް އަޅުގަނޑަށް އެގްރިމަންޓް ފޮނުއްވި، ކޯލިޝަން އެގްރިމަންޓް. އެހެންނަމަވެސް އެ ބިރުވެރި ހާލަތުގައި އޭގައި ސޮއިކުރާކަށް ނުކެރުނު،" ސިޔާމް ވިދާޅުވިއެވެ.

ދެވަނަ ދައުރަކަށް ރައީސް ކުރިމަތިލައްވާކަން އެ މަނިކުފާނު ވިދާޅުވުމާއެކު އެ ކަމަށް ވެސް ފުރިހަމަ ތާއީދު ދެއްވަން ނިންމިކަމަށް ސިޔާމް ވިދާޅުވިއެވެ. ނަމަވެސް އެ ކަމަށް، އިދިކޮޅުގެ ފަރާތުން އެ ނިންމުން އަވަސްކަމަށް ބުނެ ފާޑުކިޔުން ރައްދުވިކަމަށް ސިޔާމް ވިދާޅުވިއެވެ.

"ވަރަށް ގިނަ ފަރާތްތަކުން، އިދިކޮޅު މިހާރު ތިބި ކެންޑިޑޭޓުން ގުޅައިފައި ދެންނެވީ ހާދަ އަވަހޭ ތި ޑިސިޝަން ނެންގެވިލެއް. އެއް ގޮތަކަށް ވެސް އިބްރާހިމް މުޙައްމަދު ޞާލިހު ނުހޮވޭނޭ. ތި ކަމެއް ނުވާނޭ ސިޔާމުއޭ. ނޫން އެ ކަމެއް ވާނީ އެހެންނެއް ނޫން. އިރާދަކުރެއްވިއްޔާ އެއްބުރުން އިބްރާހިމް މުހައްމަދު ޞާލިހު ހޮވާނަން،" ސިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް