އެމްޑީޕީގެ ކުރީ ސަފުން އަދިވެސް ޖާގަ ލިބޭނެ ކަމަށާއި ވިސްނެވުމަށް ފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ދައުވަތު ދެއްވައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ތ. އަތޮޅަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި ވިލުފުއްޓަށް ވަޑައިގެން މި ރަށުގައި ވާހަކަފުޅުފައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން އެމްޑީޕީއަށް މިދިޔަ ދުވަސްތަކުގައި ބައެއް ބަދަލުތައް އައިސް ބައެއް މެންބަރުން ވަކިވި ކަމަށެވެ.
އެގޮތުން ޕާޓީގައި ގިނަ ދުވަހު ހުންނެވި އަފީފް ވެސް އެމްޑީޕީއާ ދުރުގައި ހުންނެވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އޭނާއަށް ވަރަށް އިހްތިރާމް ކުރައްވާ ކަމަށެވެ.
ނަމަވެސް އެެމްޑީޕީ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގައި އަފީފް ޕާޓީ ދޫކުރެއްވުމަކީ ލިބުނު ހިތާމައެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެއާ އެކު އެ މަނިކުފާނު ވަނީ އަލުން ވިސްނުމަށް އަފީފް އަރިހުން އެދިވަޑައިގެންފައެވެ.
"އަބަދުވެސް އެ ބޭފުޅުންނަށް އެމްޑީޕީގައި ޖާގަ އޮންނާނެ. ކުރީ ގޮނޑިބަރީގައި ޖާގަ އޮންނާނެ. އެއީ ޕާޓީއަށް ޚިދުމަތްކުރެއްވި ބޭފުޅުން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ކުރިމަގު އޮތީ އެމްޑީޕީއާ އެކު ކަމަށެވެ.
މީގެ އިތުުރުން ޕާޓީއަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި މެންބަރުން ޕާޓީން ވަކިވެގެން ދިއުމަކީ އެއް ގޮތަކަށް ވެސް ބޭނުންފުޅުވާ ގޮތެއް ނޫން ކަމަށާއި އެ މެންބަރުން ވަކިވެ ދިއުމަކީ ދޫކޮށްލެވޭވަރު ކަމަކަށް ނުވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ޕާޓީގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސްގައި އަފީފް މަސައްކަތް ކުރެއްވި ނަމަވެސް ޕާޓީގެ ހަރަކާތްތަކުން އޭނާ ފެންނަނީ ވަރަށް މަދުންނެވެ. ޚިޔާލު ތަފާތު ނަމަވެސް ބަހުގެ ހަމަލަތައް ރައީސަށް ސީދާގޮތުން އަމާޒެއް ނުކުރައްވައެވެ.
އަފީފަށް ރައީސް ދައުވަތު ދެއްވިއިރު އެމްޑީޕީން ވަކިވި މެންބަރުންގެ ތެރެއިން ކުޅުދުއްފުށީ ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައެވެ.
ދެވަނަ ދައުރެއްގައި ވިލުފުށީގައި ހިންގާނެ މަޝްރޫތައް:
- ރަށުގެ ތާރު ނާޅާ ހުރި މަގުތަކުގައި ތާރުއެޅުން
- އަންހެނުންގެ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއް ގެނައުން
- ބަނދަރާއި ފަޅު އިތުރަށް ތަރައްގީކުރުން