އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އާއި ޑިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)ގައި މަސައްކަތް ކުރާ 30 މުވައްޒަފުން, ސްޓަޑީ ޓުއާއަކަށް އިންޑިއާގެ ނިއުދިއްލީއަށް ފޮނުވުމަށް އެ ގައުމުގެ ސަރުކާރުން ނިންމަވައިފިއެވެ.
މިކަން ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.
މި ރަސްމިއްޔާތުގައި މުނޫ މަހާވަރު ވިދާޅުވީ، އިންޑިއާއަކީ މިވަގުތު ސިވިލް އޭވިއޭޝަންގެ ދާއިރާ އެންމެ ހަލުވި މިނުގައި ކުރިއަރާ ގައުމު ކަމަށެވެ.

"އެހެންވީމަ އެ ކުރިއެރުންތަކުގެ ތެރެއިން އަހަރެން ގަބޫލު ކުރަނީ ރާއްޖޭގެ ސިވިލް އޭވިއޭޝަން ދާއިރާއަށް ދަސްކޮށްދެވޭނެ އަދި އެކަމުގެ ފައިދާތައް އޭގައި ހިމެނޭ ކަންތައްތަކެއް ހުންނާނެ ކަމަށް،" މުނޫ މަހާވަރު ވިދާޅުވިއެވެ.
މި ފުރުސަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާނެކަމަށް އުންމީދު ކުރައްވާ ކަމަށް ސަފީރު ވިދާޅުވިއެވެ.
މުނޫ މަހާވަރު ވަނީ ސްޓަޑީ ޓުއާއަށް ދާ ހުރިހާ މުވައްޒަފުންނަށް މަރުހަބާ ދަންނަވާފެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ގިނަ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ސްޓަޑީ ޓުއާގައި ބައިވެރި ވަނީ، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ 27 އޮފިސަރުންނާއި ޑާސާގެ ތިން މުވައްޒަފުންނެވެ.
މި ޓުއާގައި އިންޑިއާގެ އޭވިއޭޝަން ސެކިއުރިޓީ މަސައްކަތް ކުރާ ގޮތް ގާތުން ބަލާލުމުގެ ފުރުސަތު އެ މުވައްޒަފުންނަށް ލިބޭނެއެވެ. މި ޓުއާގެ ބޭނުމަކީ ދާއިރާގައި މަސައްކަތް ކުރަން ތިބޭ މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރު ކުރުމެވެ. އަދި ދާއިރާއިން ލިބިފައިވާ މައުލޫމާތު އިތުރުކޮށް ގުޅުންތައް ހަރުދަނާ ކުރުމަކީ ވެސް މި ޓުއާގެ ބޭނުމެކެވެ.
ޓުއާގެ ބައިވެރިން މާދަމާ އިންޑިއާއަށް ފުރާއިރު މިއީ އަށް ދުވަހުގެ ޓުއާއެކެވެ. އެހެންކަމުން އެ މުވައްޒަފުން އެނބުރި ރާއްޖެ އަންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
މިދިޔަ އަހަރު ވެސް އިންޑިއާ ސަރުކާރުން ވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އާއި ޑާސާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސްޓަޑީ ޓުއާއަށް ދިއުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިދިޔަ އަހަރު އެ ޓުއާއަށް ގޮސްފައި ވަނީ 24 މުވައްޒަފުންނެވެ.