ޔާމީންގެ ސިޔާސީ ހަޔާތް ކަފުން ކުރަން މުއިއްޒު ފައްޓަވައިފި: މާރިޔާ

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕޯކްސްޕާސަން މާރިޔާ ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު މިހާރުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ހަޔާތް ކަފުން ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިން ތަރުޖަމާން މާރިޔާ އަޙްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން މިހާރު އަމަލު ކުރަމުން އަންނަގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި އެ ހުންނެވީ އަދުލުވެރި ހުކުމެއްގެ ސަބަބުން ކަމަށް އެބޭފުޅުން ވެސް ގަބޫލު ކުރާ ކަމަށެވެ.

މާރިޔާ އެގޮތަށް ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނު ލިޔުއްވި ނޯޓުކޮޅާ ހަވާލާ ދެއްވައެވެ.

އެ ނޯޓުގައި ޔާމީން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އަދުލުއިންސާފު ކޯޓުގެ ތެރެއިން ހިފަހައްޓައި، ނުހައްގުން އިންތިޚާބުން ޑިސްކޮލިފައިކޮށްފައިވާ ކަމަށެވެ. އަދި އެއީ ވަކި ގޮތަކަށް ސަރުކާރުން ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ވެސް ޔާމީން ތުހުމަތު ކުރައްވާފައިވެއެވެ. އެކަމުގެ ސަބަބުން އެމަނިކުފާނަށް ވޯޓު ދޭން ތިބި އެތައް ހާސް ރައްޔިތުންގެ ވޯޓު ދިނުމުގެ ހައްގު ގެއްލިފައިވާ ކަމަށް ވެސް ނޯޓުގައިވެއެވެ.

"އެހެންވީމާ، ދެ ޕާޓީގެ ލީޑާޝިޕްގެ ލީޑާސްއަށާއި ދެ ޕާޓީގެ ސެނެޓަށް އަޅުގަނޑު އިންތިޚާބުން ބާކީ ކުރި ކަމަށް ގަބޫލު ކުރެވޭނަމަ އަޅުގަނޑު ސަޖެސްޓް ކުރަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިފަހަރު ރިޔާސީ އިންތިޚާބު ބޮއިކޮޓްކޮށް، މިކަން ހުރިހާ ފަރާތްތަކެއްގެ ސަމާލުކަމަށް ވަރުގަދައަށް ގެނައުމަށެވެ." ޔާމީން ވިދާޅުވެފައިވެއެވެ.

މާރިޔާ ވިދާޅުވީ ޔާމީން އިންތިޚާބުން ބާކީކުރި ކަމަށް ސެނެޓަށް ގަބޫލު ކުރެވޭނަމަ އިންތިޚާބު ބޮއިކޮޓް ކުރުމަށް އެދިފައި ވަނިކޮށް އެ ކޯލިޝަނުން އިންތިޚާބަށް ނުކުތުމުން ދޭހަވަނީ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް އެ ކޯލިޝަނުން ގަބޫލުކުރާކަން ކަމަށެވެ.

"ބައްލަވާ މިއޮތް ހުރިހާ ދުވަހު ނުކުމެ ތިބީ ހަރާމް ހުކުމް ގޮވަމުން. އެކަމަކު ރައީސް ޔާމީން އެ ބޭފުޅުން ޓެސްޓަށް ލައްވާފައި މި ވިދާޅުވަނީ ތިބޭފުޅުންނަށް އެގޮތަށް ގަބޫލު ކުރެއްވޭނަމަ މި އިންތިޚާބު ބޮއިކޮޓް ކުރުމަށް. އެހެން ވިދާޅުވީމައި ނުކުމެ ވަޑައިގެން އެ ތިއްބެވި ތިއްބެވުން އެއީ އަދުލުވެރި ހުކުމެއްކަން ގަބޫލުކަމުގެ ހެއްކެއް،" މާރިޔާ ވިދާޅުވިއެވެ.

"ރައީސް ޔާމީނަށް ޕީޕީއެމްގެ ކަފުން އެ ފެށުނީ."

މާރިޔާ ވިދާޅުވީ ޔާމީނާއި މުއިއްޒާއި އެ ކޯލިޝަންގެ ބޭފުޅުން މީގެ ކުރިން ގޮވަމުން އައީ "އިންޑިއާ އައުޓް"އަށް ކަމަށެވެ. ނަމަވެސް މިއަދު މުއިއްޒު ނިކުންނަވާ ވިދާޅުވަނީ އިންޑިއާ ފަސްޓް ޕޮލިސީ ގެންގުޅުއްވާނެ ވާހަކަ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"އެހެންވީމާ ޔާމީންގެ ސިޔާސީ [ހަޔާތް] ކަފުން ކުރުމުގެ މަސައްކަތް މުއިއްޒު ވަނީ އިންތިޚާބު ވުމުގެ ކުރިން ވެސް ފައްޓަވާފައިވާކަން އެއީ ޝައްކެއްވެސް ނެތް ކަމެއް." މާރިޔާ ވިދާޅުވިއެވެ.

މިއަދުވެސް މާރިޔާ ވަނީ މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މުއިއްޒު ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވިއިރު ހިންގެވި ގިނަ މަޝްރޫއުތައް ދެކޮޅު ނުޖެހޭ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް