ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒަށް ނުރުހުމުގެ މެސެޖުތަކެއް ދެއްވައިފައިވާކަމަށް ބުނެ އޮންލައިން ނޫހަކުން ރިޕޯޓްކޮށްފައިވަނީ ގޮތްހުސްވެގެން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެންމެ ފަހުން ބޭއްވި ރައީސް ޔާމީންގެ އިސްތިއުނާފީ އަޑުއެހުމުގައި އެމަނިކުފާނު ވަނީ މުއިއްޒަށް ވަރަށް ނުރުހުމުގެ މެސެޖުތަކެއް ދެއްވައިފައެވެ. އަދި މުއިއްޒަކީ މަގުބޫލުކަން ކުޑަ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާ، އޭނާ އެ "ޖައްސަވަނީ އަމިއްލަ ފަޔަށް ބަޑި" ކަމަށް ރައީސް ޔާމީން ވިދާޅުވިކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އަބްދުއްރަހީމް ވިދާޅުވީ މުއިއްޒުގެ މަގުބޫލުކަމާއި ތާއީދު ބޮޑުވާތީ އަގުވައްޓައިލުމަށް އެކި ގޮތްގޮތުން މަސައްކަތްކުރަމުންދާ ކަމަށެވެ.
"ދެން މި ކުރާ ކަމަކީ އެކި ނަންނަމުގައި ނޫސްތަކުގައި އާޓިކަލް ޖައްސަވައިގެން އެކި ވާހަކަތައް ދައްކަނީ. ރައީސް ޔާމީން ވިދާޅުވެއްޖޭ ޑރ. މުއިއްޒު އެއީ ތިމަންނާ ތާއިދުކުރާ ކެންޑިޑޭޓެއް ނޫނޭ. ރައީސް ޔާމީން ވިދާޅުވެއްޖޭ ޑރ. މުއިއްޒު މިހާރު ތިމަންނާގެ ވާހަކައެެއް ނުދައްކައޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށާއި މި ސަރުކާރަށް ރައީސް ޔާމީން ވިދާޅުވާ އެއްޗެއް ނޭނގޭނެ ކަމަށެވެ. އަދި ރައީސް ޔާމީން ވިދާޅުވާ އެއްޗެއް އެނގޭނީ ޕީޕީއެމް، ޕީއެންސީއަށް ކަމަށާއި އެމަނިކުފާނު ވިދާޅުވީ ޑރ. މުއިއްޒާއެކު ކުރިއަށް ދިއުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އެންމެ ފަހުން އަޅުގަނޑުމެންނާ ކޯޓުން ބައްދަލުވި ދުވަހު ވެސް ކޯޓަށް ވަދެވަޑައިގެން ގޮނޑިކޮޅުގައި އިށީންނެވުމުގެ ކުރިން ވިދާޅުވީ މުއިއްޒު ކީއްކުރަނީހޭ މިތާ. ޝިޔާމް ކީއްކުރަނީހޭ މިތާ. އަބްދުއްރަހީމް ކީއްކުރަނީހޭ މިތާންގައި. މިތާނގައި ތިބޭނެ ކަމެއް ނެތޭ ކެމްޕޭނަށް ދާށޭ. މި އިންތިހާބު ކާމިޔާބުކުރަން އެބަޖެހެޔޭ. ޑރ. މުއިއްޒު ހޮވަން އެބަޖެހެޔޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ
އޭނާ ތަކުރާރުކޮށް ވިދާޅުވީ އެކި ގޮތްގޮތުން އެކި ވާހަކަތައް ފަތުރައިގެން ޑރ. މުއިއްޒަށް ތާއީދު ކުޑަކުރުމަށް ޓަކައި ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ.
"އެ އުޅެނީ ހަދާނެ ގޮތް ހުސްވެގެން. ކުރާނެކަމެއް ނޭނގިގެން. ބޮޑުތަނުން ބަލިވެއްޖެކަން އަމިއްލައަށް ގަބޫލުކުރެވިގެން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
"ޔަގީންކުރައްވާ. ރައީސް ޔާމީންގެ ފުރިހަމަ ތާއީދު އޮތީ ޑރ. މުއިއްޒަށް،"