ރަސްމީ ބަހުސަށް ރައީސް ވަޑައިގަންނަވާނެ

ރައީސް ނ. ޅޮއްސަށް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ

ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ދައުލަތުގެ މީޑިއާއާއި ގައުމީ ޔުނިވާސިޓީން ބާއްވާ ރަސްމީ ބަހުސަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަޑައިގަންނަވާނެ ކަމަށް ކެޕްއިން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު މާރިޔާ އެކަން ކަށަވަރުކޮށްދެއްވާފައި ވަނީ ރައީސް ޞާލިޙު ބަހުސަށް ވަޑައިނުގަންނަވާނެ ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

"އަޅުގަނޑަށް އެބަ ކޮންފާމް ކޮށްދެއްވާ ރައީސް ޞާލިޙު އެމްއެންޔޫގައި ބާއްވާ ބަހުސަށް ވަޑައިގަންނަވާނެ ކަމަށް،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، އެ ބަހުސަކީ ޢިލްމީ ބަހުސެއް ކަމަށާއި ޔުނިވަސިޓީތަކުގައި ބާއްވާ ބަހުސްތަކަކީ ޢިލްމީ ވާހަކަތައް ދައްކަވާ ޕޮލިސީތައް ދިރާސާކޮށްގެން ކުރިއަށް ގެންދާނެ ބަހުސެއް ކަމަށެވެ. އެހެންނަމަވެސް މީޑިއާތަކަށް އަރާ އިސްތިހާރުވުމަށްޓަކައި ކުރާ ބަހުސްތަކަކީ ރައީސް ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް މާރިޔާ ވިދާޅުވިއެވެ.

"އެއަށްވުރެ ރައްޔިތުންގެ ގާތަށް ވަޑައިގަތުން މުހިންމު އަދި އެ މަނިކުފާނު އިސްކަންދެއްވަނީ އެކަމަށް،" މާރިޔާ ވިދާޅުވިއެވެ.

ރައީސް ސާލިހުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މާރިޔާ ވިދާޅުވީ އެއީ އެއްވެސް ހާލެއްގައި މީޑިއާތަކަށް ދޭ ދެރަ ބަހެއް ނޫން ކަމަށާއި އެއީ އެހެނިހެން ކެންޑިޑޭޓުންގެ މިސާލު ކަމަށެވެ.

އެހެނިހެން ކެންޑިޑޭޓުންނަކީ، މީޑިއާ މެދުވެރިކޮށް ފިނިކޮޓަރީގައި ތިބެގެން ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ވާހަކަ ދައްކާލައި ދައްކާލައި ތިބޭ ބައެއްގެ ގޮތުގައި މާރިޔާ ވަނީ ސިފަ ކުރައްވާފައެވެ.

"އޭގެ ބަދަލުގައި ރައީސް ޞާލިޙު ރައްޔިތުން ކުރިމައްޗަށް ގޮސް ރައްޔިތުންނާ ވާހަކަ ދައްކާ ރައްޔިތުން ބޭނުންވާ ކަންކަން އަމިއްލައަށް ވެސް އޮޅުން ފިލުވާ ރައްޔިތުންގެ އަޑު އަހާ. އެއީ އަދި ވާދަވެރި ބޭފުޅަކަށް ވިޔަސް،" މާރިޔާ ވިދާޅުވިއެވެ.

comment ކޮމެންޓް