ހަރުކަށި ފިކުރުގެ އެތައް ބަޔަކު ޑރ. މުއިއްޒަށް ކެމްޕެއިން ކުރޭ: މާރިޔާ

ރައީސް ސާލިހުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ހަރުކަށި ފިކުރުގެ ގިނަ ބަޔަކު އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް، ކެމްޕެއިން ކޮށްދެމުން އަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

މާރިޔާ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އޭނާ ވަނީ ޑރ. މުއިއްޒާއި ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރައްވާފައެވެ.

"ކޮނޑޭއަކީ ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ތަފާސްހިސާބުތަކުން ނިސްބަތުން އެންމެ ގިނަ މީހުން ސީރިޔާއަށް ފޮނުވާފަ އޮންނަ ކަމަށް ދައްކާ ތަން. އެކަމަކު އަޅުގަނޑުމެން ނުބުނަމޭ ކޮނޑޭއަށް ރައީސް ޞާލިޙް ވަޑައިގަތީމާ ނުކުތް މީހުންނަށްވުރެ ދެގުނައަށް މީހުން ނުކުމެ ތިއްބޭ މުއިއްޒު އެތަނަށް ވަޑައިގަތީމަ،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ސަލަފް ޖަމިއްޔާއަށް ނިސްބަތްވާ އެތައް ބަޔަކު ކޮންމެ ދުވަހަކު މުއިއްޒަށް ތާއީދު ކުރަމުންދާ ކަމަށާއި، ސޯޝަލް މީޑިއާގައި ވެސް ހަރުކަށި ފިކުރުގެ ގިނަ މީހުން މުއިއްޒަށް ކެމްޕެއިން ކުރައްވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ނުފޫޒު ވެރިކަމުގެ ތެރެއަށް އިންތިހާއަށް އޮތް ކަމަށް އިޝާރާތް ކުރައްވައި މާރިޔާ ވަނީ ޑރ. މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު އިސްނަންގަވައިގެން ކެމްޕެއިން ދަތުރުތަކުގައި ވަޑައިގަންނަވާތީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

comment ކޮމެންޓް