މެންބަރުންނަށް ރިޝްވަތު ހުށަހަޅާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބަލައިނުގަތް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅާ ކަމަށް ބުނެ، މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތްކަން އަންގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ، މަޖިލީހުން ފުލުހުންނަށް ފޮނުވި ސިޓީގައި ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގެއް ފެށުމަށް ބޭނުންވާ އަސާސީ މައުލޫމާތު ފޯރުކޮށްދީފައިނުވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވެން ނެތްކަމަށް މަޖިލީހަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެފަދަ މައުލޫމާތު ހުރިނަމަ، ރިޝްވަތުގެ މައްސަލަ ތަހުގީގުކުރުމުގެ މައި އިހްތިސާސް އޮންނަ ފަރާތަކީ އެންޓިކޮރަޕްޝަން ކޮމިޝަން ކަަމަށްވާތީ، ރައްޔިތުންގެ މަޖިލީހުން ހުށަހަޅާ އެފަދަ މައްސަލަ ހުށަހަޅަންވާނީ އޭސީސީއަށް ކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ދެކޭ ވާހަކަ ދަންނަވާފައިވާނެ," ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު މަޖިލީހުން އެ މައްސަލަ ހުށަހެޅީ މަޖިލީހުގެ ބައެއް މެންބަރުން ޕާޓީ ބަދަލުކުރުމުގައި ރިޝްވަތުގެ އަމަލުތައް ހިމެނޭ ކަމަށް ތުހުމަކުރެވޭ ކަމަށް ބުނެއެވެ.

އެ ދުވަހު މަޖިލީހުގެ ރައީސް މުހައްމަަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ދައުލަތުގެ ފައިސާ ބޭނުންކުރައްވައިގެން މަޖިލިސް މެންބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތު ދެއްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އޭގެ ކުރީރޭ، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވަނީ ނަޝީދުގެ، ދަ ޑިމޮކްރެޓްސް ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި އޭގެ ކުރިން ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި، އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވެސް ޑިމޮކްރެޓްސް ދޫކުރައްވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

މަޖިލިސް މެންބަރުން ރިޝްވަތު ނަންގަވައި ޕާޓީ ބަދަލުކުރާ ކަމުގެ ވާހަކަތަކީ އަބަދުވެސް ދެކެވޭ އަދި ކުރެވޭ ތުހުމަތެކެވެ. އެގޮތުން 2008 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި އޭރު އޮތް މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނެތުމުން ބައެއް މެންބަރުންނަށް ބޮޑެތި އަދަދުތަކުން ފައިސާ އާއި މުދާ ދިނުމަށްފަހު އެމްޑީޕީއަށް ސޮއިކުރި ކަމުގެ ތުހުމަތު ވެސް ކުރެވުނެވެ. ނަމަވެސް އެއިން އެއްވެސް ތުހުމަތެއް ސާބިތުވެފައެއް ނުވެއެވެ.

ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އޭރު ޕީޕީއެމްގެ މަޖިލިސް މެންބަރުން ޕާޓީން ވަކިވާން ފެށުމުން އެކަން ހުއްޓުވުމަށް ވަނީ, މެންބަރަކު އިންތިހާބްވާ ޕާޓީން ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ބިލެއް ހުށަހަޅައި ފާސްކޮށްފައެވެ. އެ ގާނޫނުގެ ދަށުން, ޕީޕީއެމްއިން ވަކިވި 12 މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ވެސް ކަނޑައަޅާފައިވެއެވެ.

comment ކޮމެންޓް