ސިޔާސީ ވެރިންނަށް ލޯނަކީ ކޯއްޗެއްކަން އެނގެންޖެހޭކަމަށާއި ލޯނަކީ އަރަންޏެއްކަމަށް އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިރޭ ލ. ގަމުގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ ލޯނު ނަގަނީ ތަރައްގީގެ ބޮޑެތި މަސައްކަތްތައް ކުރުމަށް ކަމަށެވެ.
"އަޅުގަނޑު ކުރީގައި ވެސް ދެންނެވިން ވާހަކައެއް. ލޯނަކީ ދަރަންޏެއް ނޫނޭ. މިއީ ސިޔާސީ ބޭފުޅުން ދަސްކުރަންޖެހޭ އެއްޗެއް. މިއީ ރައްޔިތުން ކައިރިއަށް ސިޔާސީ ވާހަކަދައްކަން އަންނަ ފަރާތްތަކަށް ވިސްނެންޖެހޭ އެއްޗެއް. ދަސްކުރަންޖެހޭ އެއްޗެއް. އެ ބޭފުުޅުން އަޅުގަނޑު ދެރަވޭ އެ ބޭފުޅުން ސްކޫލުން އެ އެއްޗެހި ދަސްނުކުރީމާ،" ސިޔާމް ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން ސިޔާމް ވިދާޅުވީ ރިސޯޓެއް ތަރައްގީީކުރުމަށް 30 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ނަގައި، އެ ތަން ތަރައްގީކޮށް ނިމުމުން ދެން އެ ރިސޯޓު ހުޅުވުމާއެކު 30 މިލިއަން ޑޮލަރު ތިން ގުނަވެ 90 މިލިއަން ޑޮލަަރަށް ބަދަލުވާކަމަށެވެ.
"ކިހިނެއްތޯ އެ ދަރަންޏަކަށްވާނީ، އަރަންޏެއް ނޫންތޯ އެއީ،" ސިޔާމް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ލޯނު ނުދެއްކޭ ހާލަތެއްގައި ލޯނު ރިޝެޑިއުލްކޮށްދޭ ހާލަތުގައި ވެސް އެ ކަންވަނީ އަރަންޏަކަށްކަމަށެވެ.
"އަޅުގަނޑު ހަމަ ރިޕީޓްކޮށް ދަންނަވައިލާނަން ސިޔާސީ ވެރިންނަށް، ދަރަނީގެ ވާހަކަ ނުދައްކަވާށޭއެ ނޭނގިތިބެ. އެނގިގެންނޭ ވާހަކަދައްކަން ޖެހޭނީ،" ސިޔާމް ވިދާޅުވިއެވެ.
ސިޔާސީ ވެރިން އިތުރަށް ދަސްކުރަންވީ ކަމެއްގެ ގޮތުގައި ސިޔާމް ވިދާޅުވީ ލޯނަކީ މީހުންނަށް ދޭ އެއްޗެއްކަން ކަމަށެވެ. އެއީ ގައުމަކަށް ނުވަތަ ވަކި ކުންފުންޏެއް ބޮޑުވީތީ އެ ކަމަށް ބަލައި ދޭ އެއްޗެއް ނޫންކަމަށެވެ. ސިޔާމް ވިދާޅުވީ ލޯނު ދެނީ ގައުމު ހިންގަން ތިބި ވެރިންނަށް ނުވަތަ، ކުންފުންނި ހިންގާ މީހާއަށް ބަލައި އެ މީހެއްގެ މައްޗަށް ކުރާ އިތުބާރުގެ މައްޗަށް ކަމަށެވެ.
އެ ކަމަށް މިސާލު ދައްކަވަމުން ސިޔާމް ވިދާޅުވީ 2007ވަނަ އަހަރު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން ފްރާންސް ސަރުކާރުން 50 މިލިއަން ޑޮލަރުގެ ލޯނެއް ހޯދަން އެދުނުއިރު އެ މަނިކުފާނު ވެސް ހަމަ އެ ލޯނު ހޯދަން އެދުނުކަމަށެވެ.
ނަމަވެސް ދިވެހި ސަރުކާރުގެ ހުށަހެޅުން ގަބޫލު ނުކުރިއިރު ސިޔާމްގެ ހުށަހެޅުން ގަބޫލުކޮށް ފްރާންސް ސަރުކާރުން ލޯނު ދިންކަމަށް ސިޔާމް ވިދާޅުވިއެވެ. ދައުލަތަށް ނުދީ، އާންމު ފަރުދަކަށް ދިނުމުން އެއީ ކީއްވެތޯ އައްސަވައި ޔަގީންކުރުމުން އެއިރު ދިވެހި ދައުލަތުގައި ދެފުށް ފެންނަ ހަރުދަނާ ނިޒާމެއް ނެތްކަމަށް ބުނިކަމަށް ސިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑު އެ ބޭފުޅުން ކައިރި އެހިން ކީއްވެގެންތޯއޭ ތިހެން ތިހެއްދެވީ. ބޮޑު ދައުލަތެކޭ މިއީ. މި ދައުލަތަށް ނުދޭ އެއްޗެއް ކީއްވެގެންތޯއޭ އާންމު ރައްޔިތަކަށް ދިނީ. ފްރާންސް ސަރުކާރުން ދެންނެވީ ޓްރާންސްޕޭރެންސީއެއް ނެތޭ. އިތުބާރެއް ނުކުރެވެޔޭ. ދެން ނުދޭނެއެއް ނޫންތޯ،" ސިޔާމް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރައީސް ޞާލިހަށް މިއަދު ގައުމުތަކުގެ މާލީ އިދާރާތަކުން އިތުބާރުކުރާ ކަމަށެވެ. އެހެންކަމުން މި ސަރުކާރަށް ކުރިއަށް އޮތްތަނުގައި ވެސް ލޯނު ލިބޭނެކަމަށް ސިޔާމް ވިދާޅުވިއެވެ.
އެ މަނިކުުފާނު ރައީސް ސިފަކުރެއްވީ މި ގަރުނުގައި ވެސް ރާއްޖެ ދުށް އެންމެ ހިކުމަތްތެރި ވެރިއާގެ ގޮތުގައެވެ.