(ރ. ދުވާފަރުން، ޢާލިމް އަބްދުއްލަތީފް)
ތެލަސީމިއާ ކުދިންނަށް ހާއްސަ އެލަވަންސެއް އޭނާގެ ވެރިކަމެއްގައި ދެއްވާނެކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ ދުވާފަރުގައި ބޭއްްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އޭނާ ގާއިމުކުރާ ސަރުކާރަކީ ހަމައެކަނި އުމްރާނީ ތަރައްގީގެ ކަންކަމާއި އިގްތިސޯދީ ކަންކަން ހަރުދަނާކުރާނެ ސަރުކާރެއް ނޫން ކަމަށެވެ.
އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ޓަކައި ސަރުކާރުން މީގެ ކުރިން ސަމާލުކަން ދީފައިނުވާ ދާއިރާތަކަށް، ހާއްސަ އިސްކަމެއް ދެއްވާނެކަމަށެެވެ.
އޭނާ ވިދާޅުވީ، ސަރުކާރުގެ ނިޒާމުގެ ތެރެއިން ތެލަސީމިއާ ކުދިންނަށް ދޭޏެ އެލަވަންސެއް ތައާރަފްކުރާނެ ކަމަށެވެ. އެ ކަމުގެ ސަބަބުން ތެލަސީމިއާ ކުދިންނަށާއި އެ ކުދިންގެ އާއިލާއަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ ކުރިން، މުއިއްޒު ވަނީ ތެލަސީމިއާ ކުދިންނަށް ބޯންމެރޯ ހިލޭ ހެދޭނެ އިންތިޒާމު ސަރުކާރުގެ ތެރެއިން ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، އެކަނިވެރިމައިންނަށް ދޭ އެލަވަންސް ކޮންމެ ކުއްޖަކަށް 3000 ރުފިޔާއަށް އިތުރުކޮށްދެއްވާނެކަމަށާއި ހާފިޒުންނަށް ދޭ އެލަވަންސް 4000 ރުފިޔާއަށް އިތުރުކޮށްދެއްވާނެކަމަށް ވެސް މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ވަޒީފާއިން ރިޓަޔާކުރާ މީހުންނަށް، ރިޓަޔާމެންޓް އެލަވަންސެއް ވެސް ދެއްވާނެ ކަމަށް މުއިއްޒު ވަނީ ކުރިން ވިދާޅުވެފައެވެ.