ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ވޯޓު އޮޅުވާލަން އުޅޭ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި "ކަނޑައެޅިގެން ދަށްވާނެކަން އެނގޭތީ" ދައްކާ ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
މާރިޔާ މިގޮތަށް ވިދާޅުވީ، އެމްޑީޕީން ވޯޓު އޮޅުވާލަން އުޅޭ ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ތުހުމަތުތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން މި ފަހުން ރިޔާސީ އިންތިޚާބުގައި ވަކި ކުލައެއްގެ ގަލަމުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ސަރުކާރުގެ ބައެއް ކުންފުނިތަކުން މުވައްޒަފުންނަށް އަންގައި، ވޯޓުގެ ސިއްރުކަން ގެއްލުވައިލަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ބައެއް ޕާޓީތަކުން ވަނީ އީސީއަށް މައްސަލަ ވެސް ހުށަހަޅާފައެވެ. އޭގެ އިތުރުން ވޯޓުލާން ދާ ފަރާތަކުން ވޯޓު ކަރުދާސް ފޮށްޓަށް ލުމުގެ ބަދަލުގައި އެމްޑީޕީން ބުނާ މީހަކާ ހަވާލުކުރުމަށް ފަހު ވޯޓު ކަރުދާސް ރޯލުކޮށް ފައިސާ ނަގަން އުޅޭ ކަމުގެ ތުހުމަތުތަކެއް ވެސް ވަނީ ކޮށްފައެވެ.
ސިލްސިލާކޮށް ބާއްވަމުންގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވާހަކަދައްކަވަމުން މި ކަމަށް ރައްދު ދެއްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ، 2018 ވަނަ އަހަރުގެ އިންތިޚާބު ނިމުނުއިރު ރައީސް ޞާލިޙު އެއްބުރުން ކާމިޔާބު ކުރުމާ އެކު އިދިކޮޅު ފަރާތްތަކުން ނުކުމެ 'ވޯޓު އޮޅުވާލީ' ކަމަށް ބުނެ އެފަދަ ތުހުމަތުތަކެއް ކުރި ކަމަށެވެ.
"އަޅުގަނޑު ހަނދާން ހުންނަނީ އެ ބެފުޅުން 'އީސީ ޝަރީފޫ' އޭ ކިޔާ ވަރަށް 'ލޯބިކޮށް' ގޮވާ މަންޒަރު. އެހެންވީމަ އަނެއްކާ ވެސް އެ ކަންތައް ފަށަނީ އެއީ ވަރަށް ސާފުކޮށް ދަށްވާނެކަން ޔަގީންވާތީ. އެ ބޭފުޅުން ވެސް އަމިއްލައަށް ހިސާބު ޖެއްސެވީ،" މާރިޔާ ވިދާޅުވިއެވެ.
އެގޮތުން މި ފަހަރުގެ އިންތިޚާބަށް ވެސް ހަމަ އެ ތުހުމަތުތައް ކުރައްވަން ފެއްޓެވީ ކަމަށް ވިދާޅުވެ މާރިޔާ ވަނީ ރައްދު ދެއްވާފައެވެ.
"ދަށްވާނެކަން އެނގުނީ. ހަމަ ސާފުކޮށް ދަށްވާނެކަން އެނގުނީ. އެ ބޭފުޅުންގެ ހިސާބުތަކުން ވެސް އެ ދައްކަނީ އެ މީހުން ދަށްވާނެކަން،" މާރިޔާ ވިދާޅުވިއެވެ.
ވޯޓުލުމުގެ ގާނޫނު ބުނާ ގޮތުން ނަމަ ވޯޓުގެ ސިއްރުކަން ގެއްލުވާލުމުގެ އަމަލުތަކަކީ ގާނޫނާ ޚިލާފު ކަމެކެވެ. އަދި، އެފަދަ ތުހުމަތުތަކެއް ކުރެވޭ ފަދަ މައްސަލަތައް ހުށަހެޅުމުން އީސީން އަންނަނީ އެ މައްސަލަތައް ބަލަމުންނެވެ.
ނިމިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވުމުން އިދިކޮޅު ޕީޕީއެމުން ވަނީ އިންތިޚާބު އޮޅުވާލި ކަމަށް ތުހުމަތު ކޮށްފައެވެ. އަދި، އިންތިޚާބު ބާތިލުކުރަން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ. އެކަމަކު، އިންތިޚާބު އޮޅުވާލި ކަމަށް ބުނެ ހުށަހެޅި މައްސަލަ ސާބިތުވެފައެއް ނުވެއެވެ.