ބައްޕަގެ ފިޔަވަޅު މަތިން ގޮސް ރެކޯޑް ފޮތަށް!

ދުވުންތެރިޔާ ކުޑަ ހުސެން އަދި އެނާގެ ދަރިފުޅު ހަނާން---

ރާއްޖޭގެ އެތްލީޓުންގެ ތެރެއިން ޑރ. ހުސައިން ހަލީމް (ކުޑަ ހުސެން)އަކީ ތައާރަފަކަށް ބޭނުންވާނެ އެތްލީޓެއް ނޫނެވެ. ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެތްލީޓުގެ ލިސްޓުގެ އެންމެ މަތިން ޖާގަ ކަށަވަރު ކުރާނޭ އެކަކަށް އޭނާ ވާނެއެވެ. ކުޑަ ހުސެން ވަނީ ބޭރުގެ ގިނަ ގައުމުތަކުގައި ރާއްޖެ ތަމްސީލުކޮށް ގައުމަށް ރީތި ނަން ހޯދައިދީފައެވެ. ގައުމީ އެތައް ރެކޯޑެއް ވަނީ ހަދައިފައެވެ. އެއީ ރާއްޖޭގެ އަޔަން މޭންއެވެ.

ނަމަވެސް ދައްކަން މި އުޅެނީ ކުޑަ ހުސެންގެ ކާމިޔާބީ ތަކުގެ ވާހަކައެއް ނޫނެވެ. ދައްކަން މި އުޅެނީ އޭނާ މި ކާމިޔާބަށް ކުރި ދަތުރުގައި އެޅި ފިޔަވަޅުތަކުގެ މަތިން ހިނގި އޭނާގެ އަންހެން ދަރިފުޅު ހަނާން ހުސެއިން ހަލީމް ހޯދަމުންދާ ކާމިޔާބީގެ ވާހަކައެވެ.

ފެތުމުގެ ރޮގުން ހަނާން ހޯދަމުންދާ ކާމިޔާބީ ހާއްސަ ވާ އެތައް ސަބަބެއް އެބަ އޮތެވެ. ކުޑަ ހުސެންއަށް ވެސް އެ ކާމިޔާބީ ހާއްސަވާ އެތައް ސަބަބެއް އެބަ އޮތެވެ. ހަނާންގެ ކާމިޔާބީ އަކީ ކުޑަ ހުސެންގެ ހުވަފެނުގައި ޖެހުނު ކުލައެވެ.

ދުވުންތެރިޔާ ކުޑަ ހުސެން އަދި އެނާގެ ދަރިފުޅު ހަނާން

"އަޅުގަނޑު މީހަކާ އިނުމުގެ ކުރިން ވެސް ހިތަށް އެރި މީހަކާ އިނދެގެން ދަރިން ހޯދައިގެން ހުރިހާ ކުދިން ކުޅިވަރު ކުޅުވައިގެން ގައުމީ ޓީމަށް އަރާވަރު ކުރާނަމޭ،" ފަޚުރުވެރި ވެލާފައި ކުޑަ ހުސެން ބުންޏެވެ.

އެގޮތުގެ މަތިން އޭނާގެ ދެ ކުދިން ކުޑައިރު، ދުވުމާއި ފެތުމާ ބެހޭ ފޮތެއް އެ ކުދިން ކައިރީ ބާއްވާ ފޮޓޯއެއް ނެގި ހަނދާން ކުޑަ ހުސެން އާކުރިއެވެ. އޭނާގެ އެންމެ ބޮޑު ދަރިފުޅު ވެސް ފެތުމުން އިންޓަ ސްކޫލް ލެވެލްގެ ވަނަތައް ހޯދިއެވެ. ނަމަވެސް، ފެތުމުގެ ދާއިރާއިން މާ ދުރަށް ނުދެވެނީސް ފެތުން ހުއްޓާލަން ބޭނުން ވުމުން ކުޑަ ހުސެން އޭނާގެ ދަރިފުޅުގެ އެ ނިންމުމަށް އިހްތިރާމް ކުރިއެވެ.

"މިހާރު އެނބުރި ދެވޭނަމަ އޭނައަށް ވެސް ޕުޝް ކުރީމުސް،" ކުޑަ ހުސެން ބުންޏެވެ.

ދެން ހުރީ ހަނާންއެވެ. އޭނާ އަކީ ކުޑަ އިރު ވެސް ހުރިހާ ކުޅިވަރެއް ކުޅުނު ކުއްޖެކެވެ. އެގޮތުން ދުވުމާއި ފެތުމާއި ބާސްކެޓް ބޯޅަ އަދި ނެޓް ބޯޅަ ކުޅެ އުޅުނެވެ. އެގޮތުން އުމުރުން ނުވަ އަހަރު ދުވަން ފަށާ، ފަސް ކިލޯމީޓަރު ދުވުމުން ވަނަ ހޯދާ ދިރާގު ރޯޑް ރޭހުން ވެސް ހަނާން ވަނަ ހޯދިއެވެ.

ނަމަވެސް، އެތައް ގޮތަކުން ވިސްނުމަށް ފަހު ކުޑަ ހުސެން ވިސްނީ ހަނާން ފެތުމަށް ޚާއްސަ ކުރާށެވެ.

"ފުރަތަމަ އޭނައަށް ފަތަން ދަސްކޮށްދިނީ ހަތަރު އަހަރާ ބައިގަ. ދެން މޫދަށް ގެންދަން އެކަމަކު ގަވާއިދުން ފަތަން ފެށީ ހަ އަހަރާ ބައިގަ. އޭރުން ފެށިގެން ގަވާއިދުން ކޮންމެ ހަފުތާއަކު ފަތާނެ،" ކުޑަ ހުސެން ބުންޏެވެ.

ފެތުމުން ހަނާންގެ ހުނަރު އިތުރު ކުރުމަށް ކުޑަ ހުސެން ކުރި މަސައްކަތުން އޭނާ ވިސްނީ ހަނާން ބޭރުގެ ސްކޫލަކަށް ކިޔަވަން ފޮނުވާށެވެ. އެގޮތުން ބޭރުގެ ސްކޫލުތަކަށް ސިޓީ ފޮނުވައިގެން ތައިލޭންޑުގެ ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލުން ހަނާނަށް ޖާގަ ލިބުނެވެ.

"އެތަނުން ހަނާން ފަތަންދާ ގަޑިތަކަށް ބަލާފަ ދިނީ 25 ޕަސަންޓުގެ ސްކޮލާޝިޕެއް. މަނައަކީ އޭނަގެ ފީއިން ވަކި ވަރެއް ކަނޑާފަ އަނެއްބައި އަޅުގަނޑޭ ދައްކަން ޖެހޭނީ،" މިއީ ކުޑަ ހުސެންއަށް މާލީ ގޮތުން އެތައް ދައްޗެއް ކުރިމަތިވި ކަމެކެވެ.

ނަމަވެސް އޭނާ ކުރިއަށް ދިޔައީ ހަނާންއާ މެދު ކުރާ އުންމީދުގެ ސަބަބުންނެވެ.

ބައްޕަގެ އުންމީދުގެ ފަހަތުން ގޮސް ހަނާން އެންމެ ފުރަތަމަ ގައުމީ ރިކޯޑެއް ގާއިމް ކުރީ މިދިޔަ ޑިސެމްބަރު މަހު ބެންކޮކްގައި އޮތް މުބާރާތެއްގައި ބައިވެރިވެ އުމުރުން އެންމެ 13 އަހަރުގައެވެ. އޭނާ އެ މުބާރާތުގައި ބައިވެރިވީ ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލުގެ ފަރާތުންނެވެ.

ހަނާންގެ ރިކޯޑު ފޮތަށް ތިން ރިކޯޑު އިތުރުކުރީ މިދިޔަ ހޮނިހިރު ދުވަހު މަޑަގަސްކަރައިގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ބައިވެރި ވެގެންނެވެ.

އެގޮތުން އޭނާ ރިކޯޑް ހަދާފައި ވަނީ 50 މީޓަރު ބަޓަފްލައި، 100 މީޓަރު ބަޓަފްލައި އަދި 100+4 މީޓަރު ރިލޭ އިންނެވެ.

ހަނާންގެ ކާމިޔާބީއާ ގުޅިގެން ކުޑަ ހުސެން ބުނީ މި ކާމިޔާބީ ހަނާންއަށް ހޯދައި ދިނުމަށް އޭނާ ކުރަނީ ބޮޑު އަދި މާލީ ގޮތުން ވެސް ބުރަ މަސައްކަތެއް ކަމަށެވެ.

"އެހެންވީމަ ސަރުކާރުން ވެސް ރެސްޕެކްޓިވް އެސޯސިއޭޝަންތަކުން ވެސް ދަރިއަށް މި ލިބުނު ކާމިޔާބު ދިރާސާ ކޮށްފަ މިއީ ރަނގަޅު ކަމަކަށް ވަންޏާމުން އޭނައަށް ސަރުކާރުން ހަމަ ފަންޑިންގެ ކޮންމެވެސް މިންވަރެއް ލިބުން އެއީ ވަރަށް ބޮޑަށް އެދެވޭ ކަމެއް،" ކުޑަ ހުސެން ބުންޏެވެ.

ފެތުމުގެ ދާއިރާގައި ހަނާން ފައިތިލަ ސާބިތުކޮށްފައި މި ވަނީ ވަރަށް ހަގު އުމުރެއްގައެވެ. ބައްޕަގެ ފަހަތުން ގޮސް ހަނާން ވެސް މިވަނީ ގައުމީ ރެކޯޑްތައް ހަދައިފައެވެ. އެންމެންގެ ވެސް އުންމީދަކީ ކުޑަ ހުސެން ފަދަ ކާމިޔާބު އެތްލީޓަކަށް ހަނާން ވުމެވެ.

comment ކޮމެންޓް