ބޮޑުތަކުރުފާނު ޒިޔާރަތުގެ އާބާތުރަ ފިލުވާ ގިނަ ދުވަހަށް ދެމިހުންނާނެ ގޮތް ހަދައިފި

ބޮޑުތަކުރުފާނު ޒިޔާރަތުގެ އާބާތުރަ ފިލުވާ ގިނަ ދުވަހަށް ދެމި ހުންނަނާނެ ގޮތް ވަނީ ހަދާފައި -- ފޮޓޯ/ ހެރިޓޭޖް މިނިސްތްރީ

ބިހުރޯޒްކަމަނާ މިސްކިތުގެ ގޯތިތެރޭގައި ހުންނަ ބޮޑުތަކުރުފާނު ޒިޔާރަތުގެ އާބާތުރަ ފިލުވާ ގިނަ ދުވަހަށް ދެމި ހުންނަ ގޮތް ހަދައިފިއެވެ.

ބޮޑުތަކުރުފާނު ޒިޔާރަތުގެ ފާރުތަކުގައި ރެނދު އަޅައި އެކިވަރުގެ ގެއްލުންތައް ލިބިފައިވާތީ އެތަނުގެ އާބާތުރަ ފިލުވުމުގެ ޕްރޮޖެކްޓެއް މިދިޔަ އަހަރުގެ ފަހުކޮޅުން ފައްޓައިގެން ހެރިޓޭޖް މިނިސްޓްރީން ގެންދިޔައީ ކުރަމުންނެވެ.

އެ މަސައްކަތް އެއްކޮށް މިހާރު ނިންމާލާފައިވާ އިރު ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑުތަކުރުފާނު ޒިޔާރަތުގެ އާބާތުރަފިލުވައި، އެތަން ގިނަ ދުވަހަށް ހުންނާނެގޮތް ހަދާފައިވާ ކަމަށެވެ.

"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ވިދާޅުވީ ކުރާން ހުރި ކަންކަން ގިނަކަމުން ބޮޑުތަކުރުފާނު ޒިޔާރަތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ތަންކޮޅެއް ލަސްވެއްޖެކަމަށެވެ. ނަމަވެސް އެތަން މިއަދު ހުރީ ގާތްގަނޑަކަށް މިނިސްޓްރީން ބޭނުންވި ފެންވަރަށް ނިންމާލެވިފައި ކަމަށެވެ.

ތޯރިގު ވިދާޅުވީ އެ ޒިޔާރަތް މިހާރު ހުރި ގޮތަށް ބަލަހައްޓަމުން ގެންދާ ނަމަ، ބޮޑު މަރާމާތަކަށް ނުގޮސް ގިނަ އަހަރުތަކަށް ދެމި ހުންނާނެ ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރާ ނަމަ ކުރިއަށް އޮތް 50 އަހަރަށް އެތަން ދެމިހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކަތުރުފަނިން ސަލާމަތް ކުރަން ދޭންޖެހޭ ޓްރީޓްމެންޓް ދިނުމާއި ދުވަހުން ދުވަހަށް ކުރަންޖެހޭ ކުދިކުދި ކަންކަން ގަވާއިދުން ކުރެވޭނެ ނަމަ ކުރިއަށް އޮތް 50 އަހަރު ވެސް ބޮޑުތަކުރުފާނު ޒިޔާރަތަށް ބޮޑު މަރާމާތެއް ކުރާކަށް ނުޖެހޭނެ،" ތޯރިގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ބޮޑުތަކުރުފާނު ޒިޔާރަތް ގިނަ ދުވަހަށް ރައްކާތެރިކޮށް ބެހެއްޓުމުގައި އެންމެ މުހިއްމީ ހޭލުންތެރިކަމާއި އާންމުންގެ ފަރާތުން އެތަނަށް ދޭން ޖެހޭ ލޯތްބާއި ގަދަރު ދިނުމެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާސާރީ ބިނާތައް ހުރިއިރު ތޯރިގު ވިދާޅުވީ އެ ފަދަ މުހިއްމު ތަންތަނާމެދު ދިވެހީންގެ ހޭލުންތެރިކަން ކުޑަ ކަމަށާއި އެހެންވެ. ހޭލުންތެރިކުރުވުމަކީ މިނިސްޓްރީން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"މިތަން ގިނަ ދުވަހަށް ރައްކާތެރިކޮށް ބެހެއްޓުމުގައި އެންމެ މުހިއްމީ އާންމުންގެ ހޭލުންތެރިކަން. އެތަނަށް އެ ދޭން ޖެހޭ ލޯތްބާއި ގަދަރު ދިނުން. ކުނިކޮތަޅުވެސް ބަހައްޓަފާނެ. އެކަހަލަ ގޮތަކަށް މި ދަނީ. ދެން އެތަނަށް މީހަކު ކަމެއް ކުރޭތޯ ނޫނީ ކުނި ކޮތަޅު ބަހައްޓާ ތޯ ބަލާކަށް މީހަކު އަބަދު ނުބެހެއްޓެ. އެއީ އެކަން ކުރަން ޖެހޭނެ ގޮތް ކަމަކަށް ވެސް ގަބޫލެއް ނުކުރެވެ،" ތޯރިގު ވިދާޅުވިއެވެ.

އައްސުލްތާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލްއައުޒަމް ނުވަތަ ބޮޑު ތަކުރުފާނު ރަސްކަން ކުރެއްވީ 11 އަހަރާއި ހަ މަސްދުވަހެވެ. އަވަހާރަވީ އެކެއް ރަމަޟާން 993 ގައެވެ. އެއީ 18 އޮގަސްޓް 1585 ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ބިހުރޯޒު ކަމަނާ މިސްކިތުގެ ގޯތި ތެރޭގައެވެ.

މުޙައްމަދުތަކުރުފާނަކީ 1573ގަައި ޕޯޗުގީޒުންގެ އަޅުވެތިކަމާއި އަނިޔާވެރިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވި ގައުމީ ބަޠަލެވެ.

comment ކޮމެންޓް