އެމްޕީއެލް ފްލެޓްތަކުގެ ކުލި ކުޑަކުރަނީ

ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ 'ޕޯޓް ރެސިޑަންސް' ގެ އެޕާޓްމަންޓްތައް--

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހައުސިން ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 'ޕޯޓް ރެސިޑަންސް' ގެ އެޕާޓްމަންޓްތަކުގެ ކުލި ދެއްކުމުގައި ލުއިތަކެއް ދިނުމަށް އެމްޕީއެލްގެ ބޯޑުން ނިންމައިފިއެވެ.

މަހު ކުލި ދެއްކުމަށް މިހާރު ހަމަޖެހިފައިވާ އުސޫލަށް އެމްޕީއެލްގެ ބޯޑުން ގެނައި ބަދަލާއިއެކު، ޑައުންޕޭމަންޓަށް ފަހު، ފްލެޓްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ 25 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު އޮންނާނެއެވެ.

މީގެ ކުރިން އެ ފައިސާ ދައްކަންޖެހެނީ 20 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެންނެވެ.

މަހު ކުލި 25 އަހަރަށް ބަހާލުމުން ޑައުންޕޭމަންޓް ފައިސާ ދެއްކުމުގެ "އޮޕްޝަން 1"ގެ ދަށުން ފައިސާ ދައްކާފައިވާ މުވައްޒަފުންނަށް؛

ޓައިޕް އޭގެ އެއް ރޫމްގެ ސްޓޫޑިއޯ އެޕާޓްމަންޓަކަށް ފުރަތަމަ ފަސް އަހަރުގެ މަހު ކުއްޔަށް ދައްކަންޖެހޭނީ 3،741.38ރ އެވެ.

ޓައިޕް ބީގެ އެއް ރޫމްގެ ސްޓޫޑިއޯ އެޕާޓްމަންޓަކަށް ފުރަތަމަ ފަސް އަހަރުގެ މަހު ކުއްޔަށް ދައްކަންޖެހޭނީ 3،872.94ރ އެވެ.

އަދި ބާކީ އޮތް 20 އަހަރު މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭނީ ޓައިޕް އޭ އަށް 4،061.54ރ އަދި ޓައިޕް ބީއަށް 4،204.37ރ އެވެ.

ކުރިން އޮތް ގޮތަށް 20 އަހަރަށް ބަހާލައިގެން މަހު ކުލި ދައްކާނަމަ ޓައިޕް އޭއަށް 4،585.16ރ އަދި ޓައިޕް ބީއަށް 4،746.0ރ ދައްކަންޖެހެއެވެ.

މި އޮޕްޝަންގައި 1+2 ކޮޓަރީގެ ޓައިޕް އޭ އެޕާޓްމަންޓަކަށް މަހު ކުލީގެ ގޮތުގައި ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ދައްކަންޖެހޭނީ 7،015.08ރ އެވެ. އަދި ޓައިޕް ބީ އަށް 8،260.45ރ އެވެ.

ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ 'ޕޯޓް ރެސިޑަންސް' ގެ އެޕާޓްމަންޓްތައް--

މި އޮޕްޝަނަށް ޑައުންޕޭމަންޓް ފައިސާ ދައްކާފައިވާ މުވައްޒަފުންގެ އިތުރުން އޮޕްޝަން 2، 3 އަދި 4ގެ ދަށުން ޑައުންޕޭމަންޓް ފައިސާ ދައްކާފައިވާ މުވައްޒަފުންނަށް ވެސް މި އުސޫލުގެ ދަށުން ފައިސާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށް މަހު ކުލި ކުޑަކުރުމުގެ ފުރުސަތު އޮންނާނެއެވެ.

އަދި މި އޮޕްޝަންތަކުގެ ދަށުން ޑައުންޕޭމަންޓް ދެއްކުމަށް ޚިޔާރުކޮށްފައިވާ މުވައްޒަފުންނަށް ވެސް "އޮޕްޝަން 1" އަށް ބަދަލުވުމަށް ދެ އަހަރުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމައިފައެވެ.

އެގޮތުން، އޮޕްޝަން 1 އަށް ބަދަލުވުމަށް ދެ އަހަރުގެ ތެރޭގައި ފައިސާ ދައްކާ މުވައްޒަފުންނަށް ފައިސާ ހަމަކުރާ ދުވަހުން ފެށިގެން އޮޕްޝަން 1 ގެ ލުއިތައް ލިބޭނެއެވެ.

އެމްޕީއެލުން ބުނީ އެ ކުންފުނީގެ ތިން ޓަވަރުގައި މިހާރު ކުރިއަށް ދަނީ ލިފްޓާއި ކަރަންޓު އަދި ފެނުގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން މި މަސައްކަތްތައް ނިމި، މި ފެށޭ ސެޕްޓެމްބަރު މަހުގެ މެދުތެރެއިން ފެށިގެން ފްލެޓްތަކުގައި މުވައްޒަފުންނަށް ދިރިއުޅެން ފެށޭނެކަމަށް ލަފާކުރެވޭ ކަމަށް އެމްޕީއެލުން ބުންޏެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެމްޕީއެލް އިން ދަނީ ފްލެޓްތަކުގެ ތަޅުދަނޑި މުވައްޒަފުންނަށް ހަވާލުކުރަމުންނެވެ. މުވައްޒަފުންނަށް އެޕާޓްމަންޓްގެ ތަޅުދަނޑި ހަވާލުކުރަން ފެށީ އެޕާޓްމަންޓްގައި މުވައްޒަފުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުންނެވެ.

އެމްޕީއެލް އިން ނިންމާފައިވަނީ، މުވައްޒަފުން ފްލެޓްތަކުގައި ދިރިއުޅެން ފަށާ ދުވަހުން ފެށިގެން މި އަހަރުގެ ނިޔަލަށް ފްލެޓްތަކަށް ކުލި ނުނެގުމަށެވެ.

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެމްޕީއެލްއިން އިމާރާތްކޮށްފައިވަނީ 15 ބުރީގެ ތިން ޓަވަރެވެ. އެއީ އެއް ކޮޓަރީގެ 204 ފްލެޓާއި 1+2 ކޮޓަރީގެ 330 އެޕާޓްމަންޓެވެ.

comment ކޮމެންޓް