ހުވަދޫ އާރްޓީއެލުން ގުޅައިލައިފި، 2024އަށް މުޅި ރާއްޖެ ގުޅި، ހާހަކަށްވުރެ ގިނަ ވަޒީފާ ލިބޭނެ

އަންނަ އަހަަރު ނިމޭއިރު މުޅި ރާއްޖެ އާރްޓީއެލް ފެރީގެ ނިޒާމުން ގުޅައިލައި ހާހަކަށްވުރެ ގިނަ ވަޒީފާ އުފެދޭނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މި ޚިދުމަތް ހުވަދު އަތޮޅުގައި ފެށުން ފާހަގަކުރުމަށް މިއަދު ހަވީރު ގދ. ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އާޒިމް ވިދާޅުވީ، މުޅި ރާއްޖެއަށް ޚިދުމަތްދޭން ފެށުމުން 82 އުޅަނދު މި ޚިދުމަތް ދިނުމަށް ޓަކައި ހަރަކާތްތެރިވާނެކަމަށެވެ. މުޅި ރާއްޖެއަށް އާރްޓީއެލް ފެރީގެ ޚިދުމަތް ދެވެން ފެށުމުން އުފެދޭ ހާހަކަށްވުރެ ގިނަ ވަޒީފާއަކީ ރަނގަޅު މުސާރަ ލިބޭ ޝަރަފުވެރި ވަޒީފާތަކަކަށްވާނެ ކަމަށް އާޒިމް ވިދާޅުވިއެެވެ.

"މަނިކުފާނުގެ ދެވަނަ ދައުރު ފެށި 2024 ނިމޭއިރު މުޅި ރާއްޖެ އޮންނާނީ އާރްޓީއެލުގެ ސްޕީޑް ފެރީ ނިޒާމުން ގުޅައިލެވި، ކެހި ކަނޑުލުގެ ހިތި ފިލައިފައި. ﷲގެ އިރާދަފުޅުން އެ ހަފްލާ ޝަރަފުވެރިކޮށްދެއްވާނީ ވެސް ހަމަ މަނިކުފާނު އިންޝާﷲ،" އާޒިމް ވިދާޅުވިއެވެ.

މުޅި ހުވަދު އަތޮޅު އެމްޓީސީސީގެ އާރްޓީއެލް ފެރީގެ ނިޒާމުން މިއަދު ގުޅައިލެވި ރަސްމީކޮށް ޚިދުމަތް ފެށުނުއިރު އެ ކަމާ އެންމެ އުފާވެވަޑައިގަންނަވާނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ސަބަބަކީ އާރްޓީއެލް ފެރީގެ ޚިދުމަތުން މުޅި ރާއްޖެ ގުޅުވައިލުމަކީ ރައީސްގެ ހުވަފެންފުޅަކަށް ވުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރައީސްގެ އެ ތަސައްވުރު ހަގީގަތަކަށްވުމަކީ އެ މަނިކުފާނަށް އުފަލެއްކަމަށްވާނެކަމާމެދު ޝައްކުނުކުރައްވާކަމަށް އާޒިމް ވިދާޅުވިއެވެ.

"އާދެ މިއަދު ވެސް ކުލަޖެހެމުން މި ދަނީ މަނިކުފާނުގެ ހުވަފެނެއްގައި. މި ދެންނެވި ވާހަކައިގެ ހަގީގަތެއްގައި. މިއީ މަނިކިުފާނުގެ ޑްރީމެއް. މިއީ މަނިކުފާނުގެ އިސްނެންގެވުމެއް. އަދި މިއީ މަނިކުފާނުގެ ތަސައްވުރެއް. އެހެންކަމުން މި ކަމާ އެންމެ އުފާވާނެ ބޭފުޅަކީ ވެސް ހުދު މަނިކުފާނުކަމީ ޝައްކެއް އޮތް ކަމެއް ނޫން،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސަކީ ކަމެއް ކުރައްވާނެކަމުގެ ވައުދުވެވަޑައިގެންފި ނަމަ އެ ކަމެއް ކުރައްވާނެ ބޭފުޅެއްކަމަށެވެ. އެ ކަމަށް ޝައްކުކުރާނެ އެއްވެސް ދިވެެއްސަކު މިއަދު ނުހުންނާނެކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ރަސްމީކޮށް އިފްތިތާހުކުރެވުނު މި ޚިދުމަތާއެކު އައްޑުއާއި ފުވަައްމުލަކަށް ވެސް މި ޚިދުމަތް ހުވަދުއަތޮޅާ ލިންކުކުރެވިފައިވާނެއެވެ. އާޒިމް ވިދާޅުވި ގޮތުގައި ދެކުނުގެ ލައްކައެއްހާ ރައްޔިތުންނަށް މި ޚިދުމަތް ލިބޭނެއެވެ.

މީގެ ކުރިން ރައީސްވަނީ މި އަހަރު ނިމުމުގެ ކުރިން ނ. އަތޮޅާއި ލ. އަތޮޅު ވެސަް އާރްޓީއެލް ފެރީގެ ޚިދުމަތުން ގުޅައިލާނެކަމަށް ވިދާޅުވެފައެވެ. އެ ކަމަށް ޓަކައި މިހާރު ކުރެވެމުން އަންނަނީ އެންމެ ފަހު މަރުހަލާގެ މަސައްކަތްކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް