ފުލެޓުގެ ވެރިފަރާތުން ކުއްޔަށް ދޫކުރާނަމަ އެ އަގު ކޮންޓްރޯލް ކުރާނަން: ފައްޔާޒު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް--- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ދެވަނަ ދައުރެއްގައި ސަރުކާރުން ސަބްސިޑައިޒްކޮށް ދޫކުރާ ފްލެޓްތަކުގައި އެ ދިން ފަރާތް ނޫން އެހެން ބަޔަކު ދިރިއުޅުމަށް ކުއްޔަށް ދޫކުރާނަމަ، ކަނޑައެޅޭ ވަކި މިންގަނޑެއްގެ ތެރޭގައި ކުއްޔަށް ދެވޭނެ ގޮތަށް ސިޔާސަތުތައް ދެވަނަ ދައުރެއްގައި ބަދަލު ކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިރޭ ބޭއްވި އެމްޑީޕީގެ ކެމްޕޭން ހަރަކާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ސަރުކާރުން ލުއި އަގެއްގައި ދޫކުރާ ފުލެޓުތައް ދޫކުރަނީ އެ ތަންތަން ކުއްޔަށް ދީގެން އެ ބަޔަކު މުއްސަނދިވާން ނޫން ކަމަށެވެ. ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާގައި އެ ކަންކަން ކުރަނީ އެ ބަޔަކަށް ބޯހިޔާވަހިކަން ހޯދަދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގަ އެބަ އޮތް ސަރުކާރުން ސަބްސިޑައިޒް ކޮށްގެން ސަރުކާރުން ކުޑަ ލުއި ގޮތަށް ދޫކުރާ ފުލެޓުތަކުގައި އެ ދިން ފަރާތް ނޫން އެހެން ބަޔަކު ދިރިއުޅޭކަމަށް ވަންޏާ، ކުއްޔަށް ދޭ ކަމަށް ވަންޏާ، ކޮންމެ ވެސް މިންގަނޑެއްގެ ތެރޭގައި އެ ކުއްޔަށް ދެވޭނެ ގޮތަށް ސިޔާސަތުތައް ބަދަލުކުރާނެ ކަމަށް." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ފްލެޓް ލިބޭ ފަރާތުން އެއީ އާމްދަނީއެއްގެ ގޮތުގައި ބަދަލުކުރާ ކަމަށް ވާނަމަ އެ ފުރުސަތު ވެސް ސަރުކާރުން ދޭނެ ކަމަށެވެ. އެހެން ނަމަވެސް ބޯހިޔާވަހިކަމެއް ނެތިގެން އެތަނަށް ވަންނަން އަންނަ މީހާއަށް ދައްކަންޖެހޭ ކުއްޔަކީ ކޮންމެ ވެސް ކޮންޓްރޯލް ނިޒާމެއްގެ ތެރޭގައި ދައްކަންޖެހޭ އަގެއްގެ ގޮތުގައި ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެވަނަ ދައުރެއްގައި މި ކަންކަން ރައްޔިތުންނާ މަޝްވަރާކުރުމަށް ފަހު ހުރިހާ ފަރާތަކަށް ވެސް އެންމެ ފައިދާހުރި ގޮތަކަށް އެކަން ނިންމާނަން," ފައްޔާޒު ވިދާޅުވިއެވެ.

މި ސަރުކާރަކީ ރައްޔިތުންނަށް އޭގެ އެންމެ ފައިދާ ވާނެ ގޮތަށް ކަންކަން ކުރާ ސަރުކާރުކަން ފާހަގަކުރައްވާ ފައްޔާޒު ވަނީ ރައްޔިތުންގެ ބޯހިޔާވަހިކަމަށް މި ސަރުކާރުން އިސްކަންދީފައިވާ މިންވަރު ހާމަކުރައްވާފައެވެ. އަދި, ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް ހޮވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ބާކީ އޮތް 14 ދުވަސްތެރޭ ކަށިން ހިތްވަރު ނަންގަވާ މިކަން އެބަ ކާމިޔާބު ކުރަންޖެހޭ. އަޅުގަނޑުމެންނަށް މިހާރު މިއޮތީ ކާމިޔާބާ ހިސާބަށް ދެވިފައި. އެހެންނަމަވެސް ގަދަ ހިތްވަރުލާފައި މަސައްކަތް ކުރަން އެބަޖެހޭ އަޅުގަނޑުމެންގެ އެ ކާމިޔާބު އަތުން ބީވިޔަ ނުދިނުމަށްޓަކައި" ފައްޔާޒު ވިދާޅުވިއެވެ.

comment ކޮމެންޓް