ފިރިހެން ޓީޓީ ޓީމާއި ބެޑްމިންޓަން ޓީމު ސެމީއަށް

އައިއޯއައިޖީ 2023 ގައި ރާއްޖޭގެ ފިރިހެން ޓީޓީ ޓީމުން މޮރިޝަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ/ އެމްއޯސީ، މުހައްމަދު ޝާބިން

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023ގެ ސެމީ ފައިނަލުން ރާއްޖޭގެ ފިރިހެން ޓޭބަލް ޓެނިސް ޓީމާއި ފިރިހެން ބެޑްމިންޓަން ޓީމު ޖާގަ ހޯދައިފިއެވެ.

މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އައިއޯއައިޖީގައި ޓީޓީ ޓީމުން ސެމީގެ ޖާގައެއް ހޯދީ ގްރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެންނެވެ.

ރާއްޖޭން އިއްޔެ މަޑަގަސްކަރަ އަދި މޮރިޝްސްއާ ދެކޮޅަށް ކުޅުނު މެޗުތަކުން ވެސް ވަނީ ފަސޭހަކަމާ އެކު މޮޅުވެފައެވެ. ރާއްޖެއަށް އެ މޮޅުތައް ހޯދައިދިން ޓީމުގައި ހިމެނެނީ މުންސިފު އަހުމަދާއި މުހައްމަދު ޝައްފާން އިސްމާއީލާއި މުހައްމަދު ޒީސްތު ނަސީމް އަދި އަހްޔަރް އަހުމަދު ކާލިދެވެ.

ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމުން ސެމީއަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން މޮޅުވެ، އެއްވަނަ ޓީމުގެ ގޮތުގައެވެ. އިއްޔެ ރާއްޖެއިން މޮޅުވީ މަޑަކަސްގަރަ އަދި ކޮމޮރޯސްއާ ދެކޮޅަށް ކުޅުނު މެޗުތަކުންނެވެ.

ރާއްޖޭގެ ބެޑްމިންޓަން ޓީމު ކުޅުނު ފުރަތަމަ މެޗުގައި 4-1 އިން މަޑަގަސްކަރަ ބަލިކުރި އިރު، ދެވަނަ މެޗުގައި ކޮމޮރޯސް ބަލިކުރީ ސީދާ ފަސް ގޭމުންނެވެ. ރާއްޖެއަށް އެ މޮޅުތައް ހޯދި ޓީމުގައި ހިމެނެނީ ޒަޔާން ޝާހިދު ޒަކީއާއި ނިބާލް އަހުމަދާއި މުހައްމަދު އަޖުފާން ރަޝީދު އަދި މުހައްމަދު ތޯއިފެވެ.

އިއްޔެގެ މެޗުތަކުގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމާއި އަންހެން ބެޑްމިންޓަން ޓީމުން ވެސް ވަނީ ކާމިޔާބީތަކެއް ހޯދައިފައެވެ.

comment ކޮމެންޓް