ރާއްޖޭގެ މިކްސް ރިލޭ ޓީމުން ލޯ މެޑަލް ހޯދައިފި

އައިއޯއައިޖީގެ މިކްސް ރިލޭ އިވެންޓުން ލޯ މެޑަލް ހޯދި ރާއްޖޭގެ ޓީމުގައި ހިމެނޭ ސާއިދާއި ޒިވާ އާއި ކުޑަ ރިޒާ އަދި ހިމްނާ މެޑަލްއާއެކު -- ފޮޓޯ/ މުހައްމަދު ޝާބިން، އެމްއޯސީ

މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ މިކްސް ރިލޭ ޓީމުން ލޯ މެޑަލް ހޯދައިފިއެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި ހުސައިން ރިޒާ (ކުޑަ ރިޒާ) އާއި އާއިޝަތު ހިމްނާ ހަސަން އަދި ޒިވާ މޫސާ ޝަފީއު ހިމެނޭ ރާއްޖޭގެ މިކްސް ރިލޭ ޓީމުން ލޯ މެޑަލް ހޯދާފައިވަނީ ހަތަރެއް ގުނަ 400 މީޓަރު ދުވުމުގެ އިވެންޓުންނެވެ.

އިއްޔެ ރާއްޖެއިން ލޯ މެޑަލް ހޯދާފައިވަނީ ތިން މިނެޓާއި 33.86 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ އިވެންޓުން ރަން މެޑަލް ހޯދީ މަޑަގަސްކަރަ އިން ރޭސް ނިންމީ ތިން މިނެޓާއި 29.68 ސިކުންތުންނެވެ. އަދި ރިހި މެޑަލް ހޯދީ ތިން މިނެޓާއި 30.33 ސިކުންތުން ރޭސް ނިންމި ރީޔޫނިއަންގެ ޓީމެވެ.

އައިއޯއައިޖީގައި އިއްޔެ ރާއްޖޭގެ އުންމީދީ އެތުލީޓު ސާއިދު ވަނީ 100 މީޓަރު ދުވުމުގެ ހީޓް އިވެންޓުގައި ވާދަކޮށްފައެވެ. ސާއިދުގެ އެންމެ ކާމިޔާބު އިވެންޓުން އޭނާއަށް މިފަހަރު މެޑަލްއަކާ ހިސާބަށް ދެވިފައެއް ނުވެއެވެ. ސާއިދު ދުވި ހީޓުން އޭނާއަށް ލިބިފައިވަނީ ތިންވަނައެވެ. އޭނާއަށް ފައިނަލުން ޖާގަ ލިބިފައިނުވަނީ އެންމެ ޓައިމިން ރަނގަޅު އަށް ދުވުންތެރިންގެ ތެރޭގައި ނުހިމެނުމުންނެވެ.

ރާއްޖޭގެ އަންހެން އެތުލީޓުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ހިމްނާ އާއި ޒިވާ އަދި އާމިނަތު ލަޔާނާ މުހައްމަދު ވަނީ 400 މީޓަރު ދުވުމުގެ ފައިނަލުން ޖާގަ ހޯދައިފައެވެ. މިއަދު ޒިވާ ދުވި ހީޓުން އޭނާ އެއްވަނަ ހޯދި އިރު، ހިމްނާ އާއި ލަޔާނާ ވާދަކޮށްފައިވަނީ އެއް ހީޓެއްގައެވެ. އެ ދެ ދުވުންތެރިން ވެސް ފައިނަަލަށް ދަތުރުކޮށްފައިވާ އިރު، އޭގެ ތެރެއިން ހިމްނާ ހީޓު ނިންމީ ދެވަނައިގައެވެ.

އަންހެނުންގެ 400 މީޓަރު ދުވުމުގެ ފައިނަލުގައި ހިމްނާ އާއި ޒިވާ އަދި ލަޔާނާ ވާދަކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

comment ކޮމެންޓް