އަލިފުށީ އެއާޕޯޓު ހުއްޓައިލާނޭ ކިޔަނީ ފިނޑިބައެއް، މާ ބާރަށް ނިންމައިދޭނަން: މުއިއްޒު

އަލިފުށިން މުއިއްޒަށް މަރުހަބާ ކިޔަނީ --

(ރ. އަލިފުށިން، ޢާލިމް އަބްދުއްލަތީފް)

އޭނާގެ ވެރިކަމެއްގައި ރ. އަލިފުށީގެ އެއާޕޯޓު މަޝްރޫއު ހުއްޓައިލައްވާނެކަމަށް ބުނެ ވާހަކަ ފަތުރަނީ ވަރަށް ފިނޑިބައެއް ކަމަށާއި މާ ބާރު ސްޕީޑުގައި އެއާޕޯޓް ނިންމަވައިދެއްވާނެ ކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެެއެވެ.

މިއަދު މުއިއްޒު އަލިފުއްޓަށް ވަޑައިގެންނެވިއިރު ބޯކޮށް ވާރޭވެހެމުންދިޔައެވެ. އެހެން ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް މަރުހަބާ ކިޔަން ނުކުމެފައެވެ.

އަލިފުށީގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާ އުޅުއްވަނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓައިލައްވަން ކަމަށާއި ވަޒީފާތަކުގައި ތިބި މީހުން ވަކިކުރަން ކަމަށް ބުނެ ވާހަކަ ދައްކަނީ ވަރަށް ފިނޑި ބައެއް ކަމަށެވެ.

"އެ ކަހަލަ ވާޙަކަތައް ދައްކަނީ ވަރަށް ވެސް ފިނޑި ބައެކޭ. ފިނޑި އަމަލެކޭ އެއީ. ނާތަހުޒީބު އަމަލެކޭ. އަޅުގަނޑުމެން ވާންވެއްޖެ މި އަށްވުރެ ޒިންމާދާރު ބަޔަކަށް،" މުއިއްޒު ވިދާޅުވިއެވެ.

"މި ރަށުގެ އެއާޕޯޓް މަޝްރޫއަކީ އެ ބޭފުޅުންނަށްވުރެ ބޮޑަށް އަޅުގަނޑުމެން ތިޔަބޭފުޅުނަށްޓަކައި ކޮށްދޭން ބޭނުންވާ ކަމެއް،"

އޭނާ އަލިފުށީ ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ މި ސަރުކާރުން ކުރިއަށް ގެންދާވަރަށްވުރެ ބާރު ސްޕީޑުގައި އެއާޕޯޓްގެ މަޝްރޫއު ނިންމަވައިދެއްވާނެކަމުގެ ޔަގީންކަމެވެ.

ޑރ. މުއިއްޒު އަލިފުށީގައި ވާހަކަ ދައްކަވަނީ --

މީގެ އިތުރުން، މި ރަށުގެ ސިނާއީ މަސައްކަތްތަކަށް ބިން އިތުރުވާން ޖެހޭ ކަމަށާއި އެ ކަން ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި، އެއާޕޯޓްގެ މަޝްރޫއު ނިމޭއިރު، މި ރަށަށް ބޭންކުގެ ބްރާންޗެއް މުހިންމުވާނެކަން ފާހަގަކުރައްވައި އެ ކަން ކުރައްވާނެކަމުގެ ޔަގީންކަން ވެސް ދެެއްވިއެވެ.

އިތުރަށް މުއިއްޒު ވިދާޅުވީ، މި ރަށުގެ ސިއްހީ ނިޒާމު ވަރުގަދަ ވާން ޖެހޭ ކަމަށެވެ. ވަކިން އޮންނަ ރަށަކަށް ވާތީ، ރަށުން ބޭރަށް ނުގޮސް ފަރުޖެހެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ

"މި ތަނުގައި ހުންނަ ސިއްހީ މަރުކަޒަކީ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލަކަށް ހަދައިދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންނެވިއެވެ. އަދި އެއާޕޯޓާ އެކު ލޯކަލް ޓޫރިޒަމް އިތުރުކުރުމަށް ގެސްޓުހައުސް ވިޔަފާރިއަށް ފަހި ފުރުސަތުތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ތަރައްގީގެ ގިނަ ކަންތައްތަކެއް އަޅުގަނޑމެން މި ތިބީ ތިޔަ ބޭފުޅުނަށްޓަކައި ކުރަން ބޭނުންވެފައި. ކުރަން ތައްޔާރަށް މި ތިބީ،" މުއިއްޒު ވިދާޅުވިއެވެ.

"ރައްޔިތުންނަށް އުންމީދުތައް ލިބޭ ކަންކަމުގައި އެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ވަރަށް ބުރަ އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދިނުމަށް ކުރިމަތި ލައި މިތިބީ،"

comment ކޮމެންޓް