މެޖިސްޓްރޭޓް ކޯޓުތަކުގެ ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ނެރުނު ބަޔާނެއްގައި ބުނީ، މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ޖުޑީޝަލް އެލަވަންސް ހަމަހަމަ އުސޫލަކުން ދިނުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް މި މަހުން ފެށިގެން ބޮޑުކުރީ ކަމަށެވެ.
އެ ޑިޕާޓްމަންޓުން ބުނީ، މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ އަސާސީ މުސާރައިގެ 35 ޕަސެންޓަށް އިތުރުކުރެވި، މި މަހުން ފެށިގެން ބޮޑުވި ޖުޑިޝަލް އެލަވަންސް މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށެވެ.
އެ ޑިޕާޓްމެންޓުން ބުނީ، މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު މި ބަދަލަކީ، 2015 ވަނަ އަހަރަށް ފަހު މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެވުނު ފުރަތަމަ ފަހަރު ކަމަށެވެ.
މި ބަދަލު ގެނައުމުގެ ކުރިން ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 ޕަސެންޓު ލިބެމުން ދިޔައީ 187 މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން އެންމެ 11 ކޯޓަކަށް ކަމަށް ވަނީ ބުނެފައެވެ.
މި ބަދަލާއެކު ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 ޕަސެންޓު ހަމަޖެހި، 800 މުވައްޒަފުންނަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެ ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.