ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ލީޑަރު، އައިޝަތު ނަހުލާގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ފޭރުމުގެ އަމަލުތަކެއް ހިންގަމުންދާތީ އެ ކަމަށް ސަމާލުވާން އެ ޕާޓީން އެދިފިއެވެ.
ޖޭޕީގެ އިސް ތަރުޖަމާން، އަލީ ސާލިހް ވިދާޅުވީ ނަހުލާގެ ނަމުގައި ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ސްކޭމްކޮށްގެން މީސްމީހުންގެ އަތުން ފޭރުމުގެ އަމަލުތަކެއް ބަޔަކު ހިންގަމުންދާކަން އެ ޕާޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މި އަމަލުތައް ހިންގާ ފަރާތްތަކުން ނަހުލާގެ އަސްލު އެކައުންޓްތަކުގައި ހުންނަ ޒާތީ މައުލޫމާތާއި ފޮޓޯ އެއްގޮތްކޮށްގެން ފޭކް އެކައުންޓްތައް ހަދާފައި ހުންނަކަމަށް އޭނާ ވިދާޅުވިއެވެ.
ނަހުލާގެ އަސްލު އެކައުންޓްތަކަކީ ވެރިފައި ކުރެވިފައި ހުންނަ އެކައުންޓްތަކެކެވެ.
ނަހުލާގެ ނަމުގައި ވެރިފައިކުރެވިފައިވާ ކަމުގެ ނިޝާން ނެތް، ފޭކް އެކައުންޓްތައް މެދުވެރިކޮށް މަކަރާއި ހީލަތުން އޮޅުވާލައިގެން އެކިއެކި ފަރުދުންގެ އަތުން ފައިސާ އަތުލުމުގެ އަމަލުތައް ހިންގަމުންދާ މީހުން ހޯދައި, ފިޔަވަޅު އަޅައިދިނުމަށް ކަމާބެހޭ ފަރަތްތަކަށް ހުށަހަޅާފައިވާ ކަމަށް ސާލިހް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން ނަހުލާގެ ނަމުގައި ފޭކް އެކައުންޓު ހަދައިގެން ނުރަނގަޅު ކަންކަން ހިންގާކަން އެކި ފަހަރުމަތިން ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
އެހެން ކަމުން ހުރިހާ ފަރާތްތަކުން ވެސް މި ކަންކަމަށް ސަމާލުވުމަށާއި، ނަހުލާގެ ނަމުގައި މެސެޖެއްފަދަ އެއްޗެއް އަތުވެއްޖެނަމަ އޭގައިވާ ލިންކުތަކާއި ދެވިފައިވާ އިރުޝާދުތަކަށް އަމަލު ނުކުރެއްވުމަށް ވަނީ އެދިފައެވެ.
މަކަރާ ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުމާއި ޒާތީ މައުލޫމާތު ހޯދުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. ފުލުހުން ބުނި ގޮތުގައި އެ ފަދަ މައްސަލަތައް ރަމަޟާންމަހާ ދިމާކޮށް އިތުރުވާކަން ވަނީ ފާހަގަ ކުރެވިފައެވެ.