މުޅި ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެ މަނިކުފާނު ހޮވުން ކަމަށާއި ހިންނަވަރުން އިތުރު ބަޔަކަށް ވޯޓު ލިބޭނެ ކަމަށް ގަބޫލުނުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނުގެ އަމިއްލަފުޅު ރަށް، ހިންވަރުގައި މިރޭ އޮތް އެމްޑީޕީ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލާއިރު 2013ގެ ދައުރާއި މި ދައުރުގައި ކަން ހިނގައިދިޔަ ގޮތާމެދު ރައްޔިތުން ވިސްނަންޖެހޭކަމަށެވެ.
އެގޮތުން މިއަދު ހިންނަވަރުން ވެސް ތިބީ އެމްޑީޕީއާއެކު ކުރިއަށްދާން ނިންމައިގެންކަމަށް ރައީސް ވިދާޅުވިއެވެ. ބެލެވޭ ގޮތުގައި އެ މަނިކުފާނު މި ފަދައިން ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު މި ރަށުން މެޖޯރިޓީ ލިބޭނެކަމަށް ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.
"އަޅުގަނޑަށް ހަމަ ޔަގީން ހިންނަވަރުގެ ރައްޔިތުން މި ވަގުތު ތިބީ ގޮތް ނިންމައިގެން. އެއަކަށް ބަދަލެއް ނާންނާނެ. ތިޔަ ބޭފުޅުންނަށް، ހިންނަވަރު ރައްޔިތުންނަށް އަދިވެސް އެންމެ ރަނގަޅުވާނީ އަޅުގަނޑު ހޮވައިގެން. ނައިފަރު ރައްޔިތުންނަށް ވެސް އެންމެ ރަނގަޅުވާނީ އަޅުގަނޑު ހޮވައިގެން،"
"ފާދިއްޕޮޅު ހުރިހާ ރައްޔިތުންނަށް ވެސް އެންމެ ރަނގަޅުވާނީ އަޅުގަނޑު ހޮވައިގެން. މުޅި ރާއްޖެއަށް، މާލެ އުތުރުގެ ހުރިހާ ރަށަކަށް އެންމެ ރަނގަޅުވާނީ އަޅުގަނޑު ވެރިކަމަށް އައިސްގެން. މާލޭގެ ރައްޔިތުންނަށް ވެސް އެންމެ ރަނގަޅުވާނީ އަދި އެއްފަހަރު އަޅުގަނޑު ވެރިކަމުގައި ބަހައްޓައިގެން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މިހާތަނަށް ވަޑައިގެންނެވުނު ހުރިހާ ރަށަކުން ވެސް ފެނިވަޑައިގަންނަވަނީ އެއްބުރުން އިންތިޚާބު ކާމިޔާބުވާ މަންޒަރުކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ މި ރަށަށް އުފަންވުމަކީ ލިބުނު އެންމެ ބޮޑު ޝަރަފުކަމަށެވެ. މި ރަށުގައި ހުރެ ސްޓޭޖެއްގައި ވާހަކަދެއްކުމަކީ އަބަދުވެސް އުނދަގޫ ކަމެއް ކަމަށާއި އެއީ އެ މަނިކުފާނަކީ ކާކުކަން މި ރަށު ކޮންމެ މީހަކަށް ވެސް އެނގޭނެތީކަމަށް ރައީސް ވިދާޅުވިއެވެ.
"ކީކޭތޯ އަޅުގަނޑު ދަންނަވަނާނީ. މިއީ އަޅުގަނޑުގެ އުފަން ރަށް. އެ ކަމާމެދު އަޅުގަނޑު ފަޚުރުވެރިވަން... އަޅުގަނޑު އުޅެ ބޮޑުވީ މި ހިންނަވަރުގައި ގާތްގަނޑަކަށް 10 ވަރަކަށް އަހަރުވަންދެން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިިދާޅުވީ މި ރަށަކީ އަދިވެސް ދިރިއުޅެން އެންމެ ހިތްފަސޭހަ ރަށްކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ރަަށްތަކުން ޚިދުމަތްތެރި ގިނަ ބަޔަކު އުފަންވި ނަމަވެސް އެ މީހުން މި ރަށްރަށުގައި ދިރިނޫޅޭ ސަބަބާމެދު ސުވާލު އުފައްްދަން ޖެހޭކަަމަށެވެ.
"މިއީ އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް ބޮޑު ސުވާލަކީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުޅި ރާއްޖެ ޝާމިލުކޮށްގެން ނޫން ގޮތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގައިގެން ހުރިހާ ރައްޔިތުންނަށް ކުރާނެ ފަައިދާއެއް ނޯންނާނެކަމަށެވެ.
ޅ. ހިންނަވަރުގައި ދެވަނަ ދައުރެއްގައި ކޮށްދެއްްވުމަށް ރައީސް ވިދާޅުވި ވައުދުތައް:
- އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސެއް އެޅުން
- ބިން ހިއްކުން
- 200 ރޯ ހައުސް ނުވަތަ ހައުސިން ޔުނިޓް އެޅުން
- ސްކޫލަށް ބޮޑު ބަދަލެއް ގެނައުން
- ހިއްކި ސަރަހައްދުގައި ނަރުދަމާ އާއި ފެނުގެ ޚިދުމަތް ގާއިމްކުރުން
ޅ. ކުރެންދޫގައި ދެވަނަ ދައުރެއްގައި ކޮށްދެއްވުމަށް ރައީސް ވިދާޅުވި ވައުދުތައް
- 50 ހައުސިން ޔުނިޓް އެޅުން
- މަގުތައް ޒަމާނީކޮށް ތަރައްގީކުރުން
- ގިރާ ސަރަހައްދު ހިމާޔަތްކުރުން
- ސްކޫލަށް ކްލާސްރޫމް އިތުރުުކުރުން
- އިންޑޯ ޔޫތު ކޮމްޕްލެކްސްއެއް ގާއިމްކުރުން
- ކުނީގެ މައްސަލަ ހައްލުކުރުން
- ދަތުރު ދާނެ ރަށެއް ކަނޑައެޅުން
ޅ. ނައިފަރަށް ދެވަނަ ދައުރެއްގައި ކޮށްދެއްވުމަށް ރައީސް ވިދާޅުވި ވައުދުތައް
- ބިން ހިއްކުމުގެ މަޝްރޫއު ތެރެއިން އިތުރަށް ބިން ހިއްކުން
- 200 ހައުސިން ޔުނިޓް ހިއްކި ބިމުގައި އެޅުން
- ހަދަންޖެހޭ ހުރިހާ މަގެއް ޒަމާނީކޮށް ތަރައްގީކުރުން