މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ އާއިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް، ޓޭބަލް ޓެނިސް މިކްސް ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދައިފިއެވެ.
ރަފާ އާއި މުންސިފްގެ ޕެއާ އިން ރަން މެޑަލް ހޯދީ މިކްސް ޑަބަލްސްގެ އިވެންޓުގެ ފައިނަލުގައި މަޑަގަސްކަރައިގެ ނެޓިވަލް ޖޮނަތަންއާއި ޑިމްބިމްމިހަރަލަނިޓްރާ ހަރޭނާ ބަލިކޮށްގެންނެވެ.
އިއްޔެ ކުޅުނު އެ މެޗު ރާއްޖެ އިން ކާމިޔާބުކުރީ 3-1 ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމް 9-11 އިން ގެންގޮސް، މަޑަގަސްކަރަ އިން ވަނީ ރާއްޖޭގެ ޕެއާއަށް އުނދަގޫތަކެއް ކުރިމަތިކުރުވައިފައެވެ.
ނަމަވެސް ޖެހިގެން އައި ތިން ސެޓުގައި ރަފާ އާއި މުންސިފް ވަނީ ތަފާތު ދައްކައިފައެވެ. އެގޮތުން މެޗުގެ ދެވަނަ ސެޓު ރަފާ އާއި މުންސިފް 11-8 އިން ގެންދިޔަ އިރު، ތިންވަނަ ސެޓު ގެންދިޔައީ 11-7 އިންނެވެ. އަދި ފަހު ސެޓު ރާއްޖޭގެ ޕެއާ ގެންދިޔައީ 11-5 އިންނެވެ.

އައިއޯއައިޖީ 2023 ގެ ޓޭބަލް ޓެނިސް މިކްސް ޑަބްލްސް އިވެންޓުން ލޯ މެޑަލް ހޯދި ދީމާ އާއި ޝައްފާން -- ފޮޓޯ/ އިސްމާއިލް ތާރިގް، އެމްއޯސީ
ރާއްޖޭގެ ފާތިމަތު ދީމާ އަލީއާއި މުހައްމަދު ޝައްފާން އިސްމާއިލް ވެސް ވަނީ މިކްސް ޑަބަލްސް އިވެންޓުން މެޑަލްއެއް ހޯދައިފައެވެ. ދީމާ އާއި ޝައްފާން މިކްސް ޑަބަލްސް އިން ހޯދާފައިވަނީ ލޯ މެޑަލްއެކެވެ.
މިއީ ރާއްޖެއަށް މިކްސް ޑަބްލްސް އިވެންޓުން ރާއްޖެއަށް މެޑަލްއެއް ލިބުނު ފުރަތަމަ ފަހަރެވެ.