ބޭބެ މަރާލި ކަމަށް ކޮއްކޮ އިއުތިރާފުވުމުން ކުށް ސާބިތުވެއްޖެ

ބޭބެއަށް ހަމަލާދީ މަރާލިކަމުގެ ކުށް ސާބިތުވެފައިވާ ހުސެއިން މަވާޒު --- ފޮޓޯ/ސޯޝަލް މީޑިއާ

އައްޑޫ ސިޓީ، މަރަދޫ ފޭދޫގައި މިދިޔަ ޖޫން މަހު އެއްބަނޑުއެއްބަފާ ބޭބެ މަރާލި ކަމަށް ހުސެއިން މަވާޒް މިއަދު ކްރިމިނަލް ކޯޓުގައި އިއުތިރާފުވެ، އެކަމާ ދެރަވެ ތައުބާ ވެއްޖެ ކަމަށް ޝަރީއަތުގައި ބުނެފިއެވެ.

މިއަދު ބޭއްވި ޝަރީއަތުގައި، 25 އަހަރުގެ މަވާޒް ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

ޝަރީއަތުގައި މަވާޒް ވަނީ، އެ ހާދިސާ ހިނގި ގޮތް ތަފްސީލުކޮށް ކިޔައިދީފައެވެ. އަދި އެކަމާ ދެރަވާ ކަމަށާއި މިހާރު ތައުބާވެފައި ވާކަމަށް ވެސް އޭނާ ބުންޏެވެ.

މި މައްސަލައިގައި އަދަބު ކަނޑައެޅުމަށް 10 ދުވަހުގެ ތެރޭގައި އަޑުއެހުމެއް ބާއްވާނެކަމަށް ޝަރީއަތުން މިއަދު ވަނީ އިއުލާނު ކޮށްފައެވެ. އެދުވަހު އޮންނާނީ ދައުވާ ލިބޭ ފަރާތުން އިއުތިރާފް އެއްބަސްވުން ދަމަހައްޓަން އެދޭނަމަ، އެއްބަސްވުމާ އެއްގޮތައް އަދަބު ކަނޑައެޅުމެެވެ.

އިއުތިރާފް އެއްބަސްވުމުން ރުޖޫއަ ވެއްޖެނަމަ، އަދަބާ މެދު ވާހަކަ ދައްކަން ދެފަރާތަށް ފުރުސަތުދީ އަދަބު ކަނޑައަޅާނެއެވެ.

އައްޑޫގައި ހިނގި މި ހާދިސާއާ ގުޅޭގޮތުން "ސަން"އަށް އެނގިފައިވާ ގޮތުގައި ބޭބެ ގަޔަށް ތޫނު އެއްޗެއް ހަރައި މަރައިލީ، މަސްތުވާތަކެތީގެ މައްސަލައެއްގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިންނެވެ.

އެ ހާދިސާގައި އަނިޔާވި 27 އަހަރުގެ އަޙްމަދު ޝުއައިބަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވީ މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ.

އެ ރަށުން ވާހަކަ ދެއްކި މީހުން ބުނީ، ހަމަލާދިނީ ގޭ ތެރޭގައި ނަމަވެސް ބޭބެ މަރުވެގެން ވެއްޓުނީ ދިރިއުޅޭ ގޭގެ ކުރިމަތީގައި އޮންނަ ދުވާރު މައްޗަށް ކަމަށެވެ.

comment ކޮމެންޓް