ދީމާ އާއި ރަފާއަށް ރަން މެޑަލް، މުންސިފާއި ޝައްފާނަށް ރިހި މެޑަލް

އައިއޯއައިޖީގެ ޓޭބަލް ޓެނިސް ޑަބަލްސް އިވެންޓުގައި ރަން މެޑަލް ހޯދި ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އާއިޝަތު ރަފާ ނާޒިމްގެ ޕެއާ -- ފޮޓޯ/ ސުއާދު އަބްދުލް ސައްތާރު، އެމްއޯސީ

މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓޭބަލް ޓެނިސް ޑަބަލްސް އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން ރަން މެޑަލް އަދި ފިރިހެން ޓީމުން ރިހި މެޑަލް ހޯދައިފިއެވެ.

ރާއްޖޭގެ އަންހެން ޓީޓީ ޓީމުން އިއްޔެ ވަނީ ފާތިމަތު ދީމާ އަލީ އާއި އާއިޝަތު ރަފާ ނާޒިމް ރަން މެޑަލް ދިފާއުކޮށްފައެވެ. އަދި ފިރިހެން ޓީމުގެ މޫސާ މުންސިފް އަހުމަދާއި މުހައްމަދު ޝައްފާން އިސްމާއީލް ވަނީ ރިހި މެޑަލް ހޯދައިފައެވެ.

ޑަބަލްސް އިވެންޓުގެ ފައިނަލުގައި ދީމާ އާއި ރަފާ ނުކުތީ މޮރިޝަސްގެ ހޮސެނެއްލީ އާއި ޖަލިމްގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗުން ދީމާ އާއި ރަފާ މޮޅުވެފައިވަނީ ސީދާ ތިން ސެޓުންނެވެ. ރާއްޖޭގެ ޕެއާ އިން މެޗުގެ ސެޓުތައް ގެންދިޔައީ 11-5، 11-8 އަދި 11-6 އިންނެވެ.

އައިއޯއައިޖީގެ ޓޭބަލް ޓެނިސް ޑަބަލްސް އިވެންޓުގައި ރިހި މެޑަލް ހޯދި ރާއްޖޭގެ މޫސާ މުންސިފް އަހުމަދާއި މުހައްމަދު ޝައްފާން އިސްމާއީލްގެ ޕެއާ -- ފޮޓޯ/ ސުއާދު އަބްދުލް ސައްތާރު، އެމްއޯސީ

ފައިނަލުގައި ރާއްޖޭގެ މުންސިފާއި ޝައްފާންގެ ޕެއާ ނުކުތީ މަޑަގަސްކަރައިގެ ޖޮނަތަން އާއި މަހެފާ ލުސިއާނޯއާ ދެކޮޅަށެވެ. އެ މެޗު ސީދާ ތިން ސެޓުން ރާއްޖެ ބަލިވި އިރު، މަޑަގަސްކަރަ އިން މެޗުގެ ސެޓުތައް ގެންދިޔައީ 11-9، 11-8 އަދި 11-4 އިންނެވެ. މެޗުން ބަލިވި ނަމަވެސް، މުންސިފާއި ޝައްފާނަށް ހޯދި ރިހި މެޑަލްއަކީ ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.

ރާއްޖޭގެ ޑަބަލްސް ޕެއާތަކަކަށް ވަނީ ލޯ މެޑަލް ހޯދުމުގެ ފުރުސަތު ވެސް ލިބިފައެވެ. ތިންވަނަ ހޮވުމަށް ކުޅުނު މެޗުތަކުގައި ރާއްޖޭގެ މިޝްކާ މުހައްމަދު އިބްރާހީމާއި ލައިސާ ފަތުހުﷲ އިސްމާއީލްގެ ޕެއާ އަދި އަހްޔަރު އަހުމަދު ހާލިދާއި ޒީސްތު ނަސީމްގެ ޕެއާ ވަނީ ބަލިވެފައެވެ.

comment ކޮމެންޓް