ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ދޭ އިނާޔަތަށް އެދެން ހުޅުވާލައިފިއެވެ.
ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް މަހަކު ދެހާސް ރުފިޔާގެ އިނާޔަތެއް ދޭން ސަރުކާރުން ނިންމައި އެކަން އިއުލާނުކުރީ އިއްޔެއެވެ.
ތެލަސީމިއާ ސެންޓަރުން މިއަދު ވަނީ އެކަމާ ގުޅޭ ގަވައިދު އާންމުކޮށްފައެވެ.
ގަވައިދުގައިވާ ގޮތުން ތެލަސީމިއާ ބަލި ތަހައްމަލުކުރާ މީހުންގެ ތެރެއިން ދެހާސް ރުފިޔާގެ އިނާޔަތް ދޫކުރާނީ ތެލަސީމިއާ ސެންޓަރުގައި ބަލަހައްޓަމުން އަންނަ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. އެ ފައިސާ ދޭން ފަށާނީ އިނާޔަތަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ފަހު، އަންނަ މީލާދީ މަހުން ފެށިގެންނެވެ.
އަދި ކޮންމެ މީލާދީ މަހެއްގެ ދިހަވަނަ ކުރިން ތެލަސީމިއާ ބަލި މީހުންނަށް އިނާޔަތް ދޫކުރަން ޖެހޭނެއެވެ.
އެހެންކަމުން މި މަހު އޮންނާނީ ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ މީހުން، ދަފުތަރުގައި ހިމެނުމަށް ހުށަހެޅުމެވެ. އޭގެ ފަހުން އިނާޔަތް އެ ފަރާތްތަކަށް ދޫކުރަން ފަށާނީ އަންނަ މަހުން ފެށިގެންނެވެ. ތެލަސީމިއާ ބަލިމީހުންނަށް އިނާޔަތް ދޫކުރާނީ އެންސްޕާއިންނެވެ.
ތެލަސީމިއާ ބަލިމީހުންނަށް ދޭ އިނާޔަތް ކަނޑާލެވޭނެ ސަބަބުތައްވެސް ބަޔާންކޮށްފައިވެއެވެ. އެއީ ތެލަސީމިއާއަށް އިތުރަށް ފަރުވާކުރަން ނުޖެހޭ ކަމަށް ތެލަސީމިއާ ސެންޓަރުން ކަނޑައަޅާ ހިސާބުންނާއި، އިނާޔަތް ބޭނުންނުވާ ކަމަށް ބަލިމީހާ ލިއުމުން އެދުމުން، ނުވަތަ ބަލިމީހާ ނިޔާވުމުންނެވެ.
ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ މީހުންނަށް ޚާއްސަ އިނާޔަތެއް ކަނޑައެޅުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދެފުޅެކެވެ.
އެގޮތުން، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޭރު ވިދާޅުވީ، ސަރުކާރުގެ ނިޒާމުގެ ތެރެއިން ތެލަސީމިއާ ކުދިންނަށް ދޭނެ އިނާޔަތެއް ތައާރަފްކުރާނެ ކަމަށެވެ. އެ ކަމުގެ ސަބަބުން ތެލަސީމިއާ ކުދިންނަށާއި އެ ކުދިންގެ އާއިލާއަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން، ތެލަސީމިއާ ކުދިންނަށް ބޯންމެރޯ ހިލޭ ހެދޭނެ އިންތިޒާމު ސަރުކާރުގެ ތެރެއިން ހަމަޖައްސަވައިދެއްވާނެކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މި ސަރުކާރު ވެރިކަމަށް އައިފަހުން ވަނީ، ތެލަސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް އިމާރާތްކުރަން ވެސް ނިންމައިފައެވެ. އެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ މެދުތެރޭ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ. އޭގެ ފަހުން އެ ހޮސްޕިޓަލު އިމާރާތްކުރަން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ މެދުތެރޭ މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކުރި ނަމަވެސް، އަދިވެސް އަމަލީ މަސައްކަތެއް ނުފަށައެވެ.
އެކަމަކު އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ޢަބްދުالله ނާޒިމް އިބްރާހީމް ވިދާޅުވީ، ތެލަސީމިއާ ހިމެނޭހެން މުހިންމު ތިން ދާއިރާއަކަށް އަޅަން ނިންމި ވަކިވަކި ހޮސްޕިޓަލްތައް އަދި އަޅައި ނުނިމުނު ނަމަވެސް, އެ ދާއިރާތަކުން ދޭ ފަރުވާގެ ފެންވަރު މިހާރު ރަނގަޅު ކޮށްފައިވާ ކަމަށެވެ.