ގައުމެއްގެ ހަޔާތް ސަލާން ޖެހުމުގައި، ބަދަލުވާން ޖެހޭ!

މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާ ކެންޑިޑޭޓުން---

ދެހާހުގެ ކުރިން އުފަން ވެފައިވާ މީހުންނަށް މިއީ އާ ވާހަކައަކަށް ނުވާނެއެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ރައްޔިތުންނާ މުހާތަބު ކުރައްވާ އެންމެ ގިނައިން ދައްކަވާ އެއް ވާހަކަ ގިނަ މީހުން ހަނދާން ހުންނާނެއެވެ. އެއީ ރާއްޖެއަކީ ގުދުރަތީ ވަސީލަތް މަދު، އާމްދަނީ މަދުން ލިބޭ ގައުމެއް ކަމެވެ. އެއީ މުޅިން ހަގީގަތެއް ނޫން ނަމަވެސް އޭރު ވެރިން ރައްޔިތުންނަށް ވިސްނައި ދިނީ އެގޮތަށެވެ. އެހެން ވިދާޅުވުމަކުން އަދި ނިމުނީއެއް ނޫނެވެ. ތަރައްގީގެ ކަންކަން ކުރިއަށް ގެންދިޔައީ ފިނިހަކަ ދުވެލީގައެވެ. އޭރު ވެސް ރަނގަޅު ކަންތައްތަކެއް ނުވާ ވާހަކައެއް ނޫނެވެ. އެކަމަކު އެވަރުގެ ދިގު ވެރިކަމެއްގައި ގެނެވޭނެ ތަރައްގީއާ ގާތްކުރާ ވަރުގެ ބަދަލެއް ވެސް ރާއްޖެއަކަށް ނާދެއެވެ.

އޭރުން ސުރެއް މިއަދާ ހަމައަށް ވެސް ދިވެހި ރާއްޖެ ތަރައްގީ ކުރަމުން އަންނަނީ ކޮންމެވެސް ގައުމަކަށް ސަލާން ޖަހައިގެން ހޯދާ ހިލޭ އެހީއަކުން ނުވަތަ ލޯނަކުންނެވެ. ގިނަ ސްކޫލްތައް އެޅުމާއި، ފެނާއި ނަރުދަމާ އެޅުމުން ފެށިގެން ގޮސް މިފަދަ ހުރިހާ ކަމެއް ކުރަމުން އައީ އެހެން ގައުމެއްގެ ފައިސާއިންނެވެ. ނަތީޖާއަކަށްވީ ރާއްޖެފަދަ އެހެން ގައުމުތައް ތަރައްގީގެ އުފާވެރިކަން އިހުސާސް ކުރަމުން އަންނައިރު މި ކުޑަ އާބާދީއަށް އަދިވެސް އަސާސީ ހިދުމަތްތައް ވެސް ނުލިބި އޮތުމެވެ.

ހިޔާ ފްލެޓްގެ ތަޅުދަނޑި ހަވާލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އާބާދީއަށް ވުރެން އެތައް ގުނައެއް އިތުރަށް ކޮންމެ އަހަރަކު ޓޫރިސްޓުން ރާއްޖެ އާދެއެވެ. އެގޮތަށް އަންނަ ކޮންމެ ޓޫރިސްޓެއް އެތައް ހާސް ޑޮލަރެއް މި ރާއްޖެއަށް ވިއްކައެވެ. ނަމަވެސް ދިވެހީންނަށް ހަމަ އަގުގައި ޑޮލަރެއް ނުލިބެއެވެ. ގިނަ ދިވެހީންނަކީ ކުލީގެ އަޅުންނެވެ. އިގްތިސާދު މުޅިންހެން ބަރޯސާވެފައި އޮތީ އެންމެ އިންޑަސްޓްރީއަކަށެވެ. އެކިއެކި ދާއިރާތަކަކަށް ފުޅައެއް ނުކުރެއެވެ. މިވެރިކަން އައުމާ ހަމައަށް ގިނަ ރަށްރަށުގައި ސާފު ބޯފެނާއި ނަރުދާމެ ނިޒާމެއް ނެތެވެ. ދިވެހީންގެ އާބާދީ ހަތަރު ލައްކައަށް ނާރާއިރު އެވަރުގެ ކުޑަ އާބާދީއަކަށް އަސާސީ ބޭނުންތައް ފޯރުނުކޮށްދެވި މިހާ ދުވަސްވުން މިއީ ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. މިކަމުގެ މައިގަނޑު އެއް ސަބަބަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ގައުމު ހިންގަން ނޫޅުމެވެ. އަބަދުހެން ބޭރަށް ސަލާން ޖަހައިގެން ކަންކަން ކުރުމެވެ.

މީގެ ނަތީޖާ ވަރަށް ގޯސް

ދުނިޔެއިން ފެންނަ ހަގީގަތަކީ އެހެން ގައުމުތަކުގެ އެހީއާއި ލޯނުތަކަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމުތަކަށް އިގްތިސާދީ، އިޖުތިމާއީ އަދި ސިޔާސީ ހަމަޖެހުމަށް އަސަރުކުރާނެ ގިނަ ގޮންޖެހުންތަކާއި މައްސަލަތަކާ ކުރިމަތިވާ ކަމެވެ. އޭގެ ތެރެއިން މައިގަނޑު އެއް ކަމަކީ ދަރަނީގެ ބުރަ ބޮޑުވެ، ގައުމުގެ އާމްދަނީގެ ބޮޑު ބައެއް ދަރަނި ދެއްކުމަށް ހޭދަ ކުރަން ޖެހުމެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިހާރު ދައުލަތުގެ ދަރަނި ހުރީ 108 ބިލިއަން ރުފިޔާގައެވެ. އެއީ 59 ބިލިއަން ރުފިޔާގެ އެތެރޭގެ ދަރަންޏާއި 49 ބިލިއަން ރުފިޔާގެ ބޭރުގެ ދަރަންޏެވެ. ގައުމަށް އޮތް އަނެއްބޮޑު ގޮންޖެހުމަކީ 2026 ވަނަ އަހަރު ދަރަނީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ދައްކަން ޖެހުމެވެ. އެހެން ދާއިރާތަކަށް އިންވެސްޓް ކުރެވިދާނެ ފައިސާ ދަރަނި ދެއްކުމަށް ހޭދަކުރުމަކީ ގައުމުގެ އިގްތިސާދީ ކުރިއެރުމާއި ތަރައްގީއަށް ހުރަސްއެޅޭ ކަންކަމެވެ.

މަސްވެރިން ތަކެއް މަހުން ލަފައިން ފުނަދޫ ބަނދަރުގައި: --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާބޮޑަށް އެހެން ގައުމަކަށް ނުވަތަ ގައުމުތަކަކަށް ބަރޯސާވާނަމަ އެއީ ގައުމެއްގެ އިސްތިގްލާލާއި ނިންމުންތައް ނިންމުމުގެ ގާބިލުކަމަށް ބުރޫއަރާނެ ކަންކަމެވެ.

އެހީއާއި ލޯނަށް ބަރޯސާވެފައިވާ ގައުމުތަކަކީ ދުނިޔޭގެ އިގްތިސާދީ ހާލަތަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ގައުމުތަކެވެ. އެހެން ގައުމެއްގެ އިގްތިސާދު ދަށްވުމުން ނުވަތަ އެ ގައުމަކުން އިސްކަންދޭ ކަންކަމަށް ބަދަލު އައުމުން އެހީއާއި ފައިސާ މަދުވެ، ގައުމުގެ ތަރައްގީގެ އަމާޒުތައް ހާސިލްކުރުމަށް އަސަރު ކުރެއެވެ.

އެހެން ގައުމަކަށް ބަރޯސާ ވެގެން ގައުމު ހިންގާނަމަ ކުރު މުއްދަތަކަށް ލުއިތަކެއް ލިބިދާނެއެވެ. ނަމަވެސް ގައުމެއް ހަމައިސްކޮޅަށް ތެދުވެ، އިގްތިސާދު ވަރަށް ބޮޑަށް ފުޅައެއް ނުކުރެވޭނެއެވެ. އެހެން ގައުމުތަކުން ދޭ ގިނަ އެހީގެ ޕެކޭޖުތަކުގައި ޝަރުތުތަކެއް ހުންނައިރު، އޭގެ ތެރޭގައި ސިޔާސަތަށް ބަދަލު ގެނައުން ނުވަތަ ސްޓްރަކްޗަރަލް ރިފޯމްތައް ހިމެނެއެވެ. އެއީ މިނިވަންކަމަށް އަސަރު ކުރާ ހިސާބެވެ. އެއީ އެހީތެރިކަމާއި ލޯނު ދޭ ގައުމުތަކުން ކުޑަ ގައުމުގެ ސިޔާސަތުތަކަށާއި ނިންމުންތަކަށް ނުފޫޒު ފޯރުވޭތީއެވެ.

މާޒީއާއި މިއަދުން ވެސް އެތައް އިބުރަތެއް

އިގުތިސާދީ ގޮތުން ވަކި ގައުމަކަށް ބަރޯސާ ވުމުން އަޅުވެތިކަމުގެ އިހުސާސް މީގެ ކުރިން ވެސް ދިވެހީން ވަނީ ކުރަން ޖެހިފައެވެ. ވަކި ބަޔަކަށް އިގްތިސާދީ ދާއިރާގެ ކޮންޓުރޯލް ދިނުމުންކަންވާ ގޮތުގެ މިސާލަކީ 1857 ވަނަ އަހަރު ހުޅަނގު އުތުރު އިންޑިއާއިން ރާއްޖެއައި ވޯރާ ވިޔަފާރިވެރިންގެ ހާދިސާއެވެ. އެ މީހުންނަށް ރާއްޖޭގައި ވިޔަފާރިކުރަން ތިބުމުގެ ހުއްދަ ދިނުމާއެކު ދިވެހިންގެ ވިޔަފާރި ހުއްޓުވައި ރާއްޖޭގެ ވިޔަފާރީގެ ކޮންޓުރޯލް އެ މީހުން ނެގިއެވެ. ނަތީޖާއަކަށްވީ ދިވެހިންގެ ކަންކަމަށް އެމީހުން ބަސް ކިޔުމެވެ.

"ޖިއޯޕޮލިޓިކްސް"ގެ ތެރެއިން ދުނިޔޭގެ ބާރުވެރިކަން ހޯދުމަށް އެއްގައުމުން އަނެއް ގައުމަށް ފޮނުވާ ނުފޫޒަކީ ހިނގަމުން އަންނަ ކަންކަމެވެ. ލެޓިން އެމެރިކާގެ ގައުމުތަކަށް އެމެރިކާގެ ނުފޫޒުގެ ސަބަބުން ކުރިއަރައި ނުދެވިވާ ސަބަބު އެއީ އޭގެ އެއް މިސާލެވެ. އެމެރިކާއިން ބޭނުންހާ އެއްޗެއް ހަދަން ގެންގުޅޭ ކުޅިބަޔަކަށް އެގައުމުތައް ހަދާނެ ކަމަށް އެމެރިކާގެ ވެރިން ދިޔައީ އަދި ދަނީ ބުނަމުންނެވެ.

ރާއްޖެއަށް ބަލާއިރު ގައުމު ކުޑަ ނަމަވެސް ނުފޫޒުތަކުގެ އަސަރު ބޮޑެވެ. އެހެންވާ މައިގަނޑު ސަބަބަކީ ގައުމުތަކުގެ އުނގުގައި ރާއްޖެ އޮތުމެވެ. ވަކި ގައުމަކުން ދިނީމައި ކައިގެން އަނެއް ގައުމަކުން ދިނީމާ ތަރައްގީ ކޮށްގެން އުޅޭ ޒަމާންވީ އުޅުމުގެ ސަބަބުންނެވެ.

ވެރިންގެ އިހުލާސްތެރިކަމެއް ނެތުމުގެ ހިތި ނަތީޖާ

ވަސީލަތް މަދުކަމަށް ބުނުމާއި ގައުމު ކުޑަ ކަމަށް ބުނުމާއި އާބާދީ މާ މަދު ކަމަށް ބުނުންފަދަ ބަހަނާތަކަކީ ކަމެއް ކުރަން ބޭނުން ނުވާނަމަ ދެއްކޭނެ ވާހަކަތަކެވެ. ނަމަވެސް ހަގީގަތަކީ ދިގުރާސްތާ ޕްލޭނެއްގެ ދަށުން ރާވައިގެން ކަންކަން ކުރާނަމަ ކާމިޔާބު ވާނެ ކަމެވެ. ދުނިޔޭގެ ގައުމުތަކުން މި މިސާލު ފެނެއެވެ.

ސިންގަޕޫރުގެ ތަރައްގީގެ ބާނީ، ލީ ކުއާން ޔޫ އެ ގައުމުގައި ވެރިކަން ކުރެއްވީ 31 އަހަރެވެ. އެ މުއްދަތެއްގައި އޭނާ ވަނީ މަދިރި އުފެދޭ ޗަސް ބިމެއްގެ ގޮތުގައި އިނގިރޭސީންގެ އިސްތިޢުމާރުގެ ދުވަސްވަރު އޮތް ސިންގަޕޫރު، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފައިނޭންޝަލް ސެންޓަރަށް ހައްދަވައިފައެވެ. ގުދުރަތީ ވަސީލަތްމަދު ސިންގަޕޫރަށް މިހާ ހިސާބަށް އާދެވުނީ ވެރިއަކަށް ހުންނެވި ބޭފުޅާ އިހުލާސްތެރިވުމުންނެވެ.

ދުބާއީގެ ތަރައްގީގެ ބާނީ، ޝެއިހް ރާޝިދު ބިން ސައީދު އަލް މަކްތޫމް، އެ ގައުމުގެ ވެރިކަން ކުރެއްވީ 32 އަހަރުއެވެ. ހަމައެކަނި ތެލަށް ބަރޯސާވެގެން ގައުމު ހިންގަވަން އެ ބޭފުޅާ ބޭނުމެއް ނުވިއެވެ. އެހެންވެ މުޅި އިގްތިސާދު ހުޅުވާލީއެވެ. ޓޫރިޒަމާއި ބިނާ ކުރުންފަދަ ކަންކަމަށް އިންވެސްޓް ކުރިއެވެ. މިއަދު ދުބާއީ އެ ދެކޭ ތަރައްގީގެ ސިއްރަކީ އިގްތިސާދު އެކި ދާއިރާތަކަށް ފުޅާ ކުރުމެވެ.

ސިންގަޕޫރާއި ދުބާއީގެ ތަރައްގީއަށް ލިބުނު އެންމެ ބޮޑު އެއް ފުރުސަތަކީ އެ ގައުމުތަކުގައި އޮތް ސިޔާސީ ހަމަޖެހުމެވެ. މިއަދު ރާއްޖެއަކު އެކަމެއް ނެތެވެ. ނަމަވެސް ރައީސް މައުމޫނަށް އެ ފުރުސަތު ލިބިލެއްވިއެވެ. ހުރިހާ ބާރުތަކެއް އެއްކުރައްވައިގެން މައުމޫން ދިގު 30 އަހަރު ވެރިކަން ކުރެއްވިއިރު ބޭނުން ބަދަލެއް، ގާނޫނުތަކަށް ވެސް ރައްޔިތުންނަށް ވެސް ގެނައުމުގެ ފުރިހަމަ ބާރު އޮތެވެ. ނަމަވެސް އިގްތިސާދީ ގޮތުން ގައުމު އެހެން ހަރުފަތަކަށް ގެންދިއުމުގެ ބަދަލުގައި އެވެރިކަމުން އިސްކަން ދިނީ ގިނަ ދުވަހު އެ މަނިކުފާނަށް ވެރިކަމުގައި ހުންނެވޭ ގޮތަށް ކަންކަން ކުރުމަށެވެ. މިއަދު ރާއްޖެ މިއޮތް ހާލަތުގެ ހަގީގީ ސަބަބަކީ އެއީއެވެ.

ރައީސް މުޙައްމަދު ނަޝީދު ވެރިކަމާ ހަވާލުވުމާ ހަމައަށް ދިވެހީންނަށް ވިސްނިފައި އޮތީ ހިލޭ ބޭސްފަރުވާއާއި އުމުރުން ދުވަސްވީ މީހުންނަށް އެލަވަންސް މިގައުމަށް ނުދެވޭނެ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވުމާހަމައަށް ދިވެހީންނަށް ވިސްނިފައި އޮތީ މި ގައުމުގައި 10 ބުރިއަށް ވުރެން އިސްކޮށް އިމާރާތް ނުކުރެވޭނެ ކަމެވެ. އަދި ބްރިޖާއި ބޮޑެތި އިމާރާތްތައް ރާއްޖޭގައި ނޭޅޭނެ ކަމެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ހަވާލުވުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅައި ދިވެހީންނަށް ހިލޭ ޑިގްރީއާ ހަމައަށް ކިޔަވައި ބާރު ސްޕީޑުގެ ފެރީތަކުގައި ދަތުރު ކުރެވޭނެ ކަމަށް ގަބޫލުކުރާ ދިވެހިން މަދެވެ. އެއީ މީގެ ކުރިން މިއީ ވަސީލަތް މަދު ގައުމެއްކަން ރައްޔިތުންނަށް ވިސްނައި ދީފައިވާތީއެވެ.

ކުރިއަށް ރިޔާސީ އިންތިޚާބެއް އޮތްއިރު ދެން އަންނަ ވެރިއެއްގެ ފަރާތުން ދިވެހީން ބޭނުންވަނީ އިހުލާސްތެރިކަމެވެ. އެހެން ގައުމުތަކަށް އަބަދު ސަލާން ޖަހައިގެން ރާއްޖެ ހިންގާތާ އެތައް ޒަމާނެއް ވެފައިވާއިރު މިއީ ބަދަލު ކުރެވޭނެ ކަމެކެވެ. މިވާހަކަ ވަރަށް ބާރަށް ދައްކަން ޖެހެއެވެ. މިހާލަތުން އަރައިގަތުމަށް ބޭނުންވަނީ ދިގުރާސްތާ ޕްލޭނެކެވެ. އޭގެ ތެރޭގައި އެންމެ ދާއިރާއަކަށް އިގްތިސާދު ބަރޯސާވެގެން އޮތްއޮތުން ނިމުމަކަށް ގެންނަން ޖެހެއެވެ. އާމްދަނީގެ މަސްދަރުތައް ތަފާތުކޮށް، ދިވެހި ސިނާއަތްތައް ކުރިއެރުވުމަކީ ދިގު މުއްދަތުގައި ބޭރުގެ އެހީއާއި ލޯނަށް ބަރޯސާވުން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

comment ކޮމެންޓް