ނ. މާފަރު ކައުންސިލް މެންބަރު އަތޫފް އަބްދުﷲ މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އަށް މިއަދު ސޮއިކުރައްވައިފިއެވެ.
އަތޫފް އެމްޑީއޭއާ ގުޅުމަށްފަހު، ފޯމު ހަވާލު ކުރެއްވީ އެ ޕާޓީގެ ކައުންސިލް މެންބަރު މުޙައްމަދު އައްބާސްއާއެވެ.
މާފަރު ކައުންސިލަށް އަތޫފް، އިންތިޚާބުވީ އެމްޑީޕީގެ ޓިކެޓްގައެވެ. ނަމަވެސް އެމްޑީޕީން ވަކިވެ، ޖުމްހޫރީ ޕާޓީއަށް މިއަދު ސޮއި ކުރެއްވިތާ މާ ގިނަ އިރެއް ނުވެ، އެ ޕާޓީ ދޫކުރައްވައި އެމްޑީއާ ގުޅުނީއެވެ.
އެމްޑީއޭއަށް ސޮއި ކުރެއްވުމަށްފަހު. "ސަން"އާ ވާހަކަދައްކަވަމުން އަތޫފް ވިދާޅުވީ ޖޭޕީ ދޫކޮށްލައްވައި، އެމްޑީއޭއާ ގުޅުނީ މުޅި އަތޮޅަށާއި މާފަރުގެ ތައުލީމީ ދާއިރާ އަށާއި ރަށުގެ ތަރައްގީއަށް އެ ޕާޓީގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު، ކޮށްދެއްވާފައިވާ ކަންކަން ހިތުގެ އަޑިން ގަބޫލު ކުރެވޭތީ ކަމަށެވެ. އަދި އެމަނިކުފާނުގެ ފަހަތުގައި އުއްމީދެއް ވާކަމަށް ވެސް އަތޫފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީއޭގައި ހުންނަވައިގެން މިއަހަރުގެ ރިޔާސީ އިންތިޚާބު އެއްބުރުން ރައީސް ޞާލިޙަށް ކާމިޔާބު ކޮށްދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
"ގާސިމް ދޫކޮށްލާފައި ސިޔާމް ކައިރިއަށް މިއައީ އެމަނިކުފާނަކީ ވަރަށް އޯގާތެރި ހިންގުންތެރި އެހާމެ ތޫނުފިލި ބޭފުޅަކަށް ވާތީ. ސިޔާމްއާއެކު ނ. އަތޮޅުގެ މެޖޯރިޓީ ރައީސް ޞާލިޙަށް ލިބޭނެކަމާމެދު އެއްވެސް ޝައްކެއް ނެތް،" އަތޫފް ވިދާޅުވިއެވެ.
އަތޫފް ވިދާޅުވިގޮތުގައި ޖޭޕީން ވަކިވެ، އެމްޑީއޭއަށް ސޮއި ކުރެއްވީ އެހާ ކުޑަ ޕާޓީއަކުން އެކަނި ނުކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެތީއެވެ.
މާފަރު ކައުންސިލްގައި އަތޫފްގެ އިތުރުން މިހާރު ތިއްބަވަނީ އެމްޑީޕީގެ ދެ މެންބަރުންނާއި ޑިމޮކްރެޓްސްގެ މެންބަރެކެވެ.