މުއިއްޒު ވިލިނގިއްޔަށް ދެއްވީ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ޔަގީންކަން!

ޑރ. މުއިއްޒު ވިލިނގިލީގައި ވާހަކަ ދައްކަވަނީ --

ގއ. ވިލިނގިލިން، ޢާލިމް އަބްދުއްލަތީފް

ގއ. ވިލިނގިއްޔާއި މި ރަށް ކައިރީގައި އޮންނަ އެކެފަރު ހިމެނޭ ގޮތަށް އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެކަމުގެ ޔަގީންކަން ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ވިލިނގިލީގައި މިރޭ އޮތް ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ފަސް އަހަރު ފާއިތުވެގެން މި ދަނީ އެއްވެސް ކަމެއް ހާސިލުނުވެ ކަމަށެވެ. އަދި މި ރަށުގެ ތަރައްގީއަށް ބަލާއިރު ވެސް މިއީ އެއްވެސް ކުރިއެރުމެއް ނުލިބި ދިޔަ ފަސް އަހަރުކަން އޭނާ ފާހަގަކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ ހުވަދު އަތޮޅުގެ ޓޫރިޒަމް ތަރައްގީކޮށް 10000 އެނދު މި އަތޮޅަށް ގެންނަވާނެކަމަށެވެ. އަދި އެ ކަން އެ ގޮތަށް ވާއިރު އިންޓަނޭޝަނަލް އެއާޕޯޓްތައް މުހިންމުކަމަށް ވިދާޅުވިއެވެ. ކާޑެއްދޫ އެއާޕޯޓް ތަރައްގީކުރައްވާނެކަމަށް އޭނާ ވިދާލުވިއެވެ.

"ގއ.ގައި ވެސް އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމަކީ މުހިންމުކަމެއް. ކޮންމެހެން މުހިންމުކަމެއް،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވިސްނުންހުރީ މިހާރު އޮތް ކޫއްޑޫ އެއާޕޯޓް ޓްރެއިނިން ސެންޓަރަކަށް ބަދަލުކޮށް، ވިލިނގިއްޔާއި އެކެފަރު ހިމެނޭ ގޮތަށް އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކޮށްދިނުމަށެވެ.

"އަދި އެ އެއާޕޯޓާއެކު އިންޓަގްރޭޓެޑް ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް އިރާދަކުރެއްވިއްޔާ މި ފަރުގައި ހިންގައިދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ކަމުގެ މާޒީއަށް ބަލާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ހަމަ މި ތަސައްވަރު ކުރައްވާ ކަަމަށެވެ. އަދި މި ވައުދުވެވަޑައިގެން މި ކަން ކުރައްވާނެ ގޮތް ވެސް ކަނޑައެޅުއްވި ކަމަށް ވިދާޅުވިއެވެ.

ނަމަވެސް، ވެރިކަން ބަދަލުވެ އެ ކަން ނުވެފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ޔަގީންކަމާއެކު މި ދަންނަވަނީ އިރާދަކުރެއްވިއްޔާ، ޔަގީންކަމާއެކު މި ދަންނަވަނީ އިރާދަކުރެއްވިއްޔާ، އެ ކަން ކޮށްދޭނަން ތިޔަ ބޭފުޅުންނަށް،" މުއިއްޒު ވިދާޅުވިއެވެ.

އެއާޕޯޓާއެކު ބިން ހިއްކުމުގެ ބޮޑު މަޝްރޫއެއް ހިންގައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެެ. އާބާދީ ބޮޑުކުރުމާއި އެއްފަސްކުރުމަށް ބޭނުންކުރުމަށް ކަންކަން ވެސް ވާނީ ބިން އިތުރުކުރުމުން ކަމަަށް ފާހަގަކުރެއްވިއެވެ.

"ބިން އިތުރުވުމުން ދެން ވާ ގޮތަކީ ތިޔަބޭފުޅުންނަށް ތިޔަ ބޭނުންވާ ގެެދޮރުވެރިކަމަށް ބިން އިތުރުވެގެން ދިޔައީ. ޒުވާނުންގެ ކުރިމަގަށް ޓަކައި ބޭނުންވާ ގެދޮރުވެރިކަން ގާއިމުކުރުމަށް ޓަކައި ބިން އިތުރުވެގެން އެ ދަނީ،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ކޫއްޑުއަށް އޭނާ ގެންގުޅުއްވާ ޕްލޭން ވެސް މުއިއްޒު ވަނީ ހާމަކުރައްވައިފައެވެ.

"ކޫއްޑޫގައި، އެ ތަނުގައި އޮތް އެއާޕޯޓް ބޭކާރު ވަނީކީ ނޫން. ހަމަ ހަގީގަތުގައި ވެސް އަސްލު ހަމަ ބަލާފައި މި ދަންނަވަނީ. [ޓްރެެއިނިން އެއާޕޯޓެއް ގޮތަށް] އެ ތަނުގެ ބޭނުން ހިފޭނެ،" މުއިއްޒު ވިދާޅުވިއެވެ.

އެ ތަނުގައި ހުރި މަސް ކިރުމުގެ ކޯލްޑް ސްޓޯރޭޖް ވަރަށް ކުޑަ ކަމަށާއި އެ ފެސިލިޓީއަކީ މި އަތޮޅުގެ މަސްވެރިކަމާ ބަލާއިފައި ވަރަށް ބޮޑަށް ބޮޑުކޮށް ތަރައްގީކުރަން ޖެހޭ ފެސިލިޓީއެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ މަސްވެރިކަމުގެ ޕްލޭންގައި މި އޮތީ އެ ފެސިލިޓީ މިހާރަށްވުރެ ދެގުނައަށް ބޮޑުކޮށްދިނުން،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ރަށާއި ނިލަންދުއާއި ދާންދޫގައި އައިސް ޕްލާންޓްތައް ގާއިމުކޮށްދީ، ޑީ ކޮމްޕްރެޝަން ޗެމްބަރެއް މި ރަށުގައި ބަހައްޓައިދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"މަސްވެރިކަމަކީ އަޅުގަނޑުމެންގެ މެނިފެސްޓޯގައި ވަރަށް ބޮޑު އިސްކަމެއް ދެވިފައި އޮތް ކަމެއް. މަސްވެރިކަމުގެ ސިނާއަތް ނަގާ ކޮޅަށް ޖަހައިދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

އިތުރަށް މުުއިއްޒުވަނީ މި ރަށުގެ ހޮސްޕިޓަލް ތަރައްގީކޮށްދެއްވާ މާލެއަށް ދާންޖެހޭ ވަރު ކުޑަކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ޔުނިވާސިޓީ ކެމްޕަސްއަކާއި ދަނާލެއް ގާއިމުކުރައްވާނެކަމުގެ ޔަގީންކަން ވެސް މުއިއްޒު ވަނީ ވިލިނގިލީ ރައްޔިތުންނަށް ދެއްވައިފައެވެ.

comment ކޮމެންޓް