މައުމޫންގެ ސަރުކާރު ބަދަލުކުރަން އުފެދުނު ބައިބައިވުން ނެތެން ވެއްޖެ: ފާރިސް

އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އަހުމަދު ފާރިސް މައުމޫން -- ސަން ފޮޓޯ

ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދިގު ވެރިކަން ބަދަލުކުރަން އުފެދުނު ބައިބައިވުން މިހާރު އޮންނަން ނުޖެހޭ ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ރޭ އެސްއެސްޓީވީގެ "ރިޔާސީ ކެންޑިޑޭޓާ އެކު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ފާރިސް ވިދާޅުވީ، ބައްޕާފުޅުގެ ސަރުކާރު ބަދަލުކުރަން ދިވެހީން ނުކުތީ، ދިގު ވެރިކަމެއް ބަދަލުކުރުމުގެ ބޭނުމުގައި ކަމަށެވެ.

އޭރު، ގިނަ މީހުން ރައީސް މައުމޫނުގެ ވެރިކަމުގެ ކުރިން ކަންކަން އޮތް ގޮތް ހަނދާން ނެތް ކަމަށާއި، އެ ވެރިކަމާ އަޅާ ކިޔާނެ އިތުރު އެއްޗެއް ދިވެހީންނަށް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ އޭރު އުފެދުނު ބައިބައިވުން މިއަދާ ހަމައަށް ވެސް ކޮންމެ ވެސް ސިފައެއްގައި އޮތް ކަމަށެވެ. އެ ސަބަބާ ހުރެ، ކޮންމެ އިންތިޚާބަކަށް ފަހު، ގިނަ ރައްޔިތުންތަކެއް ބާކީވާކަމަށް އޭނާ ވިދާޅުވިއެވެ.

"އޭރު އެ ބައިބައިވުން އުފެދުނީ އޭރު އޮތް ދިގު ވެރިކަމެއް ބަދަލު ކުރަންވެގެން. މިހާރު އޭގެ ފަހުން 15 އަހަރު ވެއްޖެ. މިހާރު އެ ބައިބައި ވުމެއް އޮންނާކަށް ނުޖެހޭ. އެހެންވީމާ އަޅުގަނޑުގެ ވިސްނުމަކީ ހުރިހާ އެންމެން އެއްގަލަކަށް އެރުވުން،" ފާރިސް ވިދާޅުވިއެވެ.

އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އަހުމަދު ފާރިސް މައުމޫން -- ސަން ފޮޓޯ

އޭނާ ވިދާޅުވީ ވެރިކަމަށް ކުރިމަތިލެއްވުމުގެ ބޭނުމަކީ، އެ ބައިބައިވުންތައް ނައްތާލައި، އެއްވެސް މީހަކު ތަފާތު ނުކުރާނެ ސަަރުކާރެއް ގާއިމުކުރުން ކަމަށެވެ.

"ވަކި ޕާޓީއެއްގެ މީހެއް ވީމަ ފުރުސަތު ލިބިފައި، އެހެން ޕާޓީއެއްގެ މީހެއް ވީމާ ލޮލަށް ނުފެނިފައި، އެ ހާލަތެއް ނާންނާނެ. އަޅުގަނޑަކީ ހުރިހާ ބޭފުޅުންނާ ވެސް ވަރަށް ގާތުން މަސައްކަތް ކުރަން އެނގޭ މީހެއް" ފާރިސް ވިދާޅުވިއެވެ.

މީގެ އިތުރުން ފާރިސް ވިދާޅުވީ އޭނާގެ ބައްޕާފުޅަކީ ވަކި މީހަކަށް ވީތީ އޭނާއަށް ތާއީދުކުރާ، އަދި ތާއީދުނުކުރާ ބަޔަކު އުޅޭކަމަށެވެ. ނަމަވެސް، އޭނާއަށް ތާއީދުކުރުމުގައި އޭނާގެ ނަފްސަށް ބެލުމަށް ފާރިސް އެދިވަޑައިގަތެވެ.

"އަޅުގަނޑު އެދޭ އެއްޗަކީ އަޅުގަނޑުގެ ނަފުސަށް ބައްލަވާށޭ. އަޅުގަނޑު މި ދައްކާ ވާހަކަތަކާ، ސިޔާސަތުތަކާ، އަދި އަޅުގަނޑު އަމަލުކޮށްފައި ހުރި ގޮތުގެ ތާރީޚާ، އަދި އަޅުގަނޑުގެ ތަޖުރިބާއާ އަޅުގަނޑުގެ ތައުލީމާ މިކަންކަމަށް ބައްލަވާށޭ"،

"ކޮންމެ މީހަކީ ވެސް ހަމަ އަމިއްލަ ފަރުދެއް ދެއްތޯ. އޭނާގެ އިޚްތިޔާރުގައި ހުންނަ ކަންތައްތަކެއް އޭނާ ކުރާނީ. އޭނާ ކުރާ ކަމަކަށް ޒިންމާ އެހެން މީހަކު ނަގާކަށް ނުޖެހޭ. އެހެންނޫނީ އެހެން މީހެއް ކުރި ކަމެއްގެ ޒިންމާ އޭނާ ނަގާކަށް ނުޖެހޭ،" ފާރިސް ވިދާޅުވިއެވެ.

comment ކޮމެންޓް