ކެންޑިޑޭޓުންނާ މެދު ހަމަހަމަކަން ގެންގުޅުމަށް އީސީން ގޮވާލައިފި

12 ޖުލައި 2023: އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ މެދު ހަމަހަމަކަން ގެންގުޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ގޮވާލައިފިއެވެ.

އީސީން މިގޮތަށް ބުނެފައި ވަނީ ހޮނިހިރު ދުވަހު "ސަންގު ޓީވީ"އިން އިންތިޒާމުކޮށްގެން ބާއްވާ ރިޔާސީ ބަހުސްގައި ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް އެކަނި ބައިވެރިވާ ގޮތަށް އޮތް އޮތުމާ ގުޅިގެން މިނިވަން ކެންޑިޑޭޓުންގެ ހިތްހަމަނުޖެހުން ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އެ ކަމާ ގުޅިގެން މި ފަހަރުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ހަސަން ޒަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީއެސްއެމުއިން ބޭއްވުމަށް ހަމަޖައްސާފައިވާ ރިޔާސީ ބަހުސް ބާތިލުކޮށް، ސަންގު ޓީވީގެ ރިޔާސީ ބަހުސްގައި ޕާޓްނަޝިޕް ހަދާފައިވާއިރު، ސަންގު ޓީވީގެ ބަހުސްގައި މިނިވަން ކެންޑިޑޭޓުންނަށް ފުރުސަތު ދީފައި ނުވުމަކީ ޤާނޫނީ ހައްގެއް ގެއްލޭ ކަމެއް ކަމަށެވެ. އަދި، އެ މައްސަލަ އީސީއަށް ހުށަހަޅާފައިވާ ކަމަށް ޒަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ޓްވީޓް ޝެއާ ކުރައްވާ، އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ފާރިސް މައުމޫން ވެސް ވަނީ އެ ކަމަށް ތާއީދުކުރައްވާފައެވެ.

'ސަން' އާ ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ، ޒަމީލްގެ އެ މައްސަލަ އީސީއަށް ލިބިފައިވާ ކަމަށާއި އަމިއްލަ ގޮތުން ވާދަކުރައްވާ ދެން ތިބި ދެ ކެންޑިޑޭޓުންގެ ފަރާތުން އަދި އެ މައްސަލަ ލިބިފައިނުވާ ކަމަށެވެ.

ހަބީބް ވިދާޅުވީ، މި މައްސަލައަކީ ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހަޅަން ޖެހޭ މައްސަލައެއް ކަމަށެވެ. އެހެންނަމަވެސް ހުރިހާ ކެންޑިޑޭޓުންނާ މެދު ވެސް ހަމަހަމަ އުސޫލެއް ގެންގުޅުމަށް އީސީން ވަނީ ގޮވައިލާފައެވެ.

ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އަނެއް ކެންޑިޑޭޓަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އަދި މިހާތަނަށް މި ކަމުގައި އުމަރުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ޕީއެސްއެމްގެ ބަހުސް ކެންސަލް ކުރުމަށް ފަހު ހޮނިހިރު ދުވަހުގެ ރޭ 09:00 އިން ފެށިގެން ދެއްކުމަށް ހަމަޖެހިފައިވާ ބަހުސްގައި ސަންގު ޓީވީއާ އެކު ވަނީ ޕާޓްނާޝިޕް ހަދާފައެވެ.

އެގޮތުން މި ބަހުސްގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެވަޑައިގަންނަވާނެ ކަމާމެދު ވެސް ވަނީ ސުވާލު އުފެދިފައެވެ. މީގެ ކުރިން ރައީސް ވަނީ ކެމްޕޭނަށް ވަގުތު ދިނުމުގެ ގޮތުން އެ ބަހުސްގައި ބައިވެރި ނުވެވޭނެ ކަމަށް އަންގަވާފައެވެ. އަދި، ޕީއެސްއެމުން އޭރު އިންތިޒާމު ކުރަމުންދިޔަ ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާނެކަން އެންގެވިއެވެ.

ޕާޓީތަކުން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަކީ:

  • ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު - އެމްޑީޕީ
  • ޑރ. މުޙައްމަދު މުއިއްޒު - ޕީއެންސީ
  • އިލްޔާސް ލަބީބު - ދަ ޑިމޮކްރެޓްސް
  • ގާސިމް އިބްރާހީމް - ޖުމްހޫރީ ޕާޓީ
  • މުޙައްމަދު ނާޒިމް - އެމްއެންޕީ
comment ކޮމެންޓް