މުދަލާއި، އަނބީންގެ ގޮތުން ބެލިޔަސް، ހުރިހާ ކަމެއް ފުރިހަމަވެފައި ހުރެމެ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް، ދަރަނިވެރިވެފައި އޮތް ދައުލަތެއްގެ ވެރިކަމަށް ކުރިމަތިލެއްވީ ރައްޔިތުންގެ ދެކެ ލޯބިވާތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ނަހުލާ "ސަން"އަށް ވިދާޅުވީ ގާސިމް އެދިލައްވާ، ކާމީޔާބީއާ ހަމައަށް މީގެ ކުރިން ވާސިލު ނުވެވުނަސް، ކަށިން ހިތްވަރު ނަގާފައި، ދެވަނަ ފަހަރަށް ވެސް ތެދުވެ، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވީ އެމަނިކުފާނުގެ ހިތުގައި ރައްޔިތުންނާއި ގައުމަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށެވެ.
އޭނާ ވިދާޅުވީ، ގާސިމްގެ ހަށީގައި ފުރާނަ ހުރިހާ ހިނދަކު މިގައުމުގެ ނިކަމެތި ރައްޔިތުންނާއި އެމީހުންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ، ފިރިކަލުން ގާސިމަކީ މުޖުތަމައުގައި ދިރިއުޅޭ މުހުތާދުވެރިންގެ ބޭނުންތައް ފުއްދައިދިނުމުގައި ވެސް ދީލަތިކަން އިސްކުރައްވާ ބޭފުޅެއް ކަމަށާއި އެކަން މިއަދު ގިނަ ބަޔަކު ހިތުގެ އަޑީން ގަބޫލުކުރާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އުމުރުން 74 އަހަރަށް އަޅާއިރު، މާތްﷲގެ އިރާދަފުޅުން މުދަލުގެ ގޮތުންނާއި އަނބިއަނބިންނާއި ދަރިންނާ ހުރިހާ ކަމެއް ފުރިހަމަވެފައި ހުރި އިންސާނެއް ދަރަނިވެރިވެފައި އޮތް ދައުލަަކަށް ވެރިކަން ހިންގަން ކުރިމަތި ލާނީ ހަގީގަތުގައި ވެސް މި ލޮބުވެތި ރައްޔިތުން ދެކެ އެބޭފުޅާ އިންތިހާއަށް ލޯބިވާތީ،" ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ، މިފަހަރުގެ ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީން އަނެއްކާ ވެސް ނުކުންނަނީ ވަރަށް ބޮޑު އުއްމީދަކާއި ޔަގީންކަމެއް އޮތަތީ ކަމަށާއި، އެހެންކަމުން ހެޔޮ ނިޔަތުގައި އެ ކުރައްވާ، މަސައްކަތުގައި ބަރަކާތް ލައްވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
ކާމިޔާބީއާއި ނާކާމިޔާބީއަކީ، ކަންކަމާ ކެރިގެން ކުރިމަތިލާ މީހުންނަށް އޮންނަ އެއްޗެއްކަން ފާހަގަ ކުރައްވާ ނަހުލާ ވިދާޅުވީ ފިރިކަލުން ގާސިމަކީ އެގޮތުން ބަލާއިރުގައި ވެސް ނަމޫނާ ބޭފުޅެއް ކަމަށެވެ.
ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދިރިއުޅެމުން އަންނަނީ މިއަދު ވަރަށް ފަގީރު ހާލުގައި ކަމަށް ނަހުލާ ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ހާސްކަމާއި މާޔޫސްކަމުގެ ތެރެއިން ނުކުމެ، ހަމަޖެހުމުގެ ނޭވާއެއް ލާން އެދޭނެ ހަމަ ކޮންމެ ދިވެހި ރައްޔިތަކު ވެސް ގާސިމަށް ވޯޓް ދެއްވުމަށް ނަހުލާ އެދިވަޑައިގަތެވެ.